އެއީ 1997 ވަނަ އަހަރުގެ ސްކޫލު ބަންދުވެ ބޮޑު ޗުއްޓީ ލިބުނު ދުވަސްވަރެވެ. އަހަރެންނާއި ކޮއްކޮ އާއި ކޮއްކޮގެ ހަމަހުގެ ދަރިފުޅުގެ އިތުރުން ފިރިމީހާގެ ކޮއްކޮ ގޮވައިގެން އަހަރެންގެ ފިރިމީހާ އިންޑިއާ އަށް ދިޔައެވެ. މިއީ އަހަރެމެން ދެބެން އަލަށް އިންޑިއާއަށް ދިޔަ ދަތުރެވެ. އަދި މަތިންދާބޯޓަކަށްވެސް އެރި ފުރަތަމަ ފަހަރެވެ. އަހަންނަކީ ކަޑައިރުވެސް މަތިންދާ ބޯޓުތައް މާތިރިން ދަތުރުކުރާނަމަ، ބޮޑުއަށި ދަށަށް ވަދެ ފިލާ މީހެކެވެ. އެހެން ކަމުން މަތިން ދާ ބޯޓަކަށް އަރަން ޖެހުމުން ގަންނާނެ ބިރާ ކުރާނެ އިހުސާސް ތައް ކިޔުންތެރިންގެ ޚިޔާލަށް ދޫކޮށްލަމެވެ.
އެ ދުވަސްވަރަކީ ދިވެހިން އާންމުކޮށް އިންޑިއާ އަށް ގޮސް އުޅުނު ދުވަސް ވަރެއް ނޫނެވެ. ނަމަވެސް ޒޫ ބަލާހިތްވުމާއި "ވޯޓަރފޯލް" ފެންނާނެއޭ އަދި އުސް ފަރުބަދައަށްވެސް އެރޭނެ ވާހަކަ ފިރިމީހާ ބުނުމުން ކޮންމެހެންވެސް އިންޑިއާ އަށް ދާހިތްވިއެވެ.
އަހަރެމެން ދަތުރަށް ފުރަންވެގެން މަތިންދާ ބޯޓަށް އަރަން ދިޔައިރު ދޮންބެވެސް އަހަރެމެނާއެކު ބޯޓާ ހަމައަށް ދިޔައެވެ. އޭރު ދޮންބެ އުޅެނީ އެއާމޯލްޑިވްސްގައި ކަމުން ބޯޓާ ހަމައަށް ދެވުނީއެވެ. ބޯޓަށް އަރަން ސިޑިއާ ހަމައަށް ދެވުނުއިރު އަހަރެން ހަމަ ރަނގަޅަށް ތުރުތުރު އަޅައެވެ. ގުރޫޕު އެންމެން ސިޑިން އަރަން ފެށުމާއެކު ދޮންބެ ދާން ހިނގައި ގަތްތަނާ އަހަރެންގެ އަތުން ދޮންބެ އަތުގައި ހިފަހެއްޓީމެވެ. އަހަރެން ހިފެހެއްޓިލެއް ބާރުކަމުން ދޮންބެއަށް އަތް ގުޑުވާވެސް ނުލެވުނެވެ. އެވަގުތު ފިރިމީހާ އައިސް އަހަރެންގެ އިނގިލިތައް ދޮންބެގެ އަތުން ގަދަކަމުން ނައްޓުވާލިއެވެ. ދޮންބެއަކީ ދޮން، މީހެން ނޫންނަމަވެސް އަހަރެންގެ އިނގިލިތައް ހުރިވަރަށް ދޮންބެއަތުގައި ފާހަގަވެފައި ހުއްޓެވެ.
ބޯޓު، މައްޗަށް އެރުމުން ރަށްތައް ވަރަށް ރީތިކޮށްފެންނާނެ ވާހަކަ މީހުން ބުނާތީ ކުރީބައިގައި އަހަންނަށް ވިންޑޯސީޓުވެސް ވަނީ ހޯދައި ދީފައެވެ. ގޮނޑީގައި އިށީނދެ ހަމަ ޖެހިލުމުން ގޮނޑީ ކަމަރު އަޅުވައިދިނީ ފިރިމީހާއެވެ. އިރުކޮޅަކު ހަމަޖެހިލިތަނާ ބޯޓުގައި ދޭ އިރުޝާދު ތައް ދޭން ފަށައިފިއެވެ. ނަމަވެސް ހަމަ އެވަގުތު ބޯޓު އުދުއްސާލުމަށްޓަކައި ދުއްވަން ފަށައިފިއެވެ. މިފަހަރު އަތުގައި ލައްވާލީ ފިރިމީހާގެ އަތާއި ގޮނޑީ އަތްގަނޑެވެ. ދެލޯ މަރާތަގުޅިކޮށްގެން ހިތުން އެނގޭ ހުރިހާ ސޫރަތަކާއި ކުރުސި އަދި ދުލަށް އައި ހައި ހެއޮ އެއްޗެއް ކިޔަން ފެށީމެވެ. އިރުކޮޅަކުން ފިރިމީހާ ރުންކުރުފާޑަކަށް ބުނެލިއެވެ. ތި ސީޓުގައި ތި އިނީ ނިދަން ހެއްޔެވެ؟ ބޭރު ބަލާލަބަލާށެވެ. އޭރުވެސް އަހަރެން އިނީ ދެލޯމަރައިގެނެވެ. ފެންނާނެ ރީތި މަންޒަރުތަކުގެ މަތިންވެސް ހަނދާންވީ ދެންތާއެވެ. ވަރަށް ބިރުން އިނދެ ލޮލުގެ ކުޑަ ކޮޅުން ކުޑަދޮރުން ބޭރު ބަލާލީމެވެ. ތެދެކެވެ. ދިވެހިރާއްޖޭގެ ރީތި ރައްތައް މަތިން ފެންނައިރު ވަރަށް ޗާލެވެ. ނޫ ކަނޑުތަކާއި ވިލުތަކާއި ފެހިކުލައިގައިވާ ކުދި ޖަޒިރާ ރަށްތައް މުތްތަކެއްހާ ރީއްޗެވެ.
އެމަންޒަރު ބަލަން އިންދާ ވަރަށް މިރު ކާއެއްޗެއްގެ ވަސްދުވަން ފަށައިފިއެވެ. ބޯޓު ތެރެއަށް ނަޒަރު ހިންގާލި އިރު ބޯޓުގައި ނަލަހެދިފައި ތިބި އަންހެންކުދިންތައް ފަސިންޖަރުންނަށް ޕާރުސަލްތަކެއް ބަހަމުން ދިޔައެވެ. އެންމެ ފުރަތަމަވެސް އަހަންނަށް އަހާލެވުނީ "އަހަރެމެނަށްވެސް އެދޭނެތަ؟" ފިރިމީހާ ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. އާންއެކެވެ. އަހަރެން ޓިކެޓް ގަތީ އެ ކާއެއްޗިއްސާ އެއްކޮށެވެ.
އެ ޕާރުސަލް އަހަރެންގެ އަތަށް ލިބުމާއެކު ހުޅުވާލީމެވެ. އޭގައި ހުރީ ބަތްކޮޅަކާއި ކުކުޅު މަސްކޮޅަކާއި ރިހަފޮދަކާއެކު ތަރުކާރީ ކޮޅެކެވެ. އަދި މޭވާ ތައްޓެއްވެސް ހުއްޓެވެ. ބޯޓަށް އެރީ ވަރަށް ރަނގަޅަށް ބަނޑު ހުސްކޮށްގެނެވެ. އެއީ ދޯނީގައި ރަށަށް ދާއިރު ފާޚާނާކުރަން އުޅެން ޖެހޭ ހާލު އަންހަންނަށް އެނގޭތީއެވެ.
މަތިންދާބޯޓުގައި ފާޚާނާ ކުރެވެން ހުންނަ ގޮތެއް އެއްވެސް މީހަކު ކިޔައިދީފައެއް ނެތެވެ. ބައްޕަ ބުނުއްވާފައި އޮތީ ރޭލުގައި ދަތުރުކުރާއިރު ފާޚާނާ ކުރުމުން އެ ހުރިހާ އެއްޗެއް އޮނަނާނީ ރޭލު ދަގަނޑުގައި ކަމަށެވެ. އެހެންކަމުން މަތިންދާބޯޓުގައި ފާޚާނާ ކޮށްފިނަމަ، އެ ހުރިހައެއްޗެއް ވިލާތަކުގެ މައްޗަށް އެޅޭނެކަމަށް ހީކޮށް ކާން ނުކެރިފައި އިނީމެވެ. އިރުކޮޅަކުން ފިރިމީހާ އަހައިލައިފިއެވެ. ނުކައި ތިޔަ އިންނަނީ ކީއްވެފައި ހެއްޔެވެ؟ އަހަރެން ސުވާލުކުރީމެވެ. މީގައި ފާޚާނާ ހުރޭހެއްޔެވެ؟ އޭނާ ބުންޏެވެ. އާނއެކެވެ. ފާޚާނާ ހުންނާނެއެވެ. އަނެއްކާވެސް އަހަރެން ސުވާލުކުރީމެވެ. ފާޚާނާ ކުރާއެއްޗެހި ދާނީ ކޮންތާކަށް ހެއްޔެވެ؟ އޭނާ ބުންޏެވެ. އެއެއްޗިހި ބޯޓުން ތިރިއަށް ފައިބާނެކަމަށް ހީކުރީ ހެއްޔެވެ؟ ސާބަހެވެ. ގޭގައި އެވެސް އެ ތަކެތި މަގުމައްޗަށް ނުކުމެފައި އޮވޭހެއްޔެވެ. މަތިންދާ ބޯޓުގައި ޓޭންކެއް ހަރުކޮށްފައި ހުންނާނެއެވެ. ވިލާތަކު މައްޗަކަށް ނަޖިހެއް ނުފައިބާނެއެވެ.
ދެން ކުޑަކޮށް ހަމަޖެހިލުމަށްފަހު ލިބުނު ކާއެތިކޮޅޮ ކައި ހުސްކޮށްލައިފީމެވެ. ފެން ނުބޮވެނީސް ބޯޓު ތިރިކުރަން ފަށައިފިއެވެ. އަހަރެން ގަންނާކުރެއްވި ބިރުން އަނެއްކާވެސް ދެލޯމަރައިގެން އިނދެ ފިރިމީހާ އަތުގައި ބާރަށް ހިފެހެއްޓީމެވެ. ބޯޓު ޖައްސަންދެންވެސް އަހަރެން އިނީ ލޯމަރައިގެންނެވެ. ބޯޓު ޖެއްސި އިރު އެ ގޮވި އަޑާއި ވީ ގޮތުން ބަރަށް ޝަހާދަތް ކިޔާލަ ކިޔާލަ އިނދެވުނެވެ. ބޯޓުގައި ދަތުރުކުރި އެހެންމީހުންވެސް އަހަންނާ ދިމާއަށް ބަލާވަރުން ފިރިމީހާ އިރުއިރުކޮޅާ ބުނެއެވެ. ތަންކޮޅެއް މަޑުން ކިޔާބަލާށެވެ! މީހުންތައް އެބަ ބަލައެވެ.
ބޯޓު އިންޑިއާގެ ޓްރިވެންޑުރަމް އެއާޕޯޓުގައި ޖެއްސުމާއެކު ބަހެއް ގައި އަހަރެމެން އިމިގިރޭޝަން ޗެކިންއާ ހަމައަށް ގެންދިޔަ އެވެ. އަހަރެންނާއި ކޮއްކޮ އާއި ދެމީހުން ތިބީ ހައިރާން ވެފައެވެ. އެއޮއްބޮޑު އިމާރާތުގެ އެތެރޭގައިވެސް ކާޅުތައް އުދުހެމުން ގެންދެއެވެ. ކާޅު ގުއިތައްވެސް ފާރު ތަކުން ފެންނަން ހުއްޓެވެ. އަހަރެމެން ރާއްޖެގެ އެއާ ޕޯޓާ ބަލާއިރު މިތަން ހީވަނީ އަތިރީގައި ހުންނަ ހޮޅު އައްޓެއް ހެނެވެ. އެހާވެސް ކާޅު ގިނައެވެ. އަހަންނަށް ބުނެވުނީ މިއީ ތިޔަ ބުނާ އިންޑިޔާ ހެއްޔެވެ؟ އަހަރެމެން އެއާޕޯޓުން ނުކުތުމާއެކު ފަރާތް ފަރާތުން މީހުންއައިސް ފޮށި އުފުލައިދޭން ގާތް ވާން ފެށިއެވެ. ފިރިމީހާ އަތުގެ އިޝާރާތުން އެމީހުން ހުއްޓުވުމަށްފަހު އޭނާ ދާން ބޭނުންވި ކާރާ ދިމާއަށް ދިޔައެވެ. އަހަރެމެން އެންމެންވެސް ގޮސް އެކާރަށް އެރީމެވެ. ފޮށިތައް އެރުވީ ކާރުގެ މައްޗަށެވެ. އެތާގައިވާ ދަގަނޑުތަކާލައި ފޮށިތައް އެއްސިއެވެ.
އަހަރެމެން ދާންވީ ހޮޓަލުގެ ނަން ބުނުމުން ޑްރައިވަރު ކާރު ދުއްވާލިއެވެ. އަހަންނާއި ކޮއްކޮއާ ތިބީ ދެފަރާތުން މަގުމަތި ބަލާށެވެ. ވަރަށް ބޮޑެތި ގަސްތައް ފެނެއެވެ. ނަމަވެސް މަގުތައް އަހަރެމެން ހީކުރި ހާރިއްޗެއްނޫނެވެ. މަގުގެ އެކި ހިސާބު ތަކުން ގެރި ބަކަރި ފެނެއެވެ. ގާތްގަޑަކަށް 45 މިނެޓް ގެ ދަތުރަކަށް ފަހު އަހަރެމެން ތިބޭ ހޮޓަލަށް އާދެވިއްޖެއެވެ. އަހަރެމެން ކޮޓަރިތަކަށް ގެންދިއުމަށްފަހު ފިރިމީހާ އާއި އޭނާގެ ކޮށްކޮ ދިޔައީ ރޭގަނޑަށް ކާއެއްޗިހި ގަންނާށެވެ. މާލަސްވެއްޖެނަމަ ކައެއްޗެހި ނުލިބިދާނެތީއެވެ. އޭރަކު އެހިސާބަކު ދިވެހި ކާނާ ލިބެނޭ ރެސްޓޯރެންޓް ތަކެއް ނުހުރެއެވެ. އެހެނެންކަމުން އެމީހުން ކާން ގެނައީ ތެއްލި ކުކުޅާއި ފަރާޓާ އާއި ކުކުޅު ރިހަ އެވެ. ކާއެއްޗެހި ވަރަށް މީރެވެ.
އަހަރެމެން ފެންވަރާ ނަމާދުކުރުމަށްފަހު ކައިގެން ވަރަށް އަވަހަށް ނިދައިފީމެވެ. އެ ހޮޓަލުގައި އަޑުތައްވެސް ވަރަށް މަޑެވެ. ހަމަ ހިމޭން ކަމުން ވަރަށް އަވަހަށް ނިދިއްޖެއެވެ.
އަނެއްދުވަހު ފަތިހު އަޑުފައްގަނޑު ގަދަވިއެވެ. ރަނގަބީލު އަޑާއި ފާޑު ފާޑުގެ ލަވަތަކާއި އަންބާގެ އަޑު ތަކެވެ. އަހަރެމެން ތެދުވެ ރީތިވެލައިގެން ނަމާދު ކުރުމަށްފަހު ބެލްކަންޏަށް ނުކުމެލީމެވެ. ވަރަށް ފިންޏެވެ. ވަރަށް ނަލަ ވައި ޖެހެއެވެ. ގަސްތަކުގެ ފަތްތަކަށް ފިނި ފައިބާފައި ހުރިތަން ފެނެއެވެ. އޭރު އިރުއަރަން ވަރަށް ކައިރި ވެފައި ހުރިކަން އެނގެއެވެ. އަހަރެމެން ކޮއްކޮގެ ދަރިފުޅު ރީތިކޮށް އޭނާއަށް ކާންދީ ނިމުނު އިރު އަށެއް ޖަހައިފިއެވެ. ދެން ކުރޮޅިއެއް ހޯދައިގެން ސައިބޯން ހިނގައްޖައީމެވެ. ރަނގަޅު ސައިބޯ އެއްއްޗެއް ލިބޭ ތަނަކަށް ގެންގޮސްދޭށެ ބުނުމުން އެ ކުރޮޅި ޑުރައިވަރު ބޮޑު ހޮޓަލެއްގެ ދޮރުމައްޗަށް ކުރޮޅި ހުއްޓި އެވެ. އަހަރެމެން ހޮޓަލަން ވަން އިރު އެތަން ހަމަ، ހުޅުވީއެވެ. އަދި ސައިބޯން އައިސް އިތުރު ބަޔަކުވެސް އެތާކު ނެތެވެ. އަހަރެމެން މޭޒެއްގެ ކައިރީ އިށީނުމުން ވެއިޓަރު އައިސް މެނޫ ދިއްކޮށްލިއެވެ. ފިރިމީހާ އެބަލަލާފައި ބުނެފިއެވެ. މަހުގެ، އަދި ކުކުޅުގެ އެއްވެސް ބާވަތެއް މި ގަޑީގައި ނުލިބެއެވެ. އެކަމަކު ރޮއްޓާ ތަރުކަރީ ރިހަޔާ ލިބި ދާނެއެވެ. އަހަރެމެން ބުނީ ހުރި އެއްޗެއް ގެންނާށެވެ. ވެއިޓަރު ކާއެއްޗިހި ގެނައިރު ހުރީ އާޓާ ފުށު ރޮއްޓާއި ތަރުކާރީ ރިހައެކެވެ. އަހަންނާ ކޮށްކޮއާ ދެމީހުނަށް އުޅެ އުޅެވެސް އެ އެއް އަރުން އެތެރެއެއް ނުކުރެވުނެވެ. އެންމެފަހުން އަހަރެމެން ދެބެން އެއްވެސް އެއްޗެއް ނުކައި ޖެހުނީ ހޮޓަލަށް ދާށެވެ. ހޮޓަލަށް އަހަރެމެން ބޭލުމަށް ފަހު ފިރިމީހާ ގޮސް އާފަލާއި އޮރެންޖާ، ދޮންކޭލާ، މޭބިސްކަދުރު ފަދަ މޭވާތައް ގެނައެވެ. އަހަރެމެން މެންދުރުވަންދެން ތިބީ އެ ކައިގެނެވެ. އެދުވަހަކީ ޒުލަށްދާން ހަމަޖެފައިވާ ދުވަސް ކަމަށް ވުމުން އަވަހަށް މެންދުރު ކާން ހިނގައްޖައީމެވެ. ހެނދުނު ދިޔަ ރެސްޓޯރަނޓު ނޫން އެހެން ތަނަކަށެވެ. މިފަހަރު އަހަރެމެން ކާން ގެނައީ ފުރައިޑް ރައިސްއާއި ކުކުޅެވެ. ވަރަށް ހިތްވަރުކޮށްގެން އެތިކޮޅެއް އެތެރެ ކޮށްލީމެވެ. އެވެސް ނުކެއްޔާ ޒުލަށް ނުދެވޭނެ ކަމަށް ބުނުމުންނެވެ. އަހަރެން ވަރަށް ޝަކުވާ ކުރީމެވެ. ބަތުގައި ލޮނުރަހަ ނުދޭތީއެވެ. މަސް ރަހަ ނުދޭތީ އެވެ.
ކޮންމެ އަކަސް މެންދުރު ކައިގެން ޒުލަށް ހިނގައްޖައީމެވެ. އެތަނަށް ވަން އިރަށް އެ އޮއް ދުވި ވަހުން ހުރިތަނަށް އަނބުރައިގަނެގެން ތިރި ނުވީ ހަމަ ކިރިޔާއެވެ. އެހެން ނަމަވެސް ދޮރުމަތިން ފެނުނު ޒަރާފާގެ ބޮޑުކަމާ ރީތި ކަމުން ކުރިއަށް ހިނގައި ގަތީމެވެ. ޒުލުގައި ބުރު ޖަހާފައި ދިޔައިރު ތަފާތު އެކި ޖަނަވާރުތައް ފެނުނެވެ. ނީލަ ގެރިޔާއި ސިންގާ އާއި މާސިންގާ ބިޔަ އެއްތަކާއި ރީތި ފުއްލާތަކެވެ. ބުރު ނިންމާލާފައި ނުކުންނަން އައި އިރު ޒަރާފާތަކަށް މީހުން ކާން ދޭ މަންޒަރު ފެނިއްޖެއެވެ. އެކަމަށް ވަރަށް ޝައުގު ވެރި ވެއްޖެއެވެ. ކާންދޭ ތަނަށް ގާތްވިތަނާ އެއެއްޗެތި ބަލަހައްޓާމީހާ ފަތްކޯޅިއެއް އަހަރެންގެ އަތަށް ދިއްކޮށްލިއެވެ. އަވަސް އަވަހަށް އެފަތްކޯޅިގައި ހިފައި ޒަރާފާއަށް ކާންދޭން ދިއްކޮލީމެވެ. އެންމެ ގާތުގައި އޮތް ޒަރާފާ ބޯގުދުކޮށްލާފައި އަނގަ ހުޅުވަލާފައި ނެރުނު ދޫ ފެނުމުން މަ ކަނބުލޭގެ ފަތްކޯޅިއާ ފަތްކޯޅިއެއް ދޫކޮށްލާފައި ދުވެ ގަޑަގަޑަ ޖަހާފައި ޒުލުންބޭރަށް ނުކުމެއްޖައީމެވެ. އަހަރެންގެ ފަހަތުން އެހެން މީހުންވެސް ހެމުން ހެމުން ނުކުމެއްޖެއެވެ.
އެރޭ ކެއުމަށް އެއްވެސް ރިހައެއް ނުގެންނަން ބުނީމެވެ. ހަމައެކަނި ބަތްކޮޅެއް ގެނައީމެވެ. އެއީ ރަށުން ގެނައި ތެއްލި ރިހާކުރުފުޅި މަތިން ހަދާން ވުމުންނެވެ. ރިހާ ކުރާ ބަތާ ވުމުން މިރޭ ވަރަށް ރަނގަޅަށް ކެވުނެވެ. އަނެއް ދުވަހު ހެނދުނު ސައިބޯ އެއްޗެހި ގެނައިރު މަތި ޖެހޭ ކުޑަ ދަޅެއް ފިރިމީހާ ގެނެސް ދިނެވެ. އެއީ ކީއްކުރާ އެއްޗެއްތޯ އެހުމުން އެއީ ރެސްޓޯރެންޓަށް ދާއިރު ރިހާކުރުއަޅަން ގެނައި އެއްޗެއް ކަމަށް ބުންޏެވެ.
އޭގެ ފަހުން ކޮންމެ ތާކަށް ވެސް އަހަރެމެންދަނީ އެ ދަޅުބުރިއަށް ރިހާކުރު އަޅައިގެން އަތް ދަބަހަށް އެ ދަޅު ލައިގެންނެވެ. އެއިން ރިހާކުރު ކޮޅެއްލުމުން އަހަރެމެންނަށް ފަސޭހައިން ކެވެން ފެށިއެވެ. މިހެން އުޅެނިކޮށް އެއްދުވަހަކު މެންދުރު ކާންދާން ބެލި އިރު އެއްކަލަ ދަޅުބުރިއެއް ނުފެނުވެ. މުޅި ކޮޓަރިއާއި ހުރިހާ އެންމެންގެ އަތްދަބަސްތައް ހޯދާވެސް ދަޅުބުރި އެއް ނުފެނުނެވެ. އެންމެ ފަހުން އެ ގެއްލުނީކަމަށް ނިންމާ ވަރަށް ހިތްހަމަ ނުޖެހި ހުރެ ރެސްޓޯރެންޓަށް ދިޔައީމެވެ. ގޮސް މޭޒު ދޮށުގައި އިށީނދެ ކާއެއްޗިއްސަށް އޯޑަރު ނުދެވިގެން އުޅެނިކޮށް ވެއިޓަރަކު ދުވެފައި އައިސް މެޑަމް އޭ ކިޔާފާ ދިއްކޮށްލީ އެއްކަލަ ދަޅުބުރިއެވެ. ވީ އުފަލެއް ބުނެދޭކަށްވެސް ނޭނގުނެވެ. ކޮއްކޮ އެވަގުތު ސުވާލު ކޮށްލިއެވެ. އެމީހުނަށް މީ އަހަރެމެންގެ އެއްޗެއްކަން އެނގުނީ ކިހިނެއްބާއެވެ؟ އެވަގުތު ފިރިމީހާ ބުންޏެވެ. ކަލޭމެން ކާން އައިސް ތިޔަ ދަޅަކުން އަޅަނީ ކޯޗެއްތޯ ބަލަން އެމީހުން ލޯދީގެން ތިބޭކަމެއް ނޭނގޭ ހެއްޔެވެ؟ ގެއިން ލައިގެންކާ އެއްޗިހި ހިފައިގެން މި ރެސްޓޯރަންޓަށް އަންނަ ތިނޫން ބަޔަކު އުޅޭ ހެއްޔެވެ؟ އަހަރެމެން ދެބެން އިތުރު އެއްޗެއް ނުބުނެ ކައި ގެން ހޮޓަލަށް ހިނގައްޖައީމެވެ. އެދުވަހުގެ މެންދުރު ފަހު ދިޔައީ ބަޒާރަށެވެ. ޗާލާ ބާޒާރޭ ކިޔާ މަޝްހޫރު ބާޒާރަށް ގޮސް އަހަރެމެން ދެބެން ރަން ވިއްކާ ފިހާރައެއްގައި ބައިތިއްބުމަށްފަހު ފިރިމީހާ އާއި އޭނާގެ ކޮއްކޮ އެމީހުން ބޭނުންވާ ބަޒާރުތައް ކުރުމަށް ހިނގައްޖެއެވެ. ދެން އަހަރެމެން އަތަށް މީހުންގަންނަން ދީފާ ހުރި ރަން ފަށާއި ކެވެލި އަނގޮޓި ފަދަ ތަކެތި ގަނެ އަދި ބަދަލު ކުރަން ދީފައި ހުރި ތަކެތި ބަދަލު ކުރަން ފެށީމެވެ. އަހަރެމެން އެތާ ތިއްބާ މެދު އުމުރުގެ ދިވެހި ދެމަފިރިން އެ ފިހާރައަށް ވަނެވެ. އަދި އަހަރެމެނާ ވާހަކަ ދައްކަން ފެށިއެވެ. ކޮން އިރަކުތޯ އިންޑިއާއަށް އައީ އާއި ތިބޭ ހޮޓަލުގެ ނަންވެސް އެހި އެވެ. އަހަރެމެން ތިބޭ ހަޓަލުގެ ނަންބުނުމާއެކު އެ އަންހެން މީހާގެ ދެލޯ ބޮޑުވިއެވެ. އަދި ހައިރާންކަމާއެކު އަހަރެމެނާ ދިމާއަށް ބަލާލާފައި ބުންޏެވެ. އެތާ ތިބޭކަށް ކަލޭމެން ބިރެއް ނުގަނޭހެއްޔެވެ؟ އަހަރެން އާނއެކޭ ކިހިނެއް ވީހެއްޔޭ އަހާލީމެވެ. އޭނާ ބުނީ އެއީ ވަރަށް ނަމާން ހޮޓަލެއް ކަމަށެވެ. އެތަނުން ރޭގަނޑު ދަންވަރު އަންހެން ކުދިން ރޯ އަޑާއި ހިނގާ އަޑު އިވޭނެ ކަމަށެވެ. އަދި ބައެއް މީހުނަށް ދަންވަރު ގޮތްނޭނގޭ އަންހެން ކުދިން ކޮރިޑޯތަކުން ހިނގާތަންވެސް ފެންނަކަމަށް ބުންޏެވެ. އެމީހާގެ ވާހަކަތައް އަޑު އެހުމަށްފަހު އަހަރެން ވަރަށް ބިރުގަތެވެ. އެދުވަހު ގެއަށްދަމުން ފިރިމީހާ ގާތު ޖަޒީރާ ހޮޓަލުގައި މި ތިބެނީ ކީއްވެތޯ އެހީމެވެ. އޭނާ ބުނީ އެތަނުގައި މީހުން މަދު ވެފައި ތަން ސާފުތާހިރު ވުމާއެކު ކާއެއްޗެހި ވިއްކާ ތަންތަންވެސް ކައިރި ވީމައެވެ. އަހަރެން ބުނީމެވެ. މިއަދު ދިމާވި މީހަކު ކިޔައިދިން ގޮތުގައި މިއީ ވަރަށް ނާމާން ހޮޓަލެކެވެ. ފިރިމީހާ ބުނީ އެ އީ ފުލޯކު ވާހަކައެއް ކަމަށެވެ. މިތަނުގައި ހަފުތާއަކު ތިބި އިރުވެސް އެކަހަލަ ކަމެއް ފާހަގަ ވީހެއްޔެވެ؟ އަހަރެން ނޫނެކޭ ބުނީމެވެ. ނަމަވެސް އެރޭ ނިދަން އުޅެއުޅެ ނުނިދުނެވެ. އެކި ފާޑުފާޑުގެ އަޑުއަޑު އިވޭހެން ހީވަނީ އެވެ. ބައެއް ފަހަރު އެއީ ކޮން އަޑެއްތޯވެސް އަހާލެވެއެވެ. މި ސަކަރާތަކާ ހުރެ އެރޭ އެކަކަށްވެސް ނިދޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން އަހަރެން ބިރުން އުޅޭވަރުން ޓިކެޓް ވެސް ބަދަލުކޮށްގެން ދަތުރު ކުރުކޮށްލާފައި މާލެ އަންނަން ޖެހިއްޖެއެވެ. ފަރުބަދައެއް ކީއްކުރަން ވޯޓަރ ފޯލެއްވެސް ފެންނަ ހިސާބަކަށް ނުދެވުނެވެ. މާލެ އައިސް މިވާހަކަ ރައްޓެއްސެއް ގާތު ދެއްކުމުން ބުނީ އެއީ ކޮންމެވެސް ނޫހެއްގައި ލިޔެފައި އޮތް "ތަމަންނާ" ކިޔާ ވާހަކައެއްގައި ވީ ގޮތެކެވެ. އެއީ އަހަރެމެންތިބި ޖަޒީރާ ހޮޓަލާ ގުޅުވާލައިގެން ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. ކުރާނެ ކަމެއްނެތެވެ. ކަމުގެ ހަގީގަތް ނުބަލާ ހިސާބަށްވުރެ ބޮޑަށް ބިރުގަންނަން ވެއްޖެއްޔާ ވާނީ މިހެންނެވެ.
ވަރަށް ފައްކާ