އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލު ރާއްޖޭގެ ކޮލެޖެއްގެ ދަށުން ހިންގުމުގެ މަޝްވަރާތައް ފަށައިފިއެވެ. މި މަޝްވަރާތައް ތިން ކޮލެޖަކާއެކު ކުރެވެމުންދާ ކަމަށް އެނގިފައިވެއެވެ. އެހެންނަމަވެސް އަދި އެތަން ހަވާލު ކުރާނެ ކޮލެއްޖެއް ފައިނަލް ނުވެއެވެ. މި މަޝްވަރާތަކަށްފަހު ކޮލެޖެއް ކަނޑައެޅި ސޮއިކުރުމަށް ހަފްތާއެއް ނުވަތަ ދެ ހަފްތާ ވަރު ހޭދަވާނެ ކަމަށް ބެލެވެއެވެ.

ފްލައިން ސްކޫލުގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ފަޒީލު ރަޝީދު ވިދާޅުވީ އުންމީދު ކުރައްވަނީ ވީހާވެސް އަވަހަށް މި މަޝްރާތައް ނިމި ސޮއި ކުރެވިގެންދާނެ ކަމަށެވެ.

އައްޑޫ ފުލައިން ސްކޫލަކީ އަދިވެސް އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގެ އޯނަޝިޕް އޮންނަ ތަނެކެވެ. އެހެންނަމަވެސް މިހާރުގެ ޙާލަތަށް ބަލާއިރު އޭއޭއޭ އަށާއި އެތަނުގެ ދަރިވަރުންނަށް އެންމެ ރަނގަޅުވާނީ ރާއްޖޭގެ ކޮލެޖެއްގެ ދަށުން ހިންގުން ކަމަށް ފަޒީލް ވިދާޅުވިއެވެ. ރާއްޖޭގެ ކޮލެޖަކާ އެތަން ހަވާލުކުރުމުގެ މަޝްވަރާތައް އެތަނުން ފެށީވެސް އެހެން ވެގެންނެވެ.

ރާއްޖޭގެ ކޮލެޖަކުން އެތަން ހިންގުމާ ހަވާލުވުމަކީ ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ވެދާނެއެވެ. ޚާއްސަކޮށް ދަރިވަރުންނަށެވެ. މިއީ އެތަނުން ކިޔަވަމުންދާ ދަރިވަރުންގެ މާޔޫސްވެފައިވާ ހިތްތަކަށް ލިބިގެންދާނޭ ހިތްވަރެކެވެ. "މަރުވެފައިވާ" ހިތްތަކަށް ލިބިގެންދާނެ ދިރުމެކެވެ. ޚާއްސަކޮށް އައްޑޫ ސިޓީގެ ދަރިވަރުންނަށެވެ.

ފުލައިން ސްކޫލް އައްޑޫގައި ހުރުމަކީ އައްޑޫ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ވެސް ފައިދާ ކުރާނޭ ކަމެކެވެ. އެހެންކަމުން އައްޑޫ ބިމުން މި ސްކޫލް ވަކިވެގެން ދިއުމުގެ ކުރިން ތަޖުރިބާކާރު ރާއްޖޭގެ ކޮލެޖަކުން އެތަނާ ހަވާލުވެ އަލުން އެތަން ކޮޅަށް ޖެހުމަށް ތައްޔާރުވަމުންދާ ޚަބަރަކީ ދަރިވަރުންނާއި ބެލެނިވެރިންނަށް ލިބޭނެ އުފާވެރި ޚަބަރެކެވެ. އެތައް ސަބަބުތަކާ ހެދި ކޯސް ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ފަޒީލް ވިދާޅުވީ ފުލައިން ސްކޫލް ހިންގާނެ ކޮލެޖެއް ކަނޑައެޅި ސޮއި ކުރެވުމުން އެކަމާބެހޭ ގޮތުން ސަރުކާރާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ. މިކަމުގައި ސަރުކާރުގެ އެއްބާރުލެއްވުމާއި މަދަދު ވަރަށް ބޮޑަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ފަޒީލް ވިދާޅުވިއެވެ.