މިއަދަކީ ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަހެވެ. ދުނިޔޭގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމުގައި އެންމެ އިސްކޮށް އުޅޭ ގައުމަކީ ޗައިނާ ކަމަސް ލިސްޓް ކޮށްފިއެވެ.

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ގައުމުތައް ގިންތި ކުރުމުގެ މިންގަނޑު އެކުލަވާލާފައި ވަނީ ގްލޯބަލް އިނިޝިއޭޓިވް އެގައިންސްޓް ޓްރާންސްނޭޝަނަލް އޮގަނައިޒްޑް ކްރައިމްގެ ފަރާތުންނެވެ.

މި މިންގަނޑުން ބަލަނީ މައިގަނޑު ހަތަރު ކަމަކަށެވެ. އޭގެ ތެރޭގައި އެގައުމެއްގެ އައްސޭރިފަށާއި، އެގައުމުގެ ދިދަ ޖެހި މާކަނޑުގައި މަސްވެރިކަން ކުރާ މަސް ބޯޓްގެ އަދަދާއި ބަނދަރުތަކާއި އެގައުމުގެ މަސްވެރިކަމުގެ އިގްތިސާދީ ސަރަހައްދާއި އެހެނިހެން ބައެއް އާންމުކަންކަން ބެލުން ހިމެނެއެވެ.

މި އިނިޝިއޭޓިވްގެ އިންޑެކްސް އިން ދައްކާ ގޮތުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމުގައި އެންމެ އިސްކޮށް އުޅޭ ގައުމަކީ މާކްސް ދިނުމުގެ މިންގަނޑުން 3.93 ލިބޭ ޗައިނާއެވެ. މިނިގްނަޑުން މާކްސް ދެނީ ޖުމުލަ ފަސް ޕޮއިންޓުންނެވެ.

ޗައިނާއަކީ ގިނަ ދުވަހަށް ކަނޑުގައި ތިބެވޭ ގޮތަށް 300 އެއްހާ މަސްބޯޓް އެއްފަހަރާ އެއް ސަރަހަދެއްގައި މަސްވެރިކަން ކުރެވޭ ފުޅަނދުތައް ހުންނަ ގައުމެކެވެ.

ޗައިނާއަށް ފަހު ދެން އެންމެ ގިނައިން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ފަރާތަކީ ޓައިވާނެވެ. އެއަށްފަހު ޖެހިގެން ތަރުތީބުން ކެމްބޯޑިއާ، ރަޝިޔާ، ދެން ވިއެޓްނާމެވެ.

ޔޫރަޕްގައި މި އިންޑެކްސް ބުނާ ގޮތުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ އެންމެ އިސްގައުމަކީ ބެލްޖިއަމްއާއި ލެޓްވިއާއެވެ.

ދެކުނު އޭޝިއާގައި އެންމެ ފުޅާދާއިރާއެއްގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަނީ އޮޅިގެން ކަމަށް ބުނެ ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރާ ސްރީލަންކާއިންނެވެ.

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ގައުމުތަކުން އެހެން ގައުމުތަކުގެ އީއީޒެޑްއަށް ވަދެ މަސްވެރިކަން ކުރެއެވެ. އަދި ގިނަ ފަހަރަށް ރޭޑާއަށް ނާރާ ގޮތަށް މި މަސްބޯޓްތައް އޭގެ ސެޓެލައިޓް ސިގްނަލް ނިއްވާލައިގެން މަސްވެރިކަން ކުރެއެވެ. މި އުޅަނދުތަކުން ދާއަޅައިގެން މަސްވެރިކަން ކުރުމަކީވެސް އާންމު ކަމެކެވެ.

ދެކުނު އެމެރިކާގައި އާޖެންޓީނާގެ އެޓްލާންޓކް ސަރަހައްދުން ޗައިނާގެ ފުޅަނދު އެއްފަހަރާ ވަދެ ގިނައަދަދަކަށް ވަގަށް މަސްހިފާ މައްސަލާގައި އާޖެންޓީނާގެ ކޯސްޓްގާޑުން އަބަދުވެސް ހަރަކާތްތެރި ވެއެވެ.

ތިމާވެށްޓާ ބެހޭ އޯޝޭނިއާ ގްރޫޕުން ބުނާ ގޮތުން އަރޖެންޓީނާގެ އީއީޒެޑް އިން ވަގަށް މަސްވެރިކަން ކުރާ އުޅަނދުތަކުގެ ތެރޭން 69 އިންސައްތައަކީ ޗައިނާ އުޅަނދުތަކެވެ. މިއަހަރު ޖެނުއަރީ 1ން ފެށިގެން އެޕްރީލް ފަހުކޮޅާ ހަމައަށް ޗައިނާގެ ފުޅަނދުން މަސްވެރިކަން ކޮށްފައިވާ ކަމަށް ސެޓެލައިޓް ޑޭޓާއަށް ބަލައިގެން އޯޝޭނިއާ ގްރޫޕުން ހެދި ދިރާސާއެއްގައި ބުނެފައި ވެއެވެ. ސްކައިޓުރުތް އާއި ގޫގްލް ސެޓެލައިޓް ޑޭޓާ ދިރާސާ ކުރުމަށްފަހު ގްލޯބަލް ފިޝިންގ ވޮޗްއިން މި ޑޭޓާ ކަށަވަރު ކޮށްދެއެވެ.

ޗައިނާގެ އުޅަނދުތައް މި ސަރަހައްދަށް ވަދެ ރޭޑާއަށް ނާރާ ގޮތަށް ބޯޓް ފަހަރުގެ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ޔުނިޓް ނިއްވާލައިގެން އުޅުކަމަށްވެސް ބުނެއެވެ.

އިންޓަރނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ) ގެ ގަވާއިދު ބުނާގޮތުން މާކަނޑަށް ބައިނަލްއަގްވާމީ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ އުޅަނދުތަކުގައި އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ޔުނިޓް ބަހައްޓާފައި ހުންނަން ޖެހެއެވެ.

ރާއްޖޭގެ ސަރަހައްދަށް ވަގަށް ވަންނަ ލަންކާ ގިނަ ބޯޓްފަހަރުގައި މިފަދަ ޔުނިޓްތައް ހަރުކޮށްފައެއް ނުހުރެއެވެ.