މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން މަތީ ތަޢުލީމު ޙާސިލުކުރުމަށް ދަތިވެފައިވާ ދަރިވަރުންނަށް ޒަކާތު ފަންޑުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ފުރުސަތަކީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާއި ފުރިހަމަކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާއި، ގްރެޖުއޭޓް ނުވެވިފައިތިބި ދަރިވަރުންނަށް އެހީތެރިވުމުގެގޮތުން އެ މިނިސްޓްރީން ހުޅުވާލާފައިވާ ފުރުޞަތެއް ކަމަށެވެ.

މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީ ދިނުމުގައި ބަލާ ކަންތައްތަކަކީ އެހީއަށް އެދި ހުށަހަޅާ ދަރިވަރުންނަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ ކޯހެއްގައި ކިޔަވާ ދަރިވަރުން ކަމުގައިވުމާ މާލީ ގޮތުން ފުދުންތެރިކަމެއް ނެތް، ޒަކާތް ލިބުން ހައްޤުވާ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަމުގައިވުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ލެވެލް 5 އިން ފެށިގެން ލެވެލް 10ގެ ނިޔަލަށް ހިމެނޭ ކޯހެއްގައި ކިޔަވާ ދަރިވަރަކަށްވެސް ވާންޖެހެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ "މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީ ދިނުމުގެ އުސޫލު"ގެ ދަށުން މާލީ އެހީއަށް އެދުމުގެ ފުރުޞަތު އަންނަ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

"މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީ ދިނުމުގެ އުސޫލު"ގެ ދަށުން ޚާއްސަ އެޙީ ދޭނެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ޓިކެޓާއި، ޓިއުޝަން ފީއާއި، ވިސާގެ ޚަރަދުތަކާއި، ހެލްތް އިންޝުއަރެންފަދަ ޚަރަދުތަކެވެ.