މާލެ ސަރަހައްދުތަކުގެ ސްކޫލުތަކުގެ ގުރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް ސްކޫލުތަކުގައި ކިޔަވައިދޭން ފެށުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމަވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ ކޮވިޑް 19 ގެ ހާލަތަށް ރިއާޔަތްކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭގެ ލަފާގެ މަތިން މާލެ ސިޓީގެ ސްކޫލުތަކުގެ ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް ސްކޫލްތަކުގައި ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ. މިދެ ގުރޭޑްގެ ދަރިވަރުންގެ ތެރެއިން ގްރޭޑް 8ގެ ދަރިވަރުންގެ ކިޔެވުން ސްކޫލުތަކުގައި ފެށުމަށް ނިންމަވާފައި ވަނީ، މިހިނގާ އޮކްޓޫބަރުމަހުގެ 19 ވާ ހޯމަ ދުވަހުން ފެށިގެންނެވެ.އަދި ގުރޭޑް 7 ގެ ދަރިވަރުންނަށް ސްކޫލުތަކުގައި ކިޔަވައިދޭން ފެށުމަށް ނިންމަވާފައިވަނީ، މިހިނގާ އޮކްޓޫބަރު މަހުގެ 25ވާ އާދީއްތަ ދުވަހުން ފެށިގެން ކަމުގައިވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ ވިދާޅުވެފައެވެ.

ކޮވިޑުން ރައްކާތެރިވާން މާޗު 12 ގައި ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދުކުރުމަށް ފަހު އަލުން ކިޔަވައިދޭން ފެށީ ޖުލައި 1 ގަ އެވެ. އޭރު ވެސް މާލެ ސަރަހައްދުގެ ސްކޫލްތައް ހުޅުވީ ގްރޭޑު 9-12ގެ ދަރިވަރުންނަށެވެ. އެކަމަކު މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވުމުން އޮގަސްޓް 9 ގައި، ސްކޫލްތައް އަނެއްކާވެސް ބަންދުކުރި އެވެ.

އަދި މާލެ ސަރަހައްދުގެ ހާލަތު ރަނގަޅުވާން ފެށުމުން ގުރޭޑް-9ން 12 އާއި ދެމެދުގެ ގުރޭޑްތަކުގެ ދަރިވަރުންނަށް އަލުން ސްކޫލުތަކުގައި ކިޔަވައިދޭން ފެށީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ.

ސްކޫލުތަކުގައި ކިޔަވައިދިނުން މެދު ކަނޑާލި ނަމަވެސް، ޓެލެކުލާސްތަކާއި އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވައިދެމުން ގެންގޮސްފައި ވެއެވެ.