ރާއްޖޭގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރި ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވަމުންދާތީ އެކަން މައިތިރި ކުރުމަށް އެޗުޕީއޭއިން އަޅައިފައިވާ އައު ފިޔަޅުތައް ތަންފީޒު ކުރުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލި އަންގަވައިފިއެވެ.

އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ސިފައިންނާއި ފުލުހުން ގުޅިގެންނެވެ.

އެޗުޕީއޭގެ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް އަމަލުކުރާކަން ކަށަވަރު ކުރުމަށް އަންގަވާފައިވަނީ ފުލުހުންނާއި ސިފައިންނަށެވެ. އިއްޔެ އެކަނި ވެސް ރާއްޖެއިން ވަނީ 1501 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު އެކްޓް ކޭސް ވަނީ 11،629 އަށް އަރައިފައެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވަނީ 1229 މީހެކެވެ. ރަށްރަށުން ޕޮޒިޓިވްވެފައިވަނީ 265 މީހުންނެވެ. ރިސޯޓު ތަކުން ޕޮޒިޓިވް ވެފައިވަނީ 7 މީހެކެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 87 މީހަކު ނިޔާވެފައެވެ. 247 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.