އިންޑިއާގައި ކޮވިޑް19ގެ ޙާލަތު ރަނގަޅުވަމުންދާ މި ދަނޑިވަޅުގައި އެ ޤައުމުގައި ބްލެކް ފަންގަސް އިތުރުވާން ފަށާފައިވާކަމަށް އެގައުމުގެ ސިއްޙަތާބެހޭ ވަޒީރު ހަރުޝްވަރުދަން ވިދާޅުވެއްޖެއެވެ. އެ ޤައުމުގެ 28 ސްޓޭޓަކުން މިހާތަނަށް 28252 މީހުންނަށް ބްލެކްފަންގަސް ޖެހިފައިވާ ކަމަށްވެސް ހަރުޝްވަރުދަންވަނީ ވިދާޅުވެފައެވެ. އޭގެތެރެއިން %86 މީހުންނަކީ ކޮވިޑް ޖެހިފައިވާ މީހުންންކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން %62.3 މީހުންނަކީ ހަކުރުބަލި ހުންނަ މީހުންކަމަށްވެސް ހަރުޝްވަރުދަންވަނީ ވިދާޅުވެފައެވެ.

އެންމެ ގިނައިން މިބަލި ޖެހިފައިވާ މީހުން ފެނިފައިވަނީ އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓުންނެވެ. އެ ސްޓޭޓުން ބްލެކް ފަންގަސް ޖެހިފައިވާ 6329 މީހުން ފެނިފައިވާކަމަށް ރިކޯޑް ކުރެވިފައިވެއެވެ. މީގެއިތުރުން އެ ޤައުމުގެ ގުޖުރާތުންވެސް އެބަލި ޖެހިފައިވާމީހުން ފެނިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ޤައުމުގެ އެހެނިހެން ބައެއް ސްޓޭޓުތަކުގައިވެސް މި ބަލިފެތުރިފައިވާކަމަށް ސިއްޙަތާބެހޭ ވަޒީރުވަނީ ވިދާޅުވެފައެވެ. އެސްޓޭޓު ތަކުގެ ތެރޭގައި މަދުޔަ ޕްރަދޭޝް އާއި، އުއްތަރު ޕްރަދޭޝް އާއި، ރާޖަސްތާނާއި، ހަރިޔާނާ އާއި، ކަރުނާޓަކާ އާއި، ދިއްލީ އަދި އަންދުރަ ޕްރަދޭޝް ހިމެނޭކަމަށްވެސް ހަރުޝް ވަރުދަން ވަނީ ވިދާޅުވެފައެވެ.

ހަށިގަނޑަށް ބްލެކް ފަންގަސް ގެ އަސަރު ކޮށްފައިވާނަމަ ނޭފަތުގެ ކުލަ ބަދަލުވުމާއި، ކަޅުވުމުގެ އަސަރު ފެންނަމުންދާކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުންވެސް ލޮލުގެ ފެނުން ނުސާފުވުމާއި، މެޔަށް ތަދުވުމާއި، ނޭވާލާން އުނދަގޫވުމަކީވެސް މިބަލީގެ އަލާމާތެކެވެ. އަދި ކަރުން ލޭއައުމާއި ކެއްސުންފަދަ އުނދަގޫތައްވެސް މިބަލީގަ ދިމާވާކަންފަނީ ފާހަގަ ކުރެވިފައެވެ. މި ބަލި ޖެހިފައިވާ ކަމުގެ ބައެއް ޢަލާމާތް ތަކުގެތެރޭގައި ސައިނަސް ތަދާއި، ނޭފަތްބެދުމާއި، ބޮލުގެ އެއްފަޅީގައި ރިއްސުން ހިމެނެއެވެ. މީގެ އިތުރުން ދުޅަވުމާއި، އައްސިވުމާއި، ދަތުގައި ރިއްސުމާއި، ދަތް ހެލުންފަދަ ކަންކަމަކީވެސް މި ބަލި ޖެހިފައިވާކަމުގެ އަލާމާތްތަކެކެވެ. ޚާއްޞަކޮށް ކޮވިޑް ބަލި ޖެހިފައިވާ މީހުންނަށާއި، ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި އަދި ހަކުރު ބަލި ހުންނަ މީހުންގެ ކިބައިން ބްލެކް ފަންގަސް ފެންނަ މިންވަރު ވަރަށްބޮޑަށް އިތުރުވެފައިވާކަން ފާހަގަ ކުރެވިފައިވެއެވެ.

ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި އިންޑިއާގައި މި ބަލި އިތުރުވަނީ އެ ޤައުމުގައި​ ހަކުރުބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވުމާއި، އެ ބަޔަށް އެކަށީގެންވާ ފަރުވާއެއް ނުހޯދޭތީއެވެ. މީގެ އިތުރުން އެ ޤައުމުގެ ގިނަ ސިޓީތަކުގައި ވައި ތަޣައްޔަރުވުމާއި، ހިރަފުސް ވުމުގެ ސަބަބުންވެސް ބްލެކް ފަންގަސް ޖެހުމަށް މަގުފަހިވެއެވެ. އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން މަޢުލޫމާތު ދޭގޮތުގައި ބްލެކް ފަންގަސް ޖެހިގެން ކުރިން ފަރުވާދެމުން އައީ އަހަރަކު އެކަކަށެވެ. ނަމަވެސް މިހާރު ހަފްތާއަކު އެކަކަށް މިބަލީގައި ފަރުވާދޭންޖެހޭކަމަށްވެސް އެ ހޮސްޕިޓަލްތަކުން މަޢުލޫމާތު ލިބެއެވެ.

އިންޑިއާގައި ކޮވިޑް19 ގެ ދެވަނަ ރާޅުގައި 28.9 މިލިއަން މީހުންނަށް މިބަލި ޖެހިފައިވެއެވެ. އަދި އެ ޤައުމުން ކޮވިޑް19 ޖެހިގެން 351،344 މީހުންވަނީ މަރުވެފައެވެ. މީގެ ކުރިން އެ ޤައުމުގައި ދުވާލެއްގެ މައްޗަށް 400،000 އަަށްވުރެ ގިނަމީހުންނަށް ބަލި ޖެހިފައިވެއެވެ. ނަމަވެސް މިހާރު އެ ޤައުމުގައި ބަލި ޖެހޭ މީހުންގެ ޢަދަދު މިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި ކޮވިޑް19 ބަލިޖެހިފައިވަނީ 87،345 މީހުންނެވެ.