ކިރިގީޒިސްތާންގެ ރައީސް މަގާމުން ދުރުވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. މި ގައުމަކީ މުޒާހަރާތައް ގިނެ، ސިޔާސީ ހަމަނުޖެހުމެއްގައި އޮތް ގައުމެކެވެ.

ހޮނިހިރު ދުވަހު މުޒާހަރާ ކުރާ މީހުން ޖަލުން ނެރުނު ކުރީގެ ބޮޑު ވަޒީރު ސަދީރް ޖާޕަރޯވް ޕާލަމެންޓަށް ގެނަސް ކިރިގީޒިސްތާންގެ ޕާލަމެންޓުން ވަނީ ބޮޑު ވަޒީރުކަމުގެ ހުވައި ލައިދީފައެވެ.

ޖާޕަރޯވްގެ ސަޕޯޓަރުން ވަނީ ވެރިރަށް ބިޝްކެކުގެ މަގުތަކަށް ނިކުމެ އުފާފާޅުކޮށް ފައެވެ. އެއަށްފަހު، ޖާޕަރޯވް ވަނީ ރިއާސީގަނޑުވަރުގައި ރައީސް ސޫރޫންބޭ ޖީންބެކޯވްއާ ބައްދަލުކުރައްވާފައެވެ. އަދި އޭނާ އިސްތިއުފާ ދެއްވުމަށް އެދި ވަޑައިގެންފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖާޕަރޯވް ވިދާޅުވެފައިވަނީ ދެ ތިން ދުވަސް ތެރޭ ރައީސް އިސްތިއުފާ ދެއްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރައީސް ނެތް ހާލަތެއްގައި ވަގުތީ ރައީސަކަށް ހުންނަވާނީ ޕާލަމެންޓްގެ ރައީސެވެ. މިމަގާމު އަދި އޮތީ ހުސްކޮށެވެ. އެހެންވެ، އެމަގާމުވެސް ވަގުތީ ގޮތުން ފުރުއްވާނީ ޖާޕަރޯވް ކަމަށް ބެލެވެއެވެ.

ސަޕޯޓަރުން ޖަލަށް ހަމަލަ ދީގެން ޖާޕަރޯވްއާއެކު ކުރީގެ ރައީސް އަލްމާޒްބެލް އަތަމްބަޔޭވް ވެސް މިނިވަން ކުރިއެވެ. ނަމަވެސް އޭނާއާއި ސަޕޯޓަރުން ހަމަނުޖެހުން އުފެއްދުމަށް ރޭވިކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އަލުން، އޭނާ ހައްޔަރުކޮށް އަނެއްކާވެސް ޖަލަށް ފޮނުވާފައެވެ.

ޖާޕަރޯވް 2017ގައި 11 އަހަރަށް ޖަލަށް ލާފައިވަނީ، މީހުން ރަހީނުކުރުމުގެ މައްސަލައެއްގައެވެ. އޭނާ މިނިވަން ވުމާއެކު އޭނާގެ މައްސަލަ ކޯޓުން ވަނީ ބާޠިލު ކޮށްފައެވެ.

ރަޝިޔާގެ ގާތް ގައުމެއްކަމަށްވާ ކިރިގީޒިސްތާންގައި ހަމަނުޖެހުން ހިނގާއިރު، އަނެއް އަވަށްޓެރިޔާ ބެލަރޫސްގައިވެސް މުޒާހަރާތައް ކުރެވެމުން ދެއެވެ. އަދި އަޒަރުބައިޖާންގެ ނަގޯރްނޯ ކަރަބާޚްގެ ހަނގުރާމައަކީވެސް މޮސްކޯ ނުތަނަވަސް ވާނެ ކަމެކެވެ.