ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު މިއަދު މަރުވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11ގައި ފަރުވާދެމުން ދިޔަ 56 އަހަރުގެ އަންހެނަކު މިއަދު ފަތިހު 4:41 ގައި މަރުވެފައިވާ ކަމަށެވެ. މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 100 ވަނަ މީހާއެވެ.
މިއީ ފާއިތުވެދިޔަ ހަތަރު ދުވަސްތެރޭ ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި 14 ވަނަ މީހާއެވެ.
އިއްޔެވެސް ރާއްޖެއިން ކޮވިޑް-19 ޖެހިގެން ހަތަރު މީހަކު ވަނީ މަރުވެފައެވެ. މެއި މަހަކީ ކޮވިޑް-19 ފެތުރެން ފެށިފަހުންވެސް ރާއްޖެއިން މިބަލީގައި އެންމެ ގިނަ ބަޔަކު މަރުވި މެހެވެ. އެގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއިން 26 މީހަކު ކޮވިޑް-19 ގައި ވަނީ މަރުވެފައެވެ.