ހުޅުމާލެ ފޭސް 2 އަށް އަރަން އޮންނަ ކަނެކްޓިން ބްރިޖް އާންމުންނަށް ހުޅުވާލުމާއެކު މިދުވަސްކޮޅަކީ މާލެ ހުޅުމާލޭގެ ރައްޔިތުން އެސަރަހައްދަށް ޒިޔާރަތްކުރުން ގިނަ ދުވަސްކޮޅެކެވެ. ހަވީރުގެ ވަގުތުތަކުގައި ފޭސް 2 އަށް ވަދެލުމުން އެސަރަހައްދަށް މީހުން ޒިޔާރަތް ކުރާވަރު ފެންނާނެއެވެ. ސައިކަލްތަކާއި ކާރުތަކުގައި މީހުން އެދިމާއަށް ދަތުރުކުރާއިރު ފޭސް 2 އަށް ޓެކްސީގައި ދަތުރުކުރާ މީހުންވެސް މަދެއް ނޫނެވެ. އުފެދޭ ސުވާލަކީ ހުޅޫމާލެ ފޭސް 2 އަށް ދަތުރުކުރަން ވަކި އަގެއް ޓެކްސީ ޑްރައިވަރުންނަށް ހަމަނުޖެހިގެން މިއުޅެނީ ކީއްވެތޯއެވެ؟ ހުޅުމާލެ ފޭސް 2 އިން މާލެ އަށް، މާލެ އިން ފޭސް 2 އަށް ޓެކްސީއެއްގައި ނަގާ އަގަކީ ކިހާ ވަރެއްތޯއެވެ؟ މިއީ އާއްމުންނަށް އިނގެން ބޭނުންވާނެ ޖަވާބެއްކަން ޔަޤީނެވެ.

ހުޅުމާލެ ފޭސް 2 އަށް ދަތުރުކުރަން ވަކި އަގެއް ކަނޑައެޅިފައިނުވާއިރު ޑްރައިވަރުން ދަތުރުތަކަށް އެކި އަގު ނަގާތީ އަނެއްކާވެސް އާންމުން މިދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސިނަމާލެ ބްރިޖް ހުޅުވުމާއެކު ވައިގައި ހިފި އެންމެ ބޮޑު ވާހަކަ އަކީ ޓެކްސީ ޑްރައިވަރުން ނުއަގުގައި ދަތުރުކުރާ ވާހަކައެވެ. ސަބަބެއް ކަމަށް ޑްރައިވަރުން އޭރު ބުނަމުންދިޔައީ އޭރުގެ ސަރުކާރުން އެކަށީގެންނުވާ ވަރަށް ވުރެ ކުޑަ އަގެއް ދަތުރުތަކަށް ކަނޑައަޅާފައިވާ ކަމަށެވެ. މި ސަރުކާރު އައުމާއެކު ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓެކްސީ ޑްރައިވަރުންނާއި ދެމެދު ކުރެވެމުން ދިޔަ ހޫނު ބަހުސް ތަކަށް ފަހު އެމައްސަލަ ހައްލުވީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރައްވާ ސިނަމާލެ ބްރިޖް ހުރަސްކޮށް މާލެ ހުޅުމާލެއަށް ދަތުރުކުރެވޭނެ ވަކި އަގުތަކެއް ކަނޑައެޅުމުންނެވެ. ޓެކްސީ ޑްރައިވަރުންގެ ހިތްހަމަނުޖެހުން މިކަމުގައި އޮތް ނަމަވެސް އާންމުންގެ ފަރާތުން އިވެމުން ދިޔަ ޝަކުވާތައް ހުއްޓުނެވެ. މިހާރު މިއޮތީ ހުޅުމާލެ ފޭސް 2 ހުޅުވި ދަތުރުތައް ފެށިފައެވެ. ހުޅުމާލޭގައި ހަރުދަނާ ޕަބް؛ލިކް ޓްރާންސްޕޯޓް ނިޒާމެއް އޮތުމަކީ ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީގެ މައިގަނޑު އެއް އަމާޒެކެވެ.

ހުޅުމާލެ ޑްރައިވާސް އެސޯސިއޭޝަންގެ އިންތިޒާމް ސެކެޓްރީ އަހުމަދު އަޒްލީމް ވިދާޅުވީ ބްރިޖް ހުޅުވުމުގެ މާކުރިންވެސް ފޭސް 2 ގެ ބޮޑު މަންޒަަރު ޓެކްސީ ޑްރައިވަރުންނަށް ފެންނަ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އެޗްޑީސީއާ މީގެ ކުރިންވެސް މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން " ޑިސްޓޭންސް ޗާޖް" ކުރާ ގޮތަށް ޓެކްސީ އަގު ފާސްކުރުމާމެދު އެޗްޑީސީ އާ މަޝްވަރާކުރެވުނު ކަމަށް އަޒްލީމް ވިދާޅުވިއެވެ. ނަމަވެސް ޓެކްސީ އަގަށް ބަދަލު ގެންނަން ނުފެންނަ ކަމަށް އެޗްޑިސީން ބުނެފައިވާ ކަމަށް އަޒްލީމް ފާހަގަ ކުރެއްވިއެވެ.

ޑިސްޓޭންސް ޗާޖް ކުރާ ގޮތަށް ޓެކްސީ ދަތުރުގެ އަގުތަށް ކަނޑައެޅުމަކީ ގިނަ ޑްރައިވަރުން ފެންމަތިކުރާ މައްސަލަ އެއް ނަމަވެސް އެއްވެސް ސަރުކާރަކުން މިވީހާތަނަށް އެކަމަށް އެދެވޭ ހައްލެއް ހޯދާދީފައި ނުވާ ކަމަށް ބައެއް ޓެކްސީޑްރައިވަރުން ބުނެއެވެ.

" މިސާލަކަށް ހުޅުމާލެ ފޭސް 2 އެންމެ ކޮޅުން ނުވަތަ ފަރުކޮޅުފުށިން ދަރުމަވަންތަ ހޮސްޕިޓަލަށް ކުރާ ދަތުރާ ، ހުޅުމާލެ ރެހެންދި ސުކޫލު ހުންނަ ހިސާބުން މާލެ ސެނެހިޔާ އަށް ކުރާ ދަތުރުގެ އަގު އެއްވަރެއްގައި އޮތުމީ ހަމަޖެހޭ ކަމެއް ނޫން. ޤަބޫލުކުރެވޭ ގޮތުގައި މާލެ ވިލިނގިލި ތިލަފުށި އަދި ގުޅީފަޅު ބްރިޖްވެސް އަޅާނެ . އޭރުން ދަތުރުކުރަން ހޭދަވާ ވަގުތާ ދުއްވަން ޖެހޭ ދުރުމިން އިންތިހާޔަށް ދިގުވެގެންދާނެ" އަޒްލީމް ވިދާޅުވިއެވެ.

އަޒްލީމް އިތުރަށް ވިދާޅުވީ ގިނަ ޑްރައިވަރުން އެއްބަސްވާ ގޮތުގައި ފިޒިކަލް މީޓަރ ތަކެއް ނެތަސް ޓެކްސީ އެޕް ބޭނުންކޮށްގެން ޑިސްޓޭންސް އަށް ދަތުރު ކުރެވޭ ގޮތް ހެދިދާނެ ކަަމަށެވެ. އަދި ބުކިންގް ފީ ނުވަތަ ފަށާ ރޭޓް އެއް ހެދުމަށްފަހު ދަތުރުކުރާ ކޮންމެ ކިލޯ މީޓާރ އަކަށް ވަކި ރޭޓެއް ހަމަޖެހުނީމަ ދަތުރު ބުކް ކުރާ އިރު ކަސްޓަމަރުންނާއި ޑްރައިވަރުންނަށްވެސް އަގު ފެންނާނެ ކަމަށެވެ. ތަހުޒީބުވެފައިވާ ޤައުމުތަކުގައިވެސް ޓެކްސީ ދަތުރު ކޮށްދެނީ މިފަދަ ގޮތަކަށެވެ.

މިގޮތަށް ކަންކަން ހަމަޖެހުމުން ޓްރާންސްޕޯޓް އޮތޯރިޓީ އަށް ކަންކަން މޮނިޓަރ ކުރަން ފަސޭހަވެ ހިދުމަތުގެ ފެންވަރު ރަނގަޅުވެ ޓެކްސީގެ ހިދުމަތް ލިބިގަންނަ ފަރާތްތަކާ ޑްރައިވަރުންނާއި ދެމެދު އިތުބާރު އުފެދިގެންދާނެ ކަން ޔަޤީނެވެ.

މާލެ ހުޅުމާލެ ބްރިޖްގެ އިތުރުން ސަރުކާރުން އެޅުމަށް ނިންމާފައިވާ ބްރިޖްތައް ގިނައިރު ރައްޔިތުން ޝަކުވާކޮށް ޓެކްސީ ޑްރައިވަރުން ރުޅިގަދަވުމުގެ ކުރީގައި ޓްރާންސްޕޯޓް އޮތޯރިޓީން އަގުތަކަށް ބަދަލު ގެނެސް ހަރުދަނާ އުސޫލުތަކެއް ޤާއިމުކުރާކަށް ނުވޭތޯއެވެ؟

ދެމެހެއްޓެނިވި ހަރުދަނާ ނިޒާމެއްގެ ދަށުން މިކަންކަމަށް އެދެވޭ ހައްލެއް ނުލިބޭހާ ހިނދަކު އެކަށިގެންވާ ވަރަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރު ކުރަމުން ދާނެ ކަން ޔަޤީނެވެ. ހުޅުމާލެ ފޭސް 2 ހުޅުވުމުންވެސް މި ފެންނަނީ އެމަންޒަރެވެ. އަނެއްކާވެސް އާންމުންނާއި ޓެކްސީ ޑްރައިވަރުންނާ ދެމެދު ކޯޅެން ނުފަށަނީސް ޓްރާންސްޕޯޓް އޮތޯރިޓީން މިކަމަށް ހައްލެއް ހޯދާ ދެއްވާށެވެ.