މި ދުވަސްވަރަކީ ކޮންމެ މީހަކުވެސް ތިމާގެ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަ ކުރަން ބޭނުންވާނެ ދުވަސް ކޮޅެކެވެ. ނުރައްކާތެރި މި ބަލި މަޑުކަމުގައި ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށް ބެހެއްޓުމަކީ ވެސް ވަރަށް މުހިންމު ކަމަކެވެ. މިހާރު ކޮންމެ މީހަކުވެސް ބަލާނީ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަ ކުރެވޭނީ ކިހިނެއްތޯ އެވެ.

ތިރީގައި އަޅުގަނޑު މި ލިޔެލަނީ ޓައިމްސް އޮފް އިންޑިއާގައި ލިޔެފައިވާ، ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ހުސް ގޮހޮރާ ބޭނުން ކުރެވިދާނެ ބައެއް ކާއެއްޗެއްސެވެ.

ލޮނުމެދު

ލޮނުމެދުގައި އެކުލެވިގެން ވާ "އެންޓިބައޯޓިކް" އަދި "އެންޓިބެކްޓީރިއަލް" ގެ ސަބަބުން ގުދުރަތީ ގޮތުން ހަށިގަނޑު އިންފެކްޝަން ތަކުން ސަލާމަތް ކޮށްދެއެވެ. މީގެ އިތުރަށް ހަކުރާއި ލޭ މައްޗައް ދިއުން ފަދަ ކަންތައް އެއްވަރެއްގައި ހިފަހައްޓައި ދެއެވެ. އަދި ހިތުގެ ބަލިތަކުން ދުރުކޮށްދީ ފުއްޕާމޭގެ މައްސަލަތައް މަދުކޮށްދެއެވެ. މިގޮތުން ހެނދުނު ހުސް ގޮހޮރާ ދެ ލޮނުމެދު ޗަސްކޮށްލައިގެން ނަމަވެސް ހޫނު ފެނާ އެކު ބުއިން ރަނގަޅެވެ. ލޮނުމެދަކީ ވަރަށް ރަހަގަދަ އެއްޗަކެވެ. ވީމާ، ބައެއް މީހުން ތަވާމަތީގައި ލޮނުމެދު ބާއްވައިގެން ހަނާކޮށްގެން ވެސް ހުސް ގޮހޮރާ ކާލައެވެ.

މާމުއި

މާމުޔަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެއްކަން އަހަރެމެން އެންމެންނަށްވެސް އެނގެއެވެ. މާމުޔަކީ ހަމަށް ވެސް ވަރަށް ފައިދާ ހުރި އެއްޗެކެވެ. އެހެން ކަމުން އެއް މޭޒުމަތީ ސަމުސާ މާމުއި ހޫނު ފެންފޮދެއްގައި ގިރާލައިގެން ހުސްބަނޑާ ބޯލުން ރަނގަޅެވެ. ބައެއް މީހުން މިގޮތަށް ބޯއިރު ލުނބޯ ހުތް ކޮޅެއްވެސް ޖަހައެވެ.

އިނގުރު

އިނގުރަކީ ވެސް ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަ ކުރާ އެއްޗެކެވެ. ރޯގާ އާއި އެލަރޖީ ފަދަ މައްސަލަ ތަކުގެ އިތުރަށް ވައިގެ އުނދަގޫތަކަށް ވެސް އިނގުރު ކެއުމުން ލުއި ލިބެއެވެ. އެހެންކަމުން ކަޅު ސައިތައްޓަކަށް އެއް އިންޗިހާ އިނގު ގާނާލައިގެން ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ބުއިމުން ހަށިގަނޑަށް ލުއި ލިބޭނެއެވެ. އަދި އިނގުރު ގޭނުމަށްފަހު އެއިން ދިޔަ ފެލައިގެން އެއް ސަމުސާ އިނގުރު ދިޔައަށް އެއްސަމުސާ މާމުއި ބައި ސަމުސާ ލުނބޯ ހުތް ޖަހައި ކައްކާލައިގެން ތާފަނާ ކަންމަތީ ބުއިމުން ކެއްސުމާއި ރޯގާ ފަދަ ކަންކަމުން ލުއި ލިބޭނެއެވެ.