އދގެ އާންމު މަޖިލީހުން ވަނީ ރައްޔިތުން ހިމާޔަތް ކުރުމުގެ ޒިންމާ: ރައިޓް ޓު ރެސްޕޮންސިބިލިޓީ (އާރް2ޕީ) ގަރަރު ފާސްކޮށްފައެވެ. ރުވަންޑާ އާއި ކެނެޑާ އިސްވެ އޮވެގެން އެތައް ގައުމެއް ބައިވެރިވެގެން ހުށަހެޅި، މި ގަރާރަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި އަދި ކޮންމެ ހިނދެއްގައިވެސް ނުރައްކަލަށް ހުށަހެޅިފައިވާ އާބާދީއަކަށް ބޮޑެތި އަނިޔާތަކެއްދީ ހަދަނީނަމަ، އެމީހުން ރައްކާތެރި ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައިން ހަރަކާތްތެރިވުމަށް ބާރު ދިނުމަށް އެކުލަވާލި ގަރާރެކެވެ. ބޮޑެތި އަނިޔާ ތަކުގައި ހިމެނެނީ، ގަތުލުއާންމު، ހަނގުރާމައިގެ ޖަރީމާތަކާއި، ނަސްލު ނެތިކޮށްލުމާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކެވެ.

އދގެ އާންމު މަޖިލީހުގެ 75 ވަނަ ދައުރުގައި އާރް2ޕީ ގަރާރު ފާސް ކޮށްފައި ވަނީ 115 ގައުމަކުން ވޯޓް ލައިގެންނެވެ.

އާރް2ޕީ ޑޮކްޓަރީންއަކީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުން ގެންދާ އުދުވާނީ ހަމަލަތކާ ގުޅިގެން އިންޓަރނޭޝަނަލް ރިލޭޝަންއާ ގުޅޭ ބަހުސްތަކުގައި ވަރަށް ދެކެވޭ މައުޟޫއެކެވެ.

މި ގަރާރު ފާސްވުމާ ގުޅިގެން އެކަމަށް ތައުރީފް ކުރައްވަމުން އިންތަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރު ފާތޫ ބެންސޫދާ ވިދާޅުވީ މިއީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ މަސައްކަތަށް ލިބިގެން ދިޔަ ކުރިއެރުމެކެވެ. އަދި މިއީ ބައިނަލްއަގްވާމީ ގާނޫ ނެގެހެއްޓުމަށްވެސް ލިބިގެން ދިޔަ ބާރެއް ކަމަށެވެ.

ބެންސޫދާއަކީ އެމެރިކާއާއި އިޒްރޭލުން ބެލެކް ލިސްޓްކޮށްފައިވާ މީހެކެވެ. އޭނާ ވަނީ އިޒްރޭލާއި ފަލަސްތީނުގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގެއް ފަށްޓަވާފައެވެ.

މި ގަރާރު އައިސްފައިވަނީ އިޒްރޭލުން އިސްރިއުމާރުކޮށްފައިވާ ފަލަސްތީނު ރައްތިތުންނާ ދެކޮޅަށް މެދު ނުކެނޑި ހަމަލަދީ، ހިންގަމުން ގެންދާ ހަނގުރާމަިއގެ ޖަރީމާތައް ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގޮވާލަމުންދާ ދަނޑި ވަޅެއްގައެވެ.