ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޢަދަދު އިންތިހާއަށް ރާއްޖޭގައި އިތުރުވުމާ ގުޅިގެން ހަމައެކަނި ހައިރިސްކު މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާގޮތަށް ހަމަޖައަސައިފިއެވެ. ހައި ރިސްކު މީހުންގެ ގޮތުގައި ކަނޑައަޅާފައިވަނީ 60 އަހަރުންމަތީގެ މީހުންނާއި، މާބަނޑު މީހުންނާއި، ނޭވާލުމުގައި ދަތިތައް ކުރިމަތިވާމީހުންނާއި، ނުކުޅެދުން ތެރިކަން ހުންނަ މީހުންގެ އިތުރުން 1 އަހަރުން ދަށުގެ ކުޑަކުދިންނެވެ.
އެޗް.އީ.އޯ.ސީ އިން ހާމަކުރެއްވިގޮތުގައި މި އުސޫލަށް ބަދަލުގެނެސްފައިވަނީ ހައި ރިސްކު މީހުން އަވަހަށް ދެނެގަތުމުގެ މަޤްޞަދުގައެވެ. މިގޮތަށް އުޞޫލު ބަދަލުކުރުމުން އެ ފަރާތްތަކަށް އަވަހަށް ފަރުވާދިނުމަށް ވެސް ފަސޭހަވާނެ ކަމަށް އެފަރާތުން ހާމަކޮށްފައިވެއެވެ.
އެޗް.އީ.އޯ.ސީ އިން އިތުރަށް ވިދާޅުވީ ހުރިހާ ކޮންޓެކްޓުން ދެނެގަތުމަށްޓަކައި ވަރަށް ގިނަވަގުތު ނަގާކަމަށެވެ. އެގޮތުން ހައިރިސްކު މީހުން ދެނެގަނެ އެމީހުނަށް ފަރުވާ ދިނުމަށް ވަގުތު ނަގާކަމަށްވެސް އެ އެޖެންސީއިން ހާމަކުރެއެވެ. މި ބަދަލު ގެނެސްފައިވަނީ ހަމަ އެކަނި މާލެ ސަރަހައްދަށް ކަމަށްވެސް ހާމަކުރައްވައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުގައި ކޮވިޑް-19 ހަލުވިކަމާއެކީ ފެތުރޭ ދުވަސްވަރެއްކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. އެގޮތުން އިއްޔެ އެކަނިވެސް މުޅި ރާއްޖެއިން 2194 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރެއިން 1698 މީހުންނަކީ މާލެއިން ކޮވިޑް-19 އަށް ފައްސިވިމީހުންނެވެ. އަތޮޅުތަކުން އިއްޔެ ކޮވިޑް-19 އަށް ފައްސިވެފައިވަނީ 467 މީހުންނެވެ. އަދި ރިޒޯޓުތަކުން 29 މީހަކު ވަނީ އިއްޔެ ފައްސިވެފައެވެ. ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 50802 މީހުންވަނީ ފައްސިވެފައެވެ. އަދި 30403 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިބަލީގައި ރާއަޖެއިން ނިޔާވެފައިވަނީ 114 މީހުންވެ.
ކޮވިޑް-19 އާ ގުޅެގޮތުން ރާއްޖޭގައި ހަރުކަށި ފިޔަވަޅުތަކެއްވަނީ މިހާރު އިއުލާން ކޮށްފައެވެ. އެގޮތުން ހަވީރު ހަތަރުން ފަތިހު ހަތަރަކާ ހަމައަށް މީހުން ނުކުމެ އުޅުމާއި އިންޖީނުލީ އެއްޗެތި ދުއްވުމަކީ މަނާކަމެކެވެ. މިކަމަށް ޢަމަލު ނުކުރާމީހުން ޖޫރިމަނާ ކުރުމަށްވެސް ސަރުކާރުންވަނީ ނިންމާފައެވެ. ސައިހޮޓާފަދަ ތަންތަންވެސް މި ގަޑިތަކުގައި ބަންދުކުރުމަށް ވަނީ އަމުރުނެރެފައެވެ. މީގެ އިތުރުން ޕާކުތަކާއި ކުޅިވަރު ކުޅޭތަންތަންވެސް ވަނީ ބަންދުކުރުމަށް އަންގާފައެވެ.