ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނިކޮށް އޭނާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖޭއެސްސީން މިދިޔަ ހަފްތާގައި ބެލި މައްސަލައަކާ ގުޅިގެން ގާޒީ އިބްރާހިމް އަލީ ވަނި ސަސްޕެންޑްކޮށްފައެވެ.

މަގާމުން އިސްތިއުފާދެއްވާފައިވަނީ ހައްޤު ހޯދަން ދާނެ ތަނެއް ނެތުމުންކަމަށް ބައެއް މީޑިޔާތަކުގައި އިބާރްހިމް އަލީ ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީގެ މައްޗަށް ޖޭ.އެސް.ސީން ތަޙްޤީޤުކޮށްފައިވާ މައްސަލައަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ލިބޭ 10 މީހަކު ބަންދުން ދޫކޮށްލި ގޮތް ގޯސް ކަމަށް ހައި ކޯޓުން ނިންމައި، އަދި ކްރިމިނަލް ކޯޓުގެ ނިންމުން މުރާޖައާ ކުރަން ހައި ކޯޓުން އަމުރު ކުރުމުން އެކަމާ މެދު ގޮތެއް ނިންމުން އޭނާ ލަސް ކުރައްވާފައިވާ މައްސަލައާ ގުޅިގެންނެވެ.

ޖޭއެސްސީން ބެލި މައްސަލައިގައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވުނު 10 މީހުންގެ ތެރެއިން 9 މީހެއްގެ މައްސަލައިގައި، ހައިކޯޓުގެ އެކި ނިންމުންތަކުގައި ކަނޑައަޅާފައިވާ ގޮތަށް ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީ ޢަމަލުކުރައްވާފައި ނުވާކަމާއި، އެމައްސަލަތަކުގައި ބަންދު މުރާޖަޢާކޮށްދިނުމަށް ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ފޮނުވި ސިޓީތަކާ ގުޅިގެންވެސް ބަންދު މުރާޖާޢާ ކުރުމަށް އަޑުއެހުމެއް ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ޤާޟީ އިބްރާހީމް ޢަލީ ތާވަލުކޮށްފައިނުވާކަން ޖޭ.އެސް.ސީގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާ މައްސަލަ އަކާ ގުޅިގެންނެވެ.

މި މައްސަލައިގައި ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން ޤާޟީ އިބްރާހީމް ޢަލީ 60 ދުވަހަށް ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށްވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.