ލޮބުވެތި މައިން ބަފައިންނޭވެ! ދަރިންނަކީ ﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެންނާ ހަވާލުކުރައްވާ ވަރަށްވެސް ބޮޑު އަމާނާތެކެވެ. އަދި އެކުދިންގެ ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ވަރަށް ވެސް ބޮޑު ބުރަ ޒިންމާއެކެވެ.
ކުޑަކުއްޖަކު ދުނިޔެއަށް އުފަންވުމަށްފަހު ހެދިބޮޑުވަމުންދާއިރު ވަށައިގެންވާ މާހައުލުންނާއި ބޭރުތެރެއިން ވަރަށް ގިނަ ކަންކަން ކުދިން ތަޖުރިބާ ކުރާނެއެވެ. އެހެން ކަމުން އެކުދިން ބޮޑެތިވަމުން އަންނަ އިރު އެކުދިންގެ ދުޅަހެޔޮކަމަށް ގިނަ ކަންތައްތަކެއް ބޭނުންވެއެވެ. ހަށިގަނޑުގެ ހެދިބޮޑުވުމާއި ސިކުނޑީގެ ހެދިބޮޑުވުމާ ހިތުގެ ހެދިބޮޑުވުމެވެ. މިހުރިހާ ކަމަކަށް ބޭނުންވަނީ ހަށިގަނޑަށް ފައިދާ ހުރި ރަނގަޅު ކާނާ އެވެ.
މިކަމަށް ސަމާލުވެ ކުއްޖަކު ހެދިބޮޑުވާ އިރު ބޭނުންވާނެ ކަންކަން ދެނެގަތުމަކީ މައިންބަފައިންގެ ޒިންމާ އެކެވެ. އިންސާނާގެ ހަށިގަނޑަކީ ރަނގަޅު ކާނާގެ އިތުރުން އެހެނިހެން ކަންކަންވެސް ބޭނުންވާ އެއްޗެކެވެ. އެގޮތުން ފައިދާ ހުރި ކާނާގެ އިތުރުން ކުޑަކުއްޖަކަށް އެންމެ މުހިންމީ ކޯޗެއްތޯއެވެ؟
މިކަންކަމަކީ މައިންބަފައިން ވިސްނާ ހޭލުންތެރިވެ ތިބުން މުހިންމު ކަންތައްތަކެވެ. އިނގޭހެއްޔެވެ؟ ކުޑަ ކުއްޖަކަށް ހެދި ބޮޑުވަމުންދާއިރު ބޭނުންވާނެ އެންމެ މުހިންމު އެއް ކަމަކީ ނަފްސާނީ ދުޅަހެޔޮ ކަމެވެ. އެކަމަށްޓަކައި މައިންބަފައިން ވިސްނަނީ ކިހާ ވަރަކަށްތޯއެވެ؟ ގިނަ މައިންބަފައިންނަކީ ދަރިންނަށް ފޯނު ނުވަތަ ޓެބްލެޓް ދީގެން އެކުދިން އުފާ ކޮށްދިނުމާއި ކުޅޭ އެއްޗެހި ގަނެދީގެން ކުދިން އުފާ ކޮށްދޭ މައިންބަފައިންނެވެ. އަދުގެ ބިޒީ މައިންބަފައިންނެވެ. އަޑު އަހާށެވެ.
ދަރިފުޅުގެ ނަފްސާނީ ދުޅަހެޔޮކަން ގުޅިފައިވަނީ އެކުދިން ކަންކަމާމެދު ދެކޭ ގޮތާއެވެ. އަމިއްލަ ނަފްސާމެދު އެކުދިން ދެކޭގޮތާ އެކުދިންގެ އިހްސާސް ތަކާއި އެހެން މީހުނާއި ނުވަތަ ކުދިންނާއި އެކުދިންގެ ގުޅުން ތަކާއެވެ. އަދި އެކުދިން ދުނިޔެއާ މެދު ދެކޭގޮތެވެ. އަދުގެ ޖީލަކީ ސްކްރީންގެ ވަބާގައިޖެހި ހައްޔަރުވެފައިވާ ޖީލެކެވެ. ކުއްޖާގެ ހިތާއި ސިކުނޑީގެ ހިތްހަމަޖެހުމަކީ ކާޓޫންތަކާ ތަފާތު ގޭމްތަކެވެ. އެކުދިންގެ ވިސްނުމާއި ހަރަކާތްތަކަކީ އެމަންޒަރުތަކާއި ގުޅުންހުރި ކަންކަމެވެ. މިއީ ކަންބޮޑުވާންޖެހޭ ނުރައްކާތެރި ކަމެކެވެ. ކުދިންގެ ނަފްސުގެ ދުޅަހެޔޮކާނާ އަކީ މައިންބަފައިންގެ ލޯތްބާއި ގުދުރަތީ މާހައުލެވެ. ގުދުރަތީ މާހައުލަކީ ނަފްސު ތަރައްޤީކޮށްދޭ ބޭސްގުޅައެކެވެ.
ނަފްސާނީގޮތުން ދުޅަހެޔޮ ދަރިއަކު ބޮޑުކުރަން ބޭނުންނަމަ ގުދުރަތީ މާހައުލާ ކުދިންނާ ބީރައްޓެހި ނުކުރާށެވެ. ނަފްސާނީ ތަރައްޤީގެ އިތުރުން ޖިސްމާނީ ތަރައްގީގެ ބޮޑުބައި ވެސް ގުޅިފައިވަނީ ގުދުރަތީ މާހައުލާއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތުކޮޅެއް ކުދިން ގޮވައިގެން ބޭރަށް ނިކުމެ އަތިރިމައްޗަށް ގޮސް ދޮންވެއްޔާ ކުޅެން ދާށެވެ. ގަސްގަހަށް އަރަން ކުދިންނަށް ހިތްވަރުދޭށެވެ. މޫދަށް އެރުވާ ފަތަން ދަސްކޮށްދޭށެވެ. ބޭރަށް ނުދެވޭ ނަމަ ކުޅުމުގައި ވެލި ނުވަތަ ގަސްގަހުގެ ފަތް މާ ފަދަ ގުދުރަތީ މާަހައުލުން ފެންނަ ތަކެތި ބޭނުން ކުރެވިދާނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެ ވިސްނުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ.
ދިރޭ ކޮންމެ އެއްޗަކަށްވެސް އެއަށް ބޭނުންވާ ދުޅަހެޔޮ ކާނާ ނުލިބޭނަމަ ތަފާތު ބަލިތައްޖެހި އެތައް ގެއްލުންތަކެއް ވެއެވެ. މިސާލަކަށް ގަހެއް ހެދިބޮޑުވުމަށް އެޔަށް އަޅާލާ ފެންދީ ސަމާލުކަންދޭނަމަ އެގަހުން ފޮޅޭމާ ރީތިވާނެއެވެ. އެގަހުގެ މޭވާ ފޮނިވާނެއެވެ. ގަހަށް ބަލާ މީހާ އަށް ހިތްހަަމަޖެހުން ލިބިދޭނެއެވެ. އަޅުގަނޑުމެންގެ ދަރީންނަކީވެސް އެފަދަ ނާޒުކު ބައެކެވެ. އަޅާލުމާ ލޯތްބާ ކުލުނު އެކުދިންނަށް ދޭށެވެ، ވަގުތުވީވަރަކުން އެކުގައި ވަގުތު ހޭދަކުރާށެވެ.
ގުދުރަތީ މާހައުލުގެ އިތުރުން ގޭތެރޭގެ މާހައުލަކީ ވެސް ކުދިންނަށް އެހާމެ މުހިންމު މާހައުލެކެވެ. އަބަދު ސްކްރީން ދޮށުގައި ނުވަތަ ކުރާނެ ކަމެއްނެތި ހަލަބޮލިވެ އުޅެންވެއްޖެނަަމަ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެއެވެ. ބައެއް ކުދިންނަކީ މައިންބަފައިން ބިޒީވުމުގެ ސަބަބުން ވަކި ތާވަލެއްނެތި އުޅޭނެ ގޮތަކަށް އުޅެން ގޭތެރެއަށް ދޫކޮށްލެވިފައިވާ ކުދިންނެވެ. މިއަދުގެ މައިންބަފައިންނަކީ ދަރިން ސުކޫލަށް ފޮނުވުމަށް ، މޮޅުކުއްޖަކަށް ހެދުމަށް ، މާލީ ތަނަަވަސްކަން ހޯދުމަށް ޖާނާމާލުން ޤުރުބާންވާ ދަރީންނަށް އެކަށީގެންވާ ވަގުތު ނުދެވޭ މައިންބަފައިންނެވެ.
ދަރިފުޅަށްޓަކައި އެކަށީގެންވާ ވަގުތު ނުދެވޭ ނަމަ ދަރިފުޅަށް އައިޕެޑާ ކުޅޭއެއްޗެހިދީ ރުއްސުމަށްވުރެ އެކުދިންގެ ނަފްސުގެ ތަރައްޤީއަށާއި ސިކުނޑީގެ ތަރައްޤީއަށް ކޮށްދެވިދާނެ ފަސޭހަ ކަމެއް ބުނެދެން ހެއްޔެވެ؟ ދަރިފުޅަށް އިސްލާމީ ފޮތް ގަނެދޭށެވެ. އަދި މައުލޫމާތު ލިބޭ ރަނގަޅުފޮތް ގަނެދޭށެވެ. ޅަ އުމުރުގައި ދަރިފުޅު ކިޔާ ފޮތްތަކުގެ އަސަރު ނުވަތަ ހަނދާންތައް އެކުދިންގެ އުމުރުން އެތައް ދުވަހެއް ވަންދެން ސިކުނޑީގައި ހަރުލާފައި ހުރެއެވެ.
އެހެންކަމުން ބޭރަށް ނުދެވޭ ބިޒީ މައިންބަފައިންވެސް ދަރިފުޅާއެކު ފޮތެއް ކިޔާލަން ވަގުތު ހޭދަކުރުމަކީ ކުރެވިދާނެ ކަމެކެވެ. އެއީ ދަރިފުޅާ ގާތްގުޅުމެއް އުފައްދާދީ ދަރިފުޅުގެ އިހްސާސްތައް މައިންބަފައިންނާ ހިއްސާކުރުމަށް ހުޅުވޭ ދޮރެކެވެ. މީގެ އިތުރުން ފޮތުގެ ސަބަބުން ދަރިފުޅު އެތައް ހުނަރެއް އެއްފަހަރާ ދަސްކުރެއެވެ. ފޮތުގެ ސަބަބުން މުވާސަލާތު ކުރުމުގެ ހުނަރު ތަރައްގީވެ ދަރިފުޅުގެ ސިކުނޑީގައި އެތައް ހުނަރެއްގެ ބިންގާ އެޅިގެންދެއެވެ. އަދި ބޭކާރު ކަންކަމުން ކުދިން ދުރުވެގެންދެއެވެ.
ހަލަނިވެ ރުޅިގަދަވެ ބޮޑާހޭކުމާ ކުދިން ދުރުކޮށްދޭން ވެސް ފޮތަކީ ފަރުވާ އެކެވެ. ކުދިންގެ ފަރާތުން ސަލާމަތްވުމަށްޓަކައި އެކުދިން އަތަށް ފޯނާއި ޓެބްލެޓް ނުދޭށެވެ. މައިތިރި ކުރުމަށްޓަކައި ޓީވީ ނުދައްކާށެވެ. އެކުދިންނަށް އެއަށްވުރެ މައިންބަފައިންނާއި ވާހަކަ ދައްކާލެވުންވެސް މާބޮޑަށް ފައިދާ ކުރާނެއެވެ. ގޭތެރޭގައި ފޮތް ފަންސޫރު ކުލަ ފަސޭހަ އިން ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސާދީފައި ބަހައްޓާށެވެ. އެކުދިންނަށް މަޖުބޫރުކޮށްގެން ލިޔަން ކިޔަން ދަސްކޮށްދިނުމަށްވުރެ ބޭނުން އެއްޗެއް ކުރަހާ ލިޔެ ހެދުމަށް އެކުދިންނަށް ފުރުސަތު ދޭށެވެ. ކުދިން ނަފްސާނީ ދުޅަހެޔޮ ކުދިންނަށް ހެދުމަށް މިކަންކަމަށް ވިސްނާ މިގޮތަށް އަމަލުކުރާށެވެ. ނަތީޖާ ފެންނާނެއެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް މިއަދު ސަމާލުކަން ނުދީފިނަމަ ފުރާވަރު އުމުރުގައި އެކުއްޖާއަށް ދިމާވާ ގޮންޖެހުންތަކުން މުސްތަޤްބަލުގައި ތިބާ އުންމީދުކުރި ފަދަ ކުއްޖަކަށް އެދަރިފުޅު ނުވެދާނެއެވެ. މިއަދު ޓީވީ އާ ފޯނު ދީގެން ދަރިފުޅު މައިތިރި ކުރެވިދާނެއެވެ. އެކަމަކު މާދަމާ ތިބާގެ ދަރިފުޅަކީ ނަފްސާނީ ގޮތުން ބަލިކަށި ވިސްނުވުމުގެ ޤާބިލްކަން ކުޑަ އަޙްލާޤް ރަނގަޅު ނޫން ދަރިއެއް ނަމަ މިއަދު ތިޔަ މައިންބަފައިން ތިޔަ ކުރާ ބުރަމަސައްކަތުގެ ފޮނި މީރުކަމެއް ނުލިބޭނެއެވެ. އަވަހަށް މިކަންކަމާ ވިސްނާ ފިޔަވަޅު އަޅާށެވެ. ދަރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދޭށެވެ.