ކޮވިޑަށް ފަރުވާ ދެމުން ދިޔަ އިތުރު ދިވެއްސަކު ރޭ މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓް ކޮށްފައި އޮތް 63 އަހަރުގެ އަންހެނަކު މިރޭ 11:53 ގައި މަރުވެފައިވާ ކަމަށެވެ.

މިއީ ހުކުރު ދުވަހު މި ބަލީގައި ނިޔާވި 5 ވަނަ މީހާއެވެ.

ކޮވިޑުގައި އިއްޔެ ފުރަތަމަ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ ރޭ މެންދަމު 2:24 ގައެވެ.

ދެވަނަ މީހާއަކީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި ދިވެހި ފިރިހެނެކެވެ. އުމުރުން 64 އަހަރުގެ އެ މީހާ މަރުވީ ހެނދުނު 6:30 ގައެވެ.

ތިން ވަނަ މީހާ މަރުވީ ދަރުމަވަންތު ހޮސްޕިޓަލުގެ 11 ވަނަ ބުރީގައި ގާއިމުކޮށްފައިވާ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. މިއަދު ހެނދުނު 9:05 ގައި މަރުވި އެމީހާއަކީ 86 އަހަރުގެ ދިވެހި އަންހެނެކެވެ.

ހަތަރު ވަނަ އަށް މަރުވީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ އައިޖީއެމްއެޗަށް އިމަޖެންސީ ރޫމަށް ގެނައި ފަހުން މަރުވި މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 92 މީހުންގެ ތެރޭގައި ހިމެނެނީ 81 ދިވެހިންނާއި 11 ބިދޭސީންނެވެ.