އެމެރިކާގެ ތިން ސެނެޓަރަކު ޓައިވާނަށް މިލިޓަރީ މަތިންދާބޯޓެއްގައި ވަޑައިގަތުމަކީ ވަރަށް ބޮޑު ނުބައެއް ކަމަށް ޗައިނާއިން ސިފަކޮށްފިއެވެ. ޗައިނާއިން ބުނެފައި ވަނީ ވަކިވެގެންފައިވާ ޓައިވާން އަމިއްލައަށް ހަލާކުވެގެން ދާނީ، ބޭރުގެ ފަރާތްތަކާއި ގުޅިލާމެހުމުންނެވެ. ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވީ އެމެރިކާގެ މިފިޔަވަޅަކީ، އެއް ޗައިނާގެ ސިޔާސަތަށް ގޮންޖަހައި ޓައިވާން މެދުވެރިކޮށް ޗައިނާ ކޮންޓްރޯލް ކުރުމަށް އެމެރިކާއިން ކުރާ މަސައްކަތެއް ކަމަށެވެ.

އެމެރިކާގެ ތިން ސެނެޓަރުން ޓައިވާނަށް ވަޑައިގެން ބޭއްވި މަޝްވަރާތަކުގައި ވައުދުވެވަޑައިގަތީ ތައިވާނަށް ފަސް ލައްކަ ވެކްސިން ހަދިޔާ ކުރައްވާނެ ކަމަށެވެ.

ވެކްސިން ހޯދުމަށް ޓައިވާނުން ކުރަމުންދާ މަސައްކަތަށް ޗައިނާއިން ދަތިކުރަމުންދާ ކަމަށް ޓައިވާނުން ބުނެއެވެ. އެމެރިކާއިން ހަދިޔާ ކުރާ ފަސްލައްކަ ވެކްސިންގެ ޑޯޒް ޓައިވާނަށް ހުވަނދަކަށްވެސް ނުވާނެއެވެ.