ދާދި ފަހުން ސޯޝަލް މީޑިއާއިން ފެނުނު ޚަބަރެކެވެ. އެޗް.ޕީ.އޭ ގެ ފަރާތުން އަޅަމުން ގެންދާ ޞިއްޙީ ފިޔަވަޅުތަކާ ހުރެ ދިވެހި އަންހެނަކު އަމިއްލައަށް މަރުވެދާނެކަމަށް ބުނާކަމަށް ލިޔެފައިވާ ޚަބަރެކެވެ. މި ޚަބަރަށް ކޮމެންޓް ކޮށްފައި ތިއްބެވި ގިނަ ބޭފުޅުން އޭނާއަށް ނަޞީޙަތްތެރި ވެފައި ވަނީ، އެގޮތަށް މަރު ނުވުމަށެވެ. އަދި އެކަމުގައި އެހީތެރިކަން ބޭނުންނަމަ ދެއްވުމަށް ތައްޔާރަށް ތިއްބެވި ކަމަށެވެ. ނަމަވެސް މަދު ނެގެޓިވް ކޮމެންޓްތައްވެސް ހުއްޓެވެ.

މި ޚަބަރު ފެނުމުން އަޅުގަނޑުގެ ހިތަށް ކުއްލިއަކަށް އައީ، 2020 ގައި ކޮވިޑް19 އިގެ ބިޔަ ރާޅުގެތެރޭގައި ޔޫރަޕްގެ ޤައުމަކުން ފުރަބަންދު ކުރުމުން އެ ފުރަބަންދަށް ކެތް ނުވެވިގެން ޒުވާން އަންހެންކުއްޖަކު، ގޭގެ ބެލްކަނިން ފުންމާލައިގެން އަމިއްލައަށް މަރުވި ޚަބަރެވެ.

ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅުތަކުން އެނގެނީ، އަމިއްލައަށް މަރުވުމުން، ނަރަކައިގައި، ވަރަށް ބޮޑު ޢަޛާބު އެމީހަކަށް ލިބޭނެ ކަމެވެ. އެ މީހަކު އެ މަރުވި ގޮތަކަށް މަރުވުމަށްފަހު، އަނެއްކާވެސް ދިރުއްވައި އެ މަރުގެ ވޭން ތަކުރާރުވާ ގޮތުގެމަތީން އެ މީހަކަށް ޢަޛާބު ލިބޭނެކަމެވެ.

މިފަދަ ކަންކަމުގައި ވިސްނަންޖެހޭ މުހިއްމު ނުކުތާއަކީ، ދިރިއުޅުމުގައި ބޮޑެތި ކަންތައްތައް އައިސް ކުރިމަތިވެ، ހަދާނެ ގޮތް ހުސްވުމުން، ދިރިއުޅުމުން މާޔޫސްވެ، ގޮތް ހުސްވާމީހުން އިންސާނުންގެ ތެރޭގައި އުޅޭކަމެވެ. ޝައްކެއްނެތް ގޮތުގައި، މިއީ މިކަން ވާނެ ގޮތްވެސް މެއެވެ. ސަބަބަކީ، ﷲ ތަޢާލާ، އިންސާނުންގެ ޠަބީޢަތުގައި މާޔޫސްވުން ލައްވާފައިވާ ކަމެވެ. އެފަދަ ވަގުތުތަކުގައި، އެހެންފަރާތެއްގެ އެހީއާއި މަދަދަށް ބޭނުންވާ ކަމެވެ.

ކުޑަ ކުއްޖެއްނަމަ، އެފަދަ ކަމެއް ދިމާވުމުން އެ ކުއްޖާ އެހީތެރިކަން އެދޭނީ، މައިންބަފައިންގެ ފަރާތުންނެވެ. ޒުވާނެއް ނަމަ އޭނާ މަދަދު އެދޭނީ އެކުވެރި ރަޙްމަތްތެރިންގެ ފަރާތުންނެވެ. އަންހެނަކު ނަމަ އޭނާ މަދަދު އެދޭނީ ފިރިމީހާގެ ފަރާތުންނެވެ. އަދި މިކަން އޮންނާނީ އެ މީހަކަށް އިތުބާރު ކުރެވޭ ފަރާތަކަށް ބަރޯސާ ވެފައެވެ.

މި ދެންނެވިފަދަ ފަރާތެއް ނެތްނަމަ، މާޔޫސްވެގެންގޮސް ދުނިޔެއިން އުއްމީދު ކެނޑޭ ހިސާބަށް އެކަން ބޮޑުވެގެން ހިނގައިދެއެވެ.

ދަންނަވަން މި އުޅޭ ވާހަކައަކީ، އިންސާނާއަށް ކެތްނުކުރެވޭ ވަރުގެ ބޮޑެތި ކަންތައްތަކާ ކުރިމަތިވެ، އެކަމުގައި އެހީތެރިކަން ފޯރުކޮށްދެވޭފަދަ އެއްވެސް ފަރާތެއް ނެތި ހަތަރު އުދަރެސް ފެނުޖެހޭ ވަގުތު، އޭނާގެ އުއްމީދުގެ ހުޅުކޮޅު ނިވިޔަނުދީ ހިފަހައްޓައިދޭ އެއްޗަކީ އިސްލާމީ ޢަޤީދާއެވެ. އެ ޢަޤީދާ އޭނާއަށް ކަށަވަރުކޮށްދޭ ކަމަކީ، އެހީތެރިވާނެ އެކަކު ނެތަސް، އޭނާ ހެއްދެވި، ހުރިހައިކަމަކަށް ކުޅަދުންވަންތަ ﷲ ތަޢާލާ އޭނާއާ އެކުގައި ވާހާ ހިނދަކު، އޭނާއަށް ގެއްލުން ދެވޭނެ އެއްވެސް ފަރާތެއް ނުވާ ކަމެވެ. ބަޔަކުމީހުން އޭނާ އަންދާލުމަށްޓަކާ ބޮޑު ސިންގާ އަލިފާންގަނޑެއްގެ މެދަށް ވައްޓާލިކަމުގައި ވިޔަސް، ﷲ ތަޢާލާގެ އަމުރުފުޅާއި ނުލައި، އެ އަލިފާނަށްވެސް އޭނާ އަންދައި ނުލެވޭނެކަމެވެ. އެހެންކަމުން، އިބްރާހީމް ޢަލައިހިއްސަލާމް، އެކަލޭގެފާނާ ކުރިމަތިވެ ވަޑައިގެންނެވި މި ބޮޑު އިމްތިޙާނުގައި ސާބިތުކަން ހޯއްދެވީ މި ދެންނެވި ޢަޤީދާއިންނެވެ. އަދި އެކަލޭގެފާނުގެ ޒުވާން ދަރިކަލުންނާ ކުރިމަތިވެވަޑައިގަތް ޛަބަޙަ ކުރެއްވުމުގެ އިމްތިޙާނުން ދަރިކަލުންނާއި ބައްޕާފުޅު ފާސްވެވަޑައިގެންނެވީ ވެސް މި ދެންނެވި ޢަޤީދާއިންނެވެ. އަދި އިސްމާޢީލް ޢަލައިހިއްސަލާމްގެ މަންމާފުޅު ހާޖަރު، އެއްވެސް ދިރުމެއް، ހިޔާވަހިކަމެއް ކެއިންބުއިމުގެ ވަސީލަތެއްނެތް ހަނަފަސް ސަހަރާގައި ސާބިތުކަމާއެކު، ގިނިކަންޏާ ހުންނެވީވެސް މި ދެންނެވި ޢަޤީދާގެ ބާރުގައެވެ. ކީރިތި ޤުރްއާނުގައިވާ އިބްރާހީމް ޢަލައިހިއްސަލާމާއި އެކިއެކި ނަބީބޭކަލުންގެ މިފަދަ އެތައް ވާހަކަތަކެއް ތަކުރާރުކޮށް އައިސްފައިވުމުގެ ބޭނުމަކީ، މީސްތަކުންގެ ހިތްތަކުގައި މި ދެންނެވި ޢަޤީދާ ނުގުޑާނެފަދަ ގޮތެއްގައި ހަރުލެއްވުމެވެ.

ކޮވިޑް ބަލިޖެހޭ މީހުންނާ ބެހޭގޮތުން ޑޮކްޓަރުން ކަންބޮޑުވެވަޑައިގަންނަވާ އެއްކަމަކީ، ބަލިން ކުރާ ނޭދެވޭ އަސަރަށްވުރެ، ބަލި ޖެހޭ ބައެއް މީހުން، ނަފްސާނީ ގޮތުން ބަލިކަށިވެގެންދާ ދިޔުމެވެ. އަދި މި ލިޔުން ފަށައިގަތުމުގައި އަޅުގަނޑު އިޝާރަތްކުރި ދެ ކޭސްފަދަ ކިތަންމެ ކޭހެއް، މިފަދަ ޢާލަމީ ވަބާތަކުގެ ޙާލަތްތަކުގައި، ބަލި ނުޖެހޭ މީހުންގެ ތެރެއިންވެސް ފާހަގަވެގެން އަންނަކަމީވެސް ކަންބޮޑުވާން ޖެހޭ ކަމެކެވެ.

ވީމާ، މިފަދަ ނަފްސާނީ ބަލިތަކުން މުޖްތަމަޢުގެ އަފްރާދުން ސަލާމަތްކޮށް ދުޅަހެޔޮ ޞިއްޙަތެއް ހޯދައިދިނުމުގައި ކަމާބެހޭ ފަރާތްތަކަށް ކޮށްދެވޭނެ އެންމެ މުހިއްމުކަމަކީ، އަފްރާދުންގެ ހިތްތަކުގައި، އިސްލާމީ ޢަޤީދާގެ ބިންގާ، އެންމެ ކުޑައިރުއްސުރެ އަޅައިދީ، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމެވެ.

ކީރިތި ރަސޫލާ ﷺ އަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ތަރުބިއްޔަތުގައި އެންމެ އަރައިހުންނެވި، ލާމަސީލު އުސްތާޒެވެ. އެހެންކަމުން މި ލިޔުން ނިންމާލަން ޤަސްދުކުރަނީ، ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން ޒުވާން ޞަޙާބީއަކަށް އެކަލޭގެފާނު ދެއްވި ވަރަށް މަތިވެރި ފިލާވަޅަކުންނެވެ.

މި ފިލާވަޅާ ގުޅޭ ހަދީޘް ރިވާވެގެން އައިސްފައިވަނީ، މަޝްހޫރު ޞަޙާބީއެއް ކަމުގައިވާ، އިބްނު ޢައްބާސް- رضي الله عنهما- ގެ އަރިއަހުންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްދުވަހަކު ތިމަންކަލޭގެފާނު، ރަސޫލުﷲ ﷺ ގެ (ޖަމަލުކޮޅުގެ)ފަހަތުގައި، އެކަލޭގެފާނުގެ ފަހަތްޕުޅުގައި އިންނަވަނިކޮށް ޙަދީޘްކުރެއްވިއެވެ. [އޭ ކޮއިފުޅާއެވެ! ކޮއިފުޅަށް ތިމަންކަލޭގެފާނު، ކަލިމަތަކެއް ދަސްކޮށްދެއްވާހުށީމެވެ. ކޮއިފުޅު ﷲގެ ޙައްދުތަކަށް (ޙައްޤުތަކާއި އަމުރުފުޅުތަކާއި ނަހީތަކަށް) ރައްކާތެރި ވާށެވެ! އޭރުން ﷲ، ކޮއިފުޅު ރައްކާތެރި ކުރައްވާހުއްޓެވެ. ކޮއިފުޅު ﷲގެ ޙައްދުތަކަށް (ޙައްޤުތަކާއި އަމުރުފުޅުތަކާއި ނަހީތަކަށް) ރައްކާތެރި ވާށެވެ! އޭރުން ﷲ، ކޮއިފުޅާއެކު ވޮޑިގެންވާހުއްޓެވެ. ކޮއިފުޅު ކަމަކަށް އެދޭނަމަ، ﷲ ގެ ޙަޟްރަތުން އެދޭށެވެ! އަދި އެހީތެރިކަމަށް އެދޭނަމަވެސް ﷲ ގެ ޙަޟްރަތުން އެދޭށެވެ! އަދި ދަންނާށެވެ! ކޮއިފުޅަށް ކަމެއްގައި ފައިދާއެއް ހޯދައިދިނުމަށްޓަކައި، މުޅި އުއްމަތުގެ އެންމެން މަސައްކަތް ކުރިކަމުގައި ވިޔަސް، ﷲ ކޮއިފުޅަށްޓަކައި ލިޔުއްވާފައިވާ ކަމެއްގެ ފައިދާއެއް މެނުވީ، އެ މީހުންނަކަށް ހޯދައެއް ނުދެވޭހުއްޓެވެ. އަދި ކަމެއްގައި ކޮއިފުޅަށް ގެއްލުމެއް ދިނުމަށްޓަކައި އެބައިމީހުން މަސައްކަތް ކުރިކަމުގައި ވިޔަސް، ކޮއިފުޅަށްޓަކައި ﷲ ލިޔުއްވާފައިވާ ކަމެއްގެ ގެއްލުން މެނުވީ، ނުދެވޭހުއްޓެވެ. ތަޤްދީރުވަނީ ލިޔެވި ނިމިފައެވެ.]