ށ. ފިރުނބައިދު އަކީ އެމީހުންގެ އަމިއްލަ ރިވެތި އާދަކާދަ އާއި ޘަގާފަތެއް އޮތް ރައްޔިތަކު ދިރިއުޅުނު ރަށެކެވެ. މިހާރު އެއީ ފަޅު ރަށެއް ނަމަވެސް އެރަށުގައި ދިރި އުޅުނު ރައްޔިތުން އެމީހުންގެ އާދަކާދައާއި ޘަޤާފަތް ދެމެއްޓުމަށްޓަކައި މިހާރުވެސް މަސައްކަތް ކުރެއެވެ.

ސަރުކާރުގެ ފަރާތުން ފުނަދޫ އާބާދުކޮށް އެރަށަށް ފިރުނބައިދޫ މީހުން ބަދަލުކުރެއްވުމުން، ރަށުގެ އެކި ހިސާބުތަކުން ގޯތި ލިބިފައި ވިޔަސް މިހާރުވެސް އެމީހުންގެ ތެރޭގައި އެކުވެރިކަމާއި އެއްބައި ވަންތަކަން އެބަ އޮތެވެ. އެމީހުންގެ ޘަޤާފަތް ދިރުވުމަށް މަސައްކަތް ކުރެއެވެ. އާދަކާދަ ދަމަހައްޓައެވެ.

އެގޮތުން ފިރުނބައިދޫގެ "ކުޑަކުދީން ކޭން" މިއީ ފާހަގަ ކޮށްލެވޭ ޘަޤާފީ ކަމެކެވެ. ކުޑަ ކުދިން ކޭމަކީ ވަރަށް ކުރީ ޒަމާނުއްސުރެ ފިރުނބައިދޫގައި ބާއްވާ ކަމެކެވެ. މިހާރު ފުނަދޫގައި ދިރިއުޅޭ ފިރުނބައިދޫ ސެންޓަރު އާދަންބެ ބުނުއްވި ގޮތުގައި އެ ކޭން ނޯންނަ ޒަމާނެއް ހަނދުމަފުޅު ނެތެވެ. އުމުރުން ހަތްދިހައިގެ އަހަރުތައް ގުނަމުން ގެންދަވާ އާދަންބެމެން ކުޑައިރު މިކަން އޮންނަގޮތް ކިޔައިދެއްވަމުން ބުނުއްވީ އެކޭމުގައި ހުންނާނީ މުޅީންވެސް ދިވެހި އުފެއްދުން ތައް ކަމަށެވެ. އެގޮތުން ތަފާތު ވައްތަރުގެ އުޅާއްޔާއި މަދު ރޮށިގަނޑު، ފަޅޯ ފޮނި އަސާރަ، ތުންއެނބުރި ފަދަ ލުއި ކާނާތައް ތަފާތު ކުލަތަކުން ޒީނަތްތެރިކޮށްފައި ހުރެއެވެ. އަދި ދިވެހި ހެދިކާގެ ބާވަތްތައްވެސް ނަންހުސްކޮށް މި ކޭމުގައި ހިމެނުމާއެކު ބަތާއި ރިހަވެސް ހުންނަކަމަށް އާދަމްބެ ބުނުއްވިއެވެ.

މި ކޭން އޮންނަނީ ކޮންމެ އަހަރެއްގެ ރަބީޢުލް އައްވަލު މަހުގެ 11 ވަނަ ދުވަހުގެ ހަވީރު އެވެ. އޭރުގެ މާލޫދު ހަރުގެއަށް ހުރިހާ ގެއަކުންވެސް ކާބޯތަކެތި ހަދައިގެން މަލާފަތުގައި ގެންދާނެއެވެ. ޢަސުރު ނަމާދު ފަހު ހުރިހާ ކުޑަކުދިން މި ހަރުގެއަށް ގެންނާނެއެވެ. އެއީ 7 އަހަރުން ދަށުގެ ހުރިހާ ކުދިންނެވެ. މި ހުރިހާކުދިން ގެނެސް ހަރުގޭގައި ބޭތިއްބުމަށްފަހު އެކުދިންގެ ހާޒިރުގައި މަލާފަތުގެ މަތި ނަގާނެއެވެ. އެއަށްފަހު ހުރިހާކުދިންނަށް އެއްވަރަށް ކާތަކެތި ބަހާލާނެއެވެ. މަލާފަތުގައި އެކަތިކޮޅުވެސް ނުބަހައްޓާ ކުދިންނަށް ބަހާ ހުސްކޮށްލާނެއެވެ. އެއީ ކުދިން ވަރަށް އުފާވާ ވަގުތު ކޮޅެއްކަމަށް ފިރުނބައިދުއަށް އުފަން ޒުވާނަކު ހާމަ ކުރެއްވި އެވެ. އަދި އެދުވަހު ކައިރި ރަށްރަށުން އަންނަ ކުޑަކުދިންވެސް މި ކޭމުގައި ބައިވެރި ކުރާކަމަށް ވެއެވެ. މިހާރު ފުނަދޫގައި ދިރި އުޅޭ ފިރުނބައިދޫ ޒުވާނަކު ކިޔައި ދެއްވި ގޮތުގައި ފުނަދުއަށް ބަދަލު ވުމާ ހަމަޔަށްވެސް މި ޘަޤާފަތް ދެމި އޮތެވެ. "ފަހަކަށް އައިސް މިޒަމާނުގެ ހެދިކާ އާއި ޗޮކްލެޓް މެޓާ ފަދަ ތަކެތި ކޭމަށް އިތުރު ކުރިނަމަވެސް މި ޘަޤާފީ ޙަރަކާތް ރަބީޢުލް އައްވަލު މަހުގެ 11 ވަނަ ދުވަހު ކުރިއަށް ގެންދޭ" އޭނާ ބުނުއްވިއެވެ.

މިހާރު ފުނަދުއަށް ބަދަލު ވުމުން ކޭން ތައްޔާރުކޮށް ކުދިން އެތަނަށް ނުގެންދެވުނަސް ފުނަދޫގައި ދިރިއުޅޭ ފިރުނބައިދޫ ރައްޔިތުން އެބައިމީހުންގެ އާއިލާތަކާއި ރައްޓެހިންގެ ދަރިންނަށް މި ދުވަހު ހަދިޔާ ދިނުން އޮވެއެވެ.

ކުޑަ ކުދިންނަށް ޓަކައި ބޭއްވި ކޭން ތައްޔާރު ނުކުރެވުނަސް ރަބީޢުލް އައްވަލު މަހުގެ 11 ވަނަ ދުވަހަކީ ކުޑަކުދިންނަށް ހަދިޔާ ލިބޭ ޚާއްޞަ ދުވަހަކަށް ވަނީ ވެފައެވެ.

މިއީ އޯގާތެރިކަމާއި އެކުވެރިކަމުގެ ނަމޫނާ ދައްކާ ރީތި ޘަޤާފަތެއް ނޫންތޯއެވެ.