އެމްއެމްޕީއާރުސީގެ މައްސަލާގައި ސަސްޕެންޑް ކޮށްފައި ހުރި ޔޫތް މިނިސްޓްރު އަހުމަދު މަހުލޫފް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މަހުލޫފް ޝިއުނާއަށް ބަހުގެ ހަމަލާތަކެއް މި އަމާޒު ކުރެއްވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީއަށް ފޮނުވާފައި އޮތް މައްސަލަ އަނބުރާ ފޮނުވާލިކަމަށްބުނާ ހަބަރަކާ އެކުއެވެ. އެހެންނަމަވެސް ޕީޖީން ބުނެފައިވަނީ މައްސަލަ ފޮނުވާލާފައި ނުވާކަމަށާއި، އެދިފައިވާނީ އިތުރު ހެކިތަކާ ގުޅޭ ލިޔުންތައް ހުށަހަޅަން ކަމަށެވެ.

މަހުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މައްސަލަ ޕީޖީއަށް ފޮނުވަމުން އޭސީސީން ބޮޑު ބަޔާނެއް ނެރެފައިވާކަމަށާއި، އަނބުރާ ފޮނުވާލުމަ ތިބެނީ ހަނުކަމަށެވެ. އަދި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް، ކުޅޭ ކުޅިވަރަކަށް މިކަން ނުހެދޭނެކަމަށް މަހްލޫފް ވިދާޅުވިއެވެ.

"އަޅުގަނޑަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫން،ކަންކުރަން ނޭގެންޔާ އިސްތިއުފާ ދެއްވީމަ މާރަނގަޅުވާނެ." މަހުލޫފްގެ ޓްވީޓްގައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގުތައް އަދިވެސް ކުރިޔަށްދާއިރު އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީ ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގުގެ ލިސްޓުގެ ތެރޭގައި މަހުލޫފްގެ ނަން ހިމެނެ އެވެ. އެ ލިސްޓުގައި ވާ ގޮތުން މަހުލޫފްއަށް ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ލިބިފައި ވެއެވެ. އެއީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 27 ގައި ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ގެންދިޔަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އަށް ވޯޓު ދިނުމަށާއި، ޕީޕީއެމްގައި ދެމިހުރުމަށް އޭރުގެ ނައިބް ރައީސް އަހުމަދު އަދީބު އޭނާއަށް ދިން ފައިސާކަމަށް އޭސީސީން ބުނެ އެވެ. އަދި އެ ދުވަހު މެލޭޝިއާގައި ހުންނެވުމަށްފަހު މަހުލޫފް މާލެ އައިސްފައިވަނީ ސީދާ ވޯޓަށްކަމަށް ވެސް ބުނެފައި ވެއެވެ.