ހޯމަ ދުވަހުގެ ޖަލްސާއަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ހާޒިރު ކުރުމަށް އެޖެންޑާ ކޮށްފިއެވެ.

މިނިސްޓަރ މަޖިލީހަށް ހާޒިރުކުރުމަށް ހުށައެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ. ޖާބިރު މިނިސްޓަރާއި ކުރައްވަން ހުށައަޅުއްވާފައިވާ ސުވާލަކީ މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދަވާ ދިވެހި ސަރުކާރުން ޗައިނާއާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން، ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓައި، މަސްވެރިކަމުގެ ދޮރުތައް ބަންދުކޮށް، މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދަވަނީ ކީއްވެތޯއެވެ. އަދި މިނިސްޓަރ ގެންދަވަނީ ދިވެހި މަސްވެރިންނަށް އިތުރުފުޅު ހައްދަވައިގެން ކަމަށް ޖާބިރު ވަނީ ތުހުމަތު ކުރައްވާފައެވެ.

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދަށް މަޤާމުގެ ޒިންމާ އަދާނުކުރެއްވޭ މައްސަލައެއް މީގެކުރިންވެސް މަޖިލީހަށް ވަނީ ވައްދާފައެވެ. އެފަހަރު މަޖިލީހުގެ ކޮމިޓީން ވަނީ މިނިސްޓަރ ޒަހާ އަށް ދެވަނަ ފުރުސަތެއް ދިނުމަށް ނިންމާފައެވެ.