އެޕަލް ސިޑާ ވިނިގާ އަކީ ކާތަކެތީގެ ރަހަމީރު ކޮށްދިނުމުގެ އިތުރަށް ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެއްކަން މީގެ ގަރުނުތަކެއް ކުރިން ހޯދިފައި ވެއެވެ. މިގޮތުން ހަށިގަނޑުގެ ބަރުދަން ލުއިކޮށްދިނުމާއި ކޮލެސްޓްރޯލު ލެވަލް ދަށްކޮށް ދިނުމުގެ އިތުރަށް ހަކުރުބަލި ޖެހުމުން ދުރުކޮށްދެއެވެ.

ބަރުދަން ލުއިކޮށްދިނުން

ސައިންސްގެ ހޯދުން ތަކުން ދައްކާގޮތުގައި ބަރުދަން އިތުރުވެފައިވާ މީހުން ދުވަހުގެ ކެއުމުގައި އެޕަލްސިޑާ ވިނިގާ ހިމެނުމުން އެމީހުންގެ ބަރުދަން ލުއިކޮށްދެއެވެ. އަދި އާދަކޮށް އެޕަލް ސިޑާ ވިނިގާ ބޭނުން ކުރާ މީހުންގެ ކެލެރީ އަންދައި ދެއެވެ. މިގޮތުން ދުވާލެއްގެ މައްޗަށް 275 ކެލެރީ އަންދައިދޭނެ ކަމަށް ސައިންޓިސްޓުން ހާމަ ކުރައްވައްވައެވެ.

ދިރާސާ އަކުން ދެއްކި ގޮތުގައި ދުވާލަކު ދެ ސައި ސަމުސާ އެޕަލް ސިޑާ ވިނިގާ ބޭނުން ކުރާނަމަ، އެއްވެސް ކަސްރަތެއް ނުކޮށްވެސް 12 ހަފުތާ އިން 2 ކިލޯ ލުއި ކޮށްދެއެވެ.

ކޮލެސްޓްރޯލް ދަށްކޮށްދިނުން

އެޕަލް ސިޑާ ވިނިގާ އާންމުކޮށް ބޭނުން ކުރާ މީހުންގެ ހަށިގަނޑުން ނުރައްކާތެރި ކޮލެސްޓްރޯލުގެ ބައިތައް މަދު ކޮށްދެއެވެ. އަދި ހަށިގަނޑަށް ބޭނުންވާ ރަނގަޅު ކޮލެސްޓްރޯލް އިތުރު ކޮށްދެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ހިތުގެ ބަލިތަކުން ދުރުކޮށްދެއެވެ. ހިތުގެ ސިއްޙަތު ރަނގަޅު ކޮށްދެއެވެ.

ވައި (ގޭސް) ގެ އުނދަގޫތަކުން ދުރުކޮށްދޭ

ކުޅި ހޮޑު އެރުން ފަދަ ވައިގެ އުނދަގޫތައް ތަހައްމަލުކުރާ މީހުނަށްވެސް އެޕަލްސިޑާ ވިނިގާ އަކީ ފަރުވާ އެކެވެ. އެޕަލް ސިޑާ ވިނިގާގެ ސަބަބުން ކާތަކެތި ހަޖަމް ކުރުމަށް އެސިޑު އިތުރު ކުރުމުން ވައި ލެވުން ކުޑަކޮށްދެއެވެ.

ހަމަށް ލިބޭ ފައިދާ

އެޕަލް ސިޑަރ ވިނިގާ އަކީ މޫނުގައި ހުންނަ އޮށާޅަ ފިލުވައިދޭ އެއްޗެކެވެ. އޭގައި ހުންނަ އެންޓިބެކްޓީރިއަލްގެ ސަބަބުން އޮށާޅައިގައި ހުންނަ ދުޅަ ތިރިކޮށްދެއެވެ. އަދި އޮށާޅަ ފިލުވުމަށް އެހީތެރިވެދެއެވެ.

ކަރުތެރެ ސާފުކޮށްދިނުން

ކަރުތެރޭގައި ހެދޭ ދަވައާއި އުނދަގޫތައް ފިލުވާލުމަށް އެޕަލް ސިޑާ ވިނިގާ އެހީތެރިވެދެއެވެ. އެޕަލް ސިޑާވިނިގާގައި ހުންނަ ބެކްޓީރިއާ އާއި ދެކޮޅު ބައިތަކުން ކަރުތެރެއަށް ލުއިކަން ގެނެސްދެއެވެ. ނަމަވެސް އެޕަލްސިޑާ ވިނިގާ ބޭނުންކުރާއިރު ފެންފަދަ އެއްޗަކާ އެއްކޮށްގެން ބޭނުން ކުރަން ހަނދާން ކުރާށެވެ.