މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވަރުގަދަ ފްރާންސާ 2-2 އިން އެއްވަރުކޮށް ޕޯޗުގަލް އަދި މެޗުގެ ފަހު ފަސްމިނެޓުގައި ހަންގޭރީއާ 2-2 އިން އެއްވަރުކޮށް ޖަރުމަނުން ރޭ ގަދަ ސޯޅައިގެ ބުރުން ފުރުސަތު ހޯދައިފިއެވެ.

ޕޯޗުގަލްއާ ފްރާންސް ބައްދަލު ކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީވެސް ޕޯޗުގަލްއިންނެވެ. މިލަނޑު ލިބުނު ޕެނަލްޓީއަކުން މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފްރާންސްއިން އެއްވަރު ކުރީވެސް ޕެނަލްޓީއަކުންނެވެ. މިޕެނަލްޓީ ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާއެވެ.

ދެވަނަ ހާފް ފަށައިގެން ދެވަނަ މިނެޓުގައި ބެންޒެމާގެ ލަނޑަކުން ފްރާންސްއިން ލީޑް ނެގުމާއެކު ޕޯޗުގަލް ޕްރެޝަރަށް ވެއްޓުނެވެ. އެއީ މެޗުން ބަލިވެއްޖެނަމަ ދެވަނަ ބުރުން ފުރުސަތު ގެއްލޭނެތީއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޕޯޗުގަލްއިން ޓީމަށް ބަދަލުތަކެއް ގެނެސް ފްރާންސްގެ ދެއަރިމަތިން ނުރައްކާ ކުރަން ފެށުމެވެ. ޕޯޗުގަލްއަށް އުއްމީދެއް ލިބުނީ ރޮނާލްޑޯ ގޯލު ކުރިމައްޗަށް ހުރަސްކުރަން އުޅުނު ބޯޅައެއް ފްރާންސް ޑިފެންޑަރެއް އަތުގައި ޖެހި ޕެނަލްޓީއެއް ލިބުމުނެވެ. މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު މިޕެނަލްޓީ ކާމިޔާބުކޮށްދިނީވެސް ރޮނާލްޑޯއެވެ. މިއީ މިފަހަރުގެ ޔޫރޯގައި ރޮނާލްޑޯ ކާމިޔާބު ކުރި ތިންވަނަ ޕެނަލްޓީއެވެ. އަދި ކާމިޔާބު ކުރި 5 ވަނަ ލަނޑެވެ. މިޕެނަލްޓީއާއެކު ރޮނާލްޑޯ ވަނީ، އިރާނުގެ ކުރީގެ ތަރި އަލީ ދާއީ 109 ލަނޑު ގައުމީ ޓީމަށް ކާމިޔާބުކޮށްދީގެން، ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިނުމުގެ ރެކޯޑާ އެއްވަރު ކޮށްފައެވެ.

ފްރާންސާއި ޕޯޗުގަލްއާއެކު ދެން މިގްރޫޕުގައި ހިމެނޭ ވަރުގަދަ ޖަރުމަނާއި ހަންގޭރީ ރޭ ބައްދަލު ކުރި މެޗުގައި ގިނަބަޔަކު ސިއްސުވާލައި ހަންގޭރީއިން މެޗުގެ 84 ވަނަ މިނެޓާއި ހަމައަށް ލީޑުގައި އޮތެވެ. ހަންގޭރީއަށް މޮޅުވެގެން ދެވަނަ ބުރުން ފުރުސަތު ލިބެން އޮތެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ހަންގޭރީއިންނެވެ. މިލަނޑު މެޗުގެ 11 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޒަލައިއެވެ. ޖަރުމަނުން ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފުގައި ޒުވާން މިޑްފީލްޑަރު ކައިހަވާޓްޒް ކާމިޔާބު ކުރި ލަނޑުންނެވެ. އެކަމަކު އޭގެ ދެމިނެޓް ފަހުން ޖަރުމަނު ހައިރާންކޮށްލުމަށްފަހު އަނެއްކާވެސް ހަންގޭރީއިން ލީޑް ނެގިއެވެ. މިނަތީޖާގައި އޮވެ ޖަރުމަނު މުބާރާތުން ކަޓަން ދަނިކޮށް އެގައުމު ސަލާމަތް ކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ގޮޓްޒްކާއެވެ.

ޖަރުމަނުން ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުކުރިއިރު މިގްރޫޕުގެ އެއްވަނަ ހޯދީ ފްރާންސެވެ. ޕޯޗުގަލްއަށް ދެވަނަ ބުރުން ފުރުސަތު ލިބުނީ ތިންވަނަ ހޯދި ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި 4 ގައުމުގެ ތެރޭގައި ހިމެނިގެންނެވެ. ޖަރުމަނާއި ޕޯޗުގަލްއަށް 4 ޕޮއިންޓް ލިބުނުއިރު ފްރާންސުން ވަނީ 5 ޕޮއިންޓް ހޯދާފައެވެ. ހަންގޭރީ ގްރޫޕް ފުލަށް ދިޔައީ 2 ޕޮއިންޓާއެކުއެވެ. އެގައުމު ބަލިވީ މުބާރާތުގެ ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުންނެވެ.

ދެވަނަ ބުރުގައި ކުޅޭނެ ގައުމުތައް ކަށަވަރު ވެފައިވާއިރު ޖަރުމަނު ބައްދަލު ކުރަންޖެހެނީ އިންގްލެންޑާއެވެ. ޕޯޗުގަލް ބައްދަލު ކުރާނީ ބެލްޖިއަމްއާއެވެ. ފްރާންސް ނިކުންނާނީ ސްވިޓްޒަލޭންޑާ ދެކޮޅަށެވެ. ސްލޮވާކިއާ 5-0 އިން ރޭ ބަލިކޮށް ދެވަނަ ބުރުން ފުރުސަތު ހޯދި ސްޕެއިން ދެވަނަ ބުރުގައި ބައްދަލު ކުރާނީ ކްރޭޝިޔާއެވެ.