އޮފީހުގައި އުޅޭ ވަގުތުތަކުގައި ލުއިކާނާ ކެއުން މަދުކުރެވޭތޯ ބަލާށެވެ. މެންދުރުގެ ނާސްތާ ގަޑީގައި ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާއެއް ކެވޭތޯ ބަލާށެވެ. ކޮންމެ ދުވަހެއްގެ މަސައްކަތުގައި ހަރަކާތްތެރިވެ އުޅެވޭތޯ ބަލާށެވެ. މިކަންކަމަކީ، ފުރިހަމަ ސިއްހަތަކަށް މުހިންމު ކަންކަމެވެ.

އޮފީހުގައި 8 ގަޑިއިރު ވަންދެން ކޮމްޕިއުޓަރުގެ ކުރިމަތީގައި، ހަފްތާއަކު 5 ދުވަހު މަސައްކަތް ކުރަން އިންނަން ވެއްޖެނަމަ ތިމާގެ ހަށިގަނޑައަށް ވެރިވާނެ ބުރަ އިހްސާސް ކޮށްލާށެވެ. ހަޑިގަނޑަށް އަންނާނެ ބަދަލުތައް ދެނެގަންނާށެވެ. ލޮލަށް ކުރާނެ ބާރު އިހްސާސް ކޮށްލާށެވެ. ތިމާގެ ކަނދުރާއަށް ވާރެ ބުރަ އިހްސާސް ކޮށްލާށެވެ.

އެކުގައި މަސައްކަތް މީހުން ދިއްކޮށްލާ ލުއިކާނާގެ ބާވަތްތަކުން ހަށިގަނޑަށް އިތުރުވެގެންދާ ކެލޮރީގެ ވާހަކަވެސް ހަނދާން ކޮށްލާށެވެ. ގަވާއިދުން ގޭގައި ކައިއުޅޭ މީހެއްނަމަ އޮފީހުގެ އެކުވެރިން ދޭ އެއްޗެހިވެސް ކައިފިނަމަ ހަށިގަނޑަށް އިތުރު ބުރައެއް ކުރިމަތިވީއެވެ. އިތުރު ބަރުކަމެއްވެސް އަންނަގޮތް ވީއެވެ.

އޮފީސް މާހައުލުގައި ދިމާވާ މިފަދަ ކަންކަމުން އަރައިގަންނާނެ ގޮތެއް ގިނަ މީހުންނަކަށް ނޭނގެއެވެ. އެއީ، ޒަމާނުއްސުރެ ހިނގަމުންދާ ކަންކަމަށް ވާތީއެވެ. ގިނަ ފަހަރަށް ތިމާގެ އަމިއްލަ ސިއްހަތާމެދުވެސް މާބޮޑު ފަރުވާލެއް ނުބެހެއްޓޭތީއެވެ.

މިފަދަ ކަންކަމުގެ ހައްލު، ތަޖުރިބާކާރުން ދެމުން ގެންދެއެވެ. އޮތްގޮތަކީ، އެކަމާ ގުޅޭ ސައްހަ ތެދު މައުލޫމާތު ހޯދައި، ތިމާ އޮފީހުގައި އުޅޭ ވަގުތު ކަންކުރަންވީ ވައްޓަފާޅިއަށް ބަދަލު ގެންނަންވީއެވެ. ކުއްލިއަކަށް ނުގެވޭނެމަ ޕްލޭނެއް ހަދައިގެން، ދުރާލާ ރާވައިގެން ކަން ކުރަން ފަށަންވީއެވެ.

އެހެން މީހުން ބުނާނެ ނުވަތަ ކިޔާފާނެ އެއްޗަކަށް ބަލައިގެން ނުވާނެއެވެ. މިއީ، ތިމާގެ އަމިއްލަ ސިއްހަތާގުޅޭ ކަމެކެވެ.

އޮފީސް މަސައްކަތުގެ ތެރޭގައި ފޮނި ކާއެއްޗެއް ފެނިއްޖެނަމަ ވަރަށް ގިނަމީހުން ފޯރި ހުރެއެވެ. ޚާއްސަކޮށް ކޭކް ކަހަލަ އެއްޗެއް ގެނެސްފިނަމަ އެއާހެދި އެންމެން ހިފައެވެ.

މިކަމުން، ދުރުހެލިވުމަށް ކުރެވިދާނެ އެއް ކަމަކީ، އެވަފަދަ ވަގުތުތަކުގައި ގޮނޑިން ތެދުވެގެން ބޭރަށް ނުކުމެ ކުޑަކޮށް ހިނގާލަންވީއެވެ. ކާހިތެއް ނެތްކަމަށް ދައްކަންވީއެވެ.

އޮފީހުގައި އުޅޭއިރު، މާ ބޮޑަށް ބަނޑުހައިވާނަމަ މޭޒުމަތީގައި ފުރުޓެއް ކަހަލަ އެއްޗެއް ބަހައްޓައިގެން ކާނީއެވެ. ފޮނި ނުވަތަ ލުއިކާނާ ކެއުމުގެ ބަދަލުގައި ފުރުޓުކޮޅެއް ކާލާނީއެވެ. އެހެން މީހުންނަށްވެސް އެކަމަށް ހިތްވަރު ދޭނީއެވެ.

ފަލަވުމުގެ މައްސަލައަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ދިމާވެފައިވާ މައްސަލައެކެވެ. މިމައްސަލަ ގިނައިން ގުޅިފައިވަނީ ކެއުމާއެވެ. ތިމާ އުޅޭ އޮފީހުގައިވެސް މިފަދަ މީހުން އުޅެދާނެއެވެ. އެކަމަކު، ޕޮއިންޓަކީ މިއެއް ނޫނެވެ.

ޕޮއިންޓަކީ، ތިމާއާއެކު އޮފީހުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ޑައިޓުގައި އުޅެނީ ކިތައް މީހުން ކަމެކެވެ. އެކަން އެނގޭ ހެއްޔެވެ؟ ހަމަ ޔަގީނުންވެސް އެނގޭ ކަމަކީ، މަދުވެގެން އެކަކު ނުވަތަ އެއަށް ވުރެންވެސް ގިނަމީހުން އުޅޭނެ ކަމެވެ.

އޮފީހުގައި އުޅޭ ވަގުތުތަކުގައި ރަނގަޅަށް ފެން ބުއިމަކީ މުހިންމު ކަމެކެވެ. ދުވާލެއްގެ މައްޗަށް އިންސާނާއަށް މަދުވެގެން 8-10 ތަށި ފެން ބޭނުންވާއިރު އެ ވަރަށް ފެން ބޯނަމަ ހަށިގަނޑަށް ބޭނުންވާ ފެން ހުންނާނީ ރަނގަޅަށް ލިބިލިބިއެވެ. ފެން މަދުވުން ނުވަތަ ކަރުހިއްކުމުގެ މައްސަލައެއް ދިމާނުވާނެއެވެ.

ގިނަ ކާނާއަކީވެސް ފެން ލިއްބައިދޭ ބާވަތްތަކެވެ. މިސާލަކަށް އޮރެންޖް، މޭބިސްކަދުރު، ކަރާ، އާފަލުކަހަލަ މޭވާއަކީވެސް ފެން ލިއްބައިދޭ ތަކެއްޗެވެ. އެހެންކަމުން، މި ބާވަތުގެ ފުރުޓު ކައި އުޅުމަކީވެސް ހަށިގަނޑަށް ބޭނުންވާ ފެން ލިބޭނޭ ކަމެކެވެ.

އޮފީހުގައި ވަކި ކަހަލަ މަސައްކަތެއް ކުރާ މީހުން ކޮމްޕިއުޓަރު ކައިރިން ތެދުވެގެން ދުރަށް ދާން ވަގުތެއް ކަނޑައެޅުންވެސް މުހިންމެވެ. މިސާލަކަށް ވޯޓަރ ބްރޭކް ނުވަތަ މެންދުރުގެ ކެއުމުގެ ވަގުތެވެ. ތެދުވެލައި އޮފީސްތެރޭ ކުޑަކޮށް ހިނގާލާށެވެ. ނުވަތަ އޮފީހުން ބޭރަށް ނުކުމެ ހިނގާލައި ސާފު ވައި ހޯދާލާށެވެ. އެއީ، ތިމާ ފްރެޝް ވެލުމުގެ އިތުރުން، ކެލޮރީކޮޅެއް ވިރުވުމަށްވެސް ލިބޭނޭ ފުރުސަތަކަށް ވާނެއެވެ. އެކަނި ނުދެވޭނަމަ އޮފީސް ކުއްޖަކާ އެކުގައި ދާށެވެ.

ގިނައިރު ފޯނުން ވާހަކަ ދައްކަން ހުންނަންޖެހޭ އަދި ޓައިޕްކުރަން ތިބެންޖެހޭ ވަޒީފާތަކުގައި އުޅޭ މީހުން ވިސްނަންޖެހޭ ވަރަށް ގިނަ ކަންކަން ހުރެއެވެ. ގޮނޑީގެ ފަހަތުގައި ބޯ ޖައްސައިގެން ނުވަތަ ކުރިއަށް ބެންޑުވެގެން ގިނައިރު އެގޮތަށް ހުންނަން ޖެހުމަކީ ކަނދުރާގައި ރިއްސައި، މަސްގަނޑު ހަރުވާ ކަމެކެވެ. އެއީ، ބައްޔަކަށް މަގުފަހިވާ ކަމެއްވެސް މެއެވެ.

ނުވަތަ ފޯނު ކަންފަތުގައި ޖައްސައިގެން މޫނު އެއްފަރާތަށް އަނބުރައިގެން ގިނައިރު ހުރުމަކީވެސް ކަނދުރާގައި މައްސަލަ ޖެހިދާނޭ ކަމެކެވެ. ހެޑްސެޓަކީ މިކަމުގެ ހައްލެވެ. އޭރަށް ދިމަދިމާއަށް މޫނު އަނބުރައިގެން ހުރެވެސް ވާހަކަ ދެއްކޭނެއެވެ.

ކޮމްޕިއުޓަރު ކުރިމަތީގައި ގިނައިރު ހުރުމަކީ ވަރަށް އަވަހަށް ލޮލުގެ މައްސަލަޖެހޭ ކަމެކެވެ. ލޮލުގައި މައްސަލަ ޖެހޭނަމަ ބޮލުގައި ރިއްސުމާއި، ކޮމްޕިއުޓަރަށް ބަލަން އުނދަގޫވުމާއި، ފޯކަސްކުރަން އުނދަގޫވުމާއި، އަލިވީމާ އުނދަގޫވުންވެސް ހިމެނެއެވެ.

މިކަމަށް އޮތް ހައްލަކީ އަތްދަނޑިއެއްހާ ދުރުމިނުގައި ކޮމްޕިއުޓަރުގެ ސްކްރީން ބެހެއްޓުމެވެ.

އޮފީހުގައި ތިމާ ބޭނުންކުރާ ކޮމްޕިއުޓަރުގެ ކީބޯޑާއި، މައުސްއާއި، ފޯނުގައި އެތައްހާސް ޖަރާސީމެއް ހުންނާނެއެވެ. އެތަކެތީގައި އަތްލައި، ނޭނގި ނަމަވެސް ތިމާގެ ހަށިގަނޑަށް ވާސިލްވުމަކީ ތިމާ ބަލިތައް ޖެހޭނޭ ކަމެކެވެ. ވުމާއެކު، އެފަދަ ތަކެތި ސާފުކުރުން ނުވަތަ ޑިސްއިންފެކްޓް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިކަންކަމުގެ އިތުރުންވެސް، އޮފީހުގައި ލިފްޓް ހުރި ނަމަވެސް، ސިޑިން އަރައި ފޭބުމަށް އާދަކުރަން މާހިރުން ވިދާޅުވެއެވެ. އެއީ، ތިމާއަށް އޭގެ ފައިދާ އެތައްގުނަ ލިބޭނޭ ކަމަކަށް ވާތީއެވެ.

މިހުރީ ހައްތަހާވެސް އޮފީހުގައި އުޅޭއިރު ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ އެތައް ކަމެއްގެ ތެރެއިން ބައެއް ކަންކަމެވެ.