އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް އިން ބުނާ ގޮތުން 2012ގައި ޗައިނާގެ ރައީސް ،މަގާމާ ޙަވާލުވެ ވަޑައިގަތުމަށްފަހު، އެންމެ ފުރަމަ ޒިޔާރަތް ކުރެއްވި ކުންފުންޏަކީ، ޓެންސެންޓް ހޯލްޑިންގ ކޮމްޕެނީއެވެ. މިއީ މަޝްހޫރު ވީޗެޓްއާއި އެއާ ގުޅިފައިވާ ޕޭމެންޓް ސިސްޓަމްތައް ހިންގާ ކުންފުންޏެވެ. މިޒިޔާރަތުގައި ޝީ ވަނީ އެކުންފުނީގައި ހުރި އާންމު ފަރާތްތަކުގެ ޑޭޓާގެ މުއްސަނދިކަމަށް އިޝާރާތް ކުރައްވައި އެކަމަށް ތަޢްރީފް ކުރައްވާފައެވެ. އަދި އޭނާ ވިދާޅުވިގޮތުގައި މިފަދަ ގިނަ އަދަދެއްގެ ޑޭޓާ ޖަމާވެފައި ހުރުމުން އެއިން ގައުމަށް ފުރުސަތުތައް ފަހިވެގެން ދާނެއެވެ.

ޓެންސެންޓަކީ ވީޗެޓްއާއި އެއާ ގުޅިފައިވާ އެތައް އެޕެއް ބޭނުންކުރާ މިލިއަން މިލިއަން މީހުންގެ ޑޭޓާ ރައްކާ ކުރާ ކުންފުންޏެކެވެ.

ޝީގެ ވެރިކަމަށް އަށް އަހަރުފަހުން ޗައިނާ ސަރުކާރުން ދަނީ މި ޑޭޓާއިން ލިބެން ހުރި ފުސަތުތަކުގެ ބޭނުން ހިފަމުންނެވެ. ޓެންސެންޓްގެ އިތުރުން އަލީބާބާއާއި ޓިކްޓޮކްގެ ވެރި ކުންފުނި ބައިޓް ޑާންސްގައި ހުރި ޑޭޓާ އަކީ މިހާރު ޗައިނާގެ ވެރިން އޭގެ ފަސްފަހަތުން އުޅޭ މުހިންމު ރޯ މާއްދާއެއް ކަމަށް ވޯލް ސްޓްރީޓް ޖަރނަލް އިން ބުނެއެވެ.

ޗައިނާއަކީ ދުނިޔޭގެ ކަންކޮޅުތަކުން ފަރުދުންގެ ޑޭޓާ އެއްކޮށް ޑޭޓާ މުހިންމު މަޢްލޫމާތަށް ތަރުޖަމާކޮށް، ކަންކަން ނިންމުމުގައި އެޓާ ފުޅާދާއިރާއެއްގައި ބޭނުން ކުރާ ގައުމެކެވެ. އަދި މީހާގެ މޫނުދަނެގަންނަ ޓެކްނޮލޮޖީވެސް ފުޅާދާއިރާއެއްގައި ބޭނުން ކުރާ ގައުމެވެ.

ޗައިނާގެ އެޕްތަކުގެ ތެރޭން ޓިކްޓޮކަކީ، މީހުންނަށް ޖާސޫސްކުރާ އެޕެއް ކަމަށް އެމެރިކާއާއި އެހެން ބައެއް ގައުމުތަކުން ކަނޑައަޅާފައި ވެއެވެ. ޓިކްޓޮކްއަކީ އެމެރިކާގެ ދިފާއީ ދާއިރާގެ އެއްވެސް ސަރަހައްދަކަށް ވެއްދުން މަނާ އެޕެކެވެ. އަދި ސިފައިންގެ މީހުންގެ އާއިލާއިންވެސް ޓިކްޓިކް ބޭނުން ކުރުމަކީ މަނާ ކަމެކެވެ.