ތިރީގައި މިވަނީ "ނިއުސް 89 ފޯސްޓް ޑޮޓްކަމް" ގައި ތުއްތު ކުދިން ރޭގަނޑު ނިންދެވުމާއި ބެހޭގޮތުން ލިޔެފައިވާ މައުލޫމާތުގެ ޚުލާޞާއެކެވެ.

އަލަށް އުފަންވާކުދިން ފުރަތަމަ ހަމަހުގައި ރޭގަނޑާއި ދުވާލުވެސް ނިދާލާފަ ހޭލަފަ މިގޮތަށް އުޅޭނެއެވެ. އެއީ އެކުދިން ހެދި ބޮޑުވުމަށް ބޭނުންވާ ކާނާ ލިބިގަތުމަށްޓަކައެވެ. ނަމަވެސް އުމުރުގެ ކުރީކޮޅުގައި ތުއްތު ދަރިފުޅަށް ނިދަން ދަސްކޮށްދިނުމަށް އެހީތެރިކަމެއް ފޯރުކޮށްދޭން ވާނެއެވެ. މިގޮތުން ރޭގަނޑާއި ދުވާލު ވަކިކޮށްދިނުން، ނިދި އައުމުން އެނދުގައި ބޭއްވުން އަދި ނިދާނެ ތާވަލެއް ކަނޑައެޅުން މުހިންމެވެ.

ހަނދާން ބަހައްޓަންވީ ތުއްތު ދަރިފުޅަށް ކަންކަން ކޮށްދިނުމުގައި، ދަރިފުޅަށް ފަސޭހަވާނޭ ގޮތަށް ކަންތައް ކޮށްދިނުމެވެ. ދަރިފުޅަށް ގާތުން ދޭއިރު ބައެއް ފަހަރު ދަރިފުޅަށް ނިދުނަސް އެއީ މައްސަލައެއް ނޫނެވެ. ނުނިދޭފަހަރު ގަޔާލާ ބޮނޑިކޮށްލައިގެން، ނޫނީ ތަޅުވާލައިގެން ނިންދެވުންވެސް އެއީ އެންމެ ރަނގަޅު ކަމެކެވެ.

ދުވާލާއި ރޭގަނޑު ވަކިކޮށްދިނުން

ތުއްތު ދަރިފުޅު ރޭގަނޑު ހޭލާއިރު ކޮޓަރީގެ އަލި ވީހާވެސް ފަނޑުކޮށް ބެހެއްޓުން މުހިންމެވެ. އެއީ އުމުރުގެ ކުރީކޮޅުގައިވެސް ދަރިފުޅަށް ރޭގަނޑާއި ދުވާލު ވަކިކުރުމަށް އެހީތެރިވުމަށްޓަކައެވެ. އަދި ރޭނަގޑު ކޮޓަރީގައި އުޅޭއިރު ކަންތައް ކުރާނީ އަޑުގަދަ ނުވާނޭހެނެވެ. އަދި ދަރިފުޅު ރޭގަނޑު ހޭލުމުން ވީހާވެސް އަވަހަކަށް އޭނާ އާއި އަޅާލާށެވެ. އަދި ރޭގަނޑު ދަރިފުޅަށް ގާތުން ދޭނީ ކޮޓަރީގައި ކަމުގައި އާދަ ކުރާށެވެ.

ނިދިއައުމުން އެނދުގައި ބޭއްވުން

ތުއްތު ދަރިފުޅު ނިދިއައުމުން އެނދުގައި ބާއްވައިގެން ނިދުމަށް ފަރިތަކޮށްދޭށެވެ. މިހެން ހެދުމުން ކުޑައިރުއްސުރެ އެކަނި އޮވެ ނިދުމަށް ދަސްވާނެއެވެ. އަދި ބައެއްފަހަރު ހޭލެވުމުން އަމިއްލައަށް ނިދަން ފަށާނެއެވެ. އެގޮތުން ދަރިފުޅަށް ބޭނުންވާވަރަށް ނިދި ހަމަކުރަން ދަސްކުރާނެއެވެ. ދަރިފުޅު ފުރޮޅިލާ ކޮންމެ ފަހަރަކު ނުވަތަ ލޯ ހުޅުވާލާ ކޮންމެފަހަރަކު އެނދުން ނުނެގުމަށް ހަނދާންކުރާށެވެ. ބައެއްފަހަރު ކުޑަކޮށް ގައިގާ ފިރުމަލާ ހަދާލުމުންވެސް ނިދާނެއެވެ. ރަނގަޅުގޮތަކީ ވީހާވެސް ބޮޑަކަށް ކުދިން އެކަނި ނިދުމަށް ދޫކޮށްލުމެވެ.

ނިންދަވާނެ ތާވަލެއް ކަނޑައެޅުން

ތުއްތު ދަރިފުޅަށް ރޭގަނޑާއި ދުވާލު ތަފާތު ކުރާކަށް ނޭނގޭނެ އެވެ. ބައެއް ކުދިންނަކީ މުޅި ރޭގަނޑު ހޭލާ އުޅެފައި ދުވާލު ނިދާކުދިންނެވެ. އެހެން ކަމުން ރޭގަނޑު ކޮޓަރީގެ އަލި މަޑުކޮށް ބަހައްޓާށެވެ. އަދި ދަރިފުޅާއިއެކު ކުޅެން ވަގުތު ހޭދަ ނުކުރާށެވެ. ދަރިފުޅާއި އެކު ކުޅުމަކީ ދުވާލުގައި ކުރާކަމަކަށް ހެދުމަކީ، އެންމެ ރަނގަޅު ގޮތެވެ.