އަމިއްލަ ދިރިއުޅުމުގަޔާއި މަސައްކަތުގެ މާހައުލުގައި ދިމާވާ ކުއްލި ކަންތައްތަކުގައި ގިނަ މީހުން، ވަރަށް ފަސޭހައިން ހާސްވެ ކަންބޮޑުވެއެވެ. އެހެން ނަމަވެސް މި ހާސްކަން ޠަބީޢީ ގޮތުން ފިލުވާލާ، މީހާ ހަމަޖެހިލަން ދަސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން ނޫންނަމަ، މިކަހަލަ ކަންތައްތައް ފުނި ޖެހި ގިނަވެ، ތިމާގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރު ކުރެއެވެ. މިގޮތުން ހާސްކަމުގައި އުޅެންވެއްޖެނަމަ، ވަރަށް ފަސޭހައިން ދިފާއީ ނިޒާމު ބަލިކަށިކޮށް، ފަސޭހައިން ބަލިތައް ޖެހުމަށް މަގުފަހިވެއެވެ.

މިގޮތަށް ބަލިވުމުގެ ނިޝާން ތަކުގެ ތެރޭގައި ހަކަތަ ދައްވުން، ބޮލުގައި ރިހުން، ކާތަކެތި ހަޖަމުކުރުމުގައި މައްސަލަ ދިމާވުން، ފަސޭހައިން ތަންތާ ރިހުން، ހަނދާންނެތުން، އަވަސް އަވަހަށް ރޯގާ ޖެހުން، ޑިޕްރެޝަން، އަދި މޫނުމަތީ ބިހިނެގުމާއި ފަލަވުން ހިމެނެއެވެ.

މިއަދު އަޅުގަނޑު ހިއްސާ މިކޮށްލަނީ ހާސްކަމުން ފަސޭހައިން ދުރަށް ދެވިދާނެ ބައެއް އާދަތަކެވެ.

ހުރިހާ ފަރާތްތަކުންވެސް ދިރިއުޅުމުގައި މިކަންތައް ތަޖުރިބާ ކޮށްލާ ހާސް ކަމުން ދުރުވުމަށް އަޖުމަ ބަލައި ލެވިދާނެ ކަންކަމެވެ.

ކޮންމެ ދުވަހަކީވެސް ރަނގަޅު އަދި ހިތް ހަމަޖެހޭ ދުވެއް ކަމަށް ޔަޤީން ކުރުން

- ދުވަސް ފަށާއިރު އެ ދުވަހަކީ ތިމާއަށް ކާމިޔާބު އަދި ރަނގަޅު ދުވަހަކަށް ވާނޭކަމަށް ހިތުގެ އަޑިން ޤަބޫލު ކުރަންވާނެއެވެ.

ދުވަސް ރާވާ ލުން

- ވަޒީފާގެ މަސައްކަތް ތަކާއި އަމިއްލަ ދިރުއުޅުމުގެ ކަންކަން ރާވާ އިރު، އަމިއްލަ ނަފުސަށް ހުސްވަގުތު ކޮޅެއް ލިބޭނޭ ގޮތަށް ރާވާލަން ވާނެއެވެ. ތިމާ އަށް ހުސްވަގުތެއް ނުލިބޭނޭހެން މުޅިދުވަސް އެއްކޮށް ފުރާ ނުލާށެވެ.

އުއްމީދުތައް މާ މަތީގައި ނުބެހެއްޓުން

- ތިމާ ހާޞިލު ކުރަން ބޭނުންވާ ލަނޑު ދަނޑިތައް ހާޞިލު ވެވޭނެ ފެންވަރަކަށް އުއްމީދު ކުރާށެވެ. އަދި ހުރިހާ ކަމަކީ ތިމާ އެދޭ ފެންވަރުގައި ޙާޞިލު ވާނެ ކަންކަން ކަމުގައި ނުދެކޭށެވެ.

ހިތްހަމަޖެހޭ ކޮންމެވެސް އެއްޗެއް އަޑު އެހުން/ ކިޔުން

- ތިމާ ހިތް ހަމަޖެހޭ ކަހަލަ ވާހަކައެއް، ލަވައެއް ނުވަތަ ޕްރޮގްރާމެއް އަޑު އަހާލެވިދާނެއެވެ. އަދި ކިޔާ ހިތްވާ ކަހަލަ ވާހަކައެއް ނުވަތަ ފޮތެއް ކިޔާލެވިދާނެއެވެ.

ދޮރުން ބޭރުގައި (ގުދުރަތީ މާހައުލުގައި) ވަގުތުކޮޅެއް ހޭދަކޮށްލުން.

މިހާރުގެ ހާލަތުން ޕާކެއް، އަތިރިމައްޗެއް ކަހަލަ ތަނަކަށް ނުދެވިދާނެއެވެ. ނަމަވެސް ބެލްކަނީ ނުވަތަ ގޯތި ތެރޭ، ސާފު ވައި ލިބޭ ތަނެއްގައި ވަގުތުކޮޅެއް ހޭދަކޮށްލެވިދާނެއެވެ.

ކަސްރަތު ކުރުން

- ކޮންމެ ދުވަހަކަވެސް ދިހަވަރަކަށް މިނެޓް ނަމަވެސް ހަށިގަނޑަށް ކަސްރަތު ލިބޭނޭ ޙަރަކާތެއް ކޮށްލަންވާނެއެވެ. މިހާރު ކަސްރަތު ކުރުމަށް ކޮންމެހެން ޖިމް އަކަށް ދާކަށް ނުޖެހެއެވެ.

ޝުކުރުވެރިވުން

ލިބިފައިވާ ނިޢުމަތަށް ޝުކުރުވެރިވެ، އެ ނިޢުމަތްތައް އެންމެ ރަނގަޅު ގޮތުގައި ބޭނުން ހިފަންވާނެއެވެ.

އެއްވެސްކަމަކީ ދާއިމީ ކަމެއްކަމުގައި ޤަބޫލު ނުކުރުން

- ތިމާ އަށް ލިބޭ އުފަލަކީވެސް އަދި ހިތާމައަކީވެސް ދާއިމީ ކަމެއް ކަމުގައި ނުބަލާށެވެ. އެއީ ވަގުތީ ކަމެއްކަމުގައި ދެކޭށެވެ. އުފަލެއް ލިބިފައިވާނަމަ، އެކަން އެގޮތުގައި ދެމި އޮތުމަށް މަސައްކުރުން ގޯހެއް ނޫނެވެ. ހަމަ އެފަދައިން ހިތާމަތަކުން އަރައިގަތުމަށްވެސް އޮތީ މަސައްކަތް ކުރުމެވެ.

އެހެން މީހަކަށް ހެޔޮ ކަމެއް ކޮށްދިނުން

- ކަމަކަށް ބޭނުންވެފައިވާ މީހަކަށް ނުވަތަ ކަމަކަށް އެދޭ މީހަކަށް ތިމާ އަށް ވީ މިން ވަރަކުން އެހީތެރިވެދިނުމަކީ ހިތްހަމަޖެހުމާއި ހިތަށް ފިނިކަން ލިބޭނެ ކަންތަކެވެ.

ރަނގަޅު ކާނާ ކެއުން

- ކޮންމެ މީހަކުވެސް ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށް ސިއްޙަތު ސަލާމަތުން ހުރުމަކީ ހާސްކަމާއި ނުތަވަސް ކަމުން ދުރުވުމަށް ވަރަށް މުހިންމު ކަމެކެވެ.

އަމިއްލަ ނަފުސު ބެލެއްޓުން

- މަސައްކަތުގެ މާހައުލަގަޔާއި ޒާތީ ދިރު އުޅުމުގައިވެސް އަމިއްލަ ނަފުސަށް ވަގުތުދީ ނަފުސު ތަރުބިއްޔަތު ކުރަން ވާނެއެވެ. ބޭކާރު ކަންތައްތަކުން ނާއި ވިޔާނުދާ ކަންތައްތަކުން ނަފުސު ދުރުހެލި ކުރަންވާނެއެވެ.