މިއަދު މަޣުރިބު ނަމާދަށް ފަހު މާލޭ ސަރަހައްދު (މާލެ، ހުޅުމާލެ. ވިލިމާލެ) ގެ މިސްކިތަކުގައި ފަރުޟު ފަސްނަމާދާއި، ހުކުރު ނަމާދާއި ޢީދު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހަދާ ގޮތަށް އިސްމިކް އެފެއާޒު މިނިސްޓްރީން ނިންމަވައިފިއެވެ.

އެ މިނިސްޓްރީން މިގޮތަށް ނިންމެވީ ކޮވިޑް-19 ހަލުއި ކަމާއެކު ރާއްޖޭގައި ފެތުރެމުންދާތީ އެކަން ހުއްޓުވުމުގެ ގޮތުންނެވެ. މި ފިޔަވަޅު އަޅުއްވަން ނިންމެވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިންނެވެ.

މިނިސްޓްރީން ވިދާޅުވެފައިވަނީ މިހާލަތުގައި ވެސް މިސްކިތްތަކުގައި ބަންގި ގޮވަންޖެހޭނެ ކަމަށެވެ. އަދި ބަންގީގެ ފަހުގައި "ޞައްލޫ ފީ ބުޔޫތިކުމް" މިފަދައިން ދެފަހަރު ގޮވުމަށް އިމާމުންނަށް ވަނީ އަންގަވާފައެވެ.

މިހާލަތުގައި މިސްކިތުގައި ޖަމާއަތް ހަދައިގެން ނަމާދު ނުކުރި ކަމަށް ވިޔަސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާ ކުރުމަށާއި ސުންނަތް ނަމާދު ގިނަ ކުރުމަށް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ. އޭގެ އިތުރުން ޤުރުއާން ކިޔެވުމަށާއި ގިނަގިނައިން ދުޢާކޮށް އިސްތިޣުފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރައްވާ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ދެމުންގެންދާ އިރުޝާދުތަކަށް ތަބާ ވުމަށާއި ﷲ ގެ ރަޙުމަތުން މާޔޫސް ނުވެ ސަބަބުތަކުގައި ހިފައި ފުރިހަމަށް ﷲ އަށް ވަކީލުކޮށް އުޅުމަށް ވެސް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެވަޑައިގެންފައި ވެއެވެ.