މިއީ ނަވާރަ ސަތޭކަ ފަސްދޮޅަހުގެ ފަހު އަހަރުތަކުގައި އުތުރު ރަށެއްގައި ހިނގި ހާދިސާއެކެވެ. މި ހާދިސާ ކިޔައިދެއްވީ މިކަން ހިނގި ރަށުގެ ރައްޔިތެކެވެ.
ކޭލަކުނަކީ ހދ އަތޮޅުގައި އޮންނަ ފަޅު ރަށެކެވެ. މި ރަށަކީ ކުރީގައި ވަރަށް ބޮޑު ރަށެކެވެ. އެހެންކަމުން ކައިރި ރަށްރަށުގެ މީހުން ކޭލަކުނުގައި ދަނޑުވެރިކަން ކުރެއެވެ. މިގޮތުން ފަސްދޮޅަހުގެ އަހަރުތަކުގައި ދަނޑުވެރިކަން ކުރުމަށް އެރަށަށްދާ އާއިލާ ތަކުގެ މީހުން ގިނަ ދުވަހު އެރަށުގައި މަޑުކުރަންޖެހޭތީ އެތާގައި ނިދާލެވޭނެ ފެންވަރުގެ ތަންތަން ހަދައިގެން އުޅެއެވެ. މި ދެންނެވި ތަންތަނަކީ ފަނުން ހަދާފައި ހުންނަ ކުދި ގެތަކެވެ. އެ ޒަމާނަކީ ކަރަންޓުގެ ޚިދުމަތް ލިބޭ ޒަމާނެއް ނޫން ކަމުން ރޭގަނޑު ވުމުން އަލިކުރުމަށް ބެނުން ކުރަނީ ފުޅި ބައްތިއެވެ.
މި ފަނުން ހަދާފައި ހުންނަ ކުދި ގެތަކުގައި އެމީހުންގެ ޒަރޫރީ ބޭނުންތައް ފުދޭވަރަށް ފަރުނީޗަރާއި ތަކެތިވެސް ހަދާފައި ހުރެއެވެ. މިގޮތުން ނިދާނެ އަށްޓާއި ކައްކައި ކައި ހެދޭނެ އިންތިޒާމުވެސް މި ގެތަކުގައި ހަމަޖެހިފައި ވެއެވެ.
މިގޮތަށް އުޅޭ އާއިލާ ތަކުގެ ގެތައް އަޅާފައި ހުންނަނީ ކައިރި ކައިރީގައި ކަމުން ކަމެއް ދިމާވުމުން އެކަކު އަނެކަކަށް ގޮވާލާ އެހީތެރިވުމަށް ފަސޭހަ ވެއެވެ.
ކޭލަކުނަށް ދަނޑު ހެއްދުމަށް އާއިލާތައް ދާއިރު ކުދި ބޮޑު އެންމެން ދެއެވެ. އެ އާއިލާއެއްގައި ތިބި ހުރިހާ ކުޑަކުދިން ވެސް މެއެވެ. މިގޮތުން އެއް އާއިލާއަކުން އެރަށަށް ދަނޑުވެރިކަން ކުރަން ދިޔައިރު ގާތްގަޑަކަށް ދޮޅު އަހަރުގެ (ކިރިޔާ ފިޔަވަޅު އެޅޭވަރުގެ) ފިރިހެން ކުއްޖަކާއި އަދި އޭނާގެ ދޮށްޓައްތިބި ކުދިންނާއި މިކުދިންގެ މަންމައާއި ބައްޕަދިޔައެވެ. މި ދޮޅު އަހަރުގެ ކުޑަ ކުއްޖާއަކީ އޭރު އުޅޭ ބައްޔެއް ކަމަށްވާ ކަސް އަޅައިފައިވާ ކުއްޖެކެވެ. އެހެން ކަމުން ގައިގެ ވަރަށް ގިނަތަންތަން ފާރުވެފައިވެއެވެ. މި އާއިލާ އެރަށަށް ގޮސް ދަނޑުވެރިކަމުގެ މަސައްކަށތް ފަށަން ދާން ވީއިރަށް މި ކުޑަ ފިރިހެން ކުއްޖާ ނިދައިފިއެވެ. އެހެންކަމުން އެކުއްޖާ މި މީހުން މިއުޅޭ ފަން ގޭގެ ތެރޭގައި ހުރި އަށިގަނޑެއްގައި ބޭއްވުމަށްފަހު އެހެން އެންމެން މަސައްކަތަށް ދިޔައެވެ. ކުއްޖާގެ ގައިގައި ކަސްއަޅާ، ދޮހާއި ދިޔަ އަންނާތީ ނޫންކަމެއްވެސް ނޭންގެއެވެ. ކުއްޖާގެ ގައިގާ ފޮތިކޮޅެއް ނޫނީ އުނަގަނޑުގައި ރޮދިފަށެއްވެސް އަޅާފައި ނެތެވެ.
މިމީހުން ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅުމަށްފަހު ދަރިފުޅުގެ ޚަބަރު ބަލާލަން އައިއިރު ދަރިފުޅެއް ނެތެވެ. އެހެންކަމުން ކައިރި ހިސާބުތައް ހޯދަން ފެށިއެވެ. އަދި ކައިރީގައި ދިރިއުޅޭ އަވައްޓެރިންގެ ގޭގެވެސް ބެލިއެވެ. މި ސޮރު ނުފެނި ގިނަ އިރު ވާންފެށުމުން މިރަށަށް ދަނޑުވެރިކަން ކުރުމަށް އައިސް އުޅޭ ހުރިހާއެންމެން ވެގެން މި ސޮރު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ނަމަވެސް ދުވަހުގެ އިރު އޮއްސުނު އިރުވެސް މި ކުއްޖާގެ ހިލަމެއް ނުވިއެވެ. އެންމެ ފަހުން އެގޮތްމިގޮތުން މިޚަބަރު އަތޮޅު އޮފީހާއި ހަމައަށްވެސް ފޮނުވައިފިއެވެ. އެހެންކަމުން އަތޮޅު އޮފީސް މެދުވެރިކޮށް ވޯކީ ޓޯކީގެ ޒަރިއްޔާއިން އަތޮޅުގެ އެހެން ރަށްރަށަށްވެސް މި ޚަބަރު ފޮނުވާ އަތޮޅުގެ ހުރިހާ ރައްޔަތުން މިކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އަދި ކޭލަކުނަށްވެސް އިތުރަށް މީހުން ގޮސް ރޭގަނޑާއި ދުވާލު މިކުއްޖާ ހޯދުމުގެ މަސައްކަތް ކުރާތާ ތިންވަނަ އަށްވީ ދުވަހުގެ އިރު އޮއްސެން ކައިރި ވެފައިވަނިކޮށް އެ ފަޅު ރަށުގެ ތޮށިމަތީގައި ފެނުންމައްޗަށް ހިކިފައިފައި އިން ގަލެއްގެ މަތީގައި މި ކުއްޖާ އިންދާ ފެނިއްޖެއެވެ. ހުރިހާއެންމެންވެގެން ކުއްޖާ އިން ދިމާއަށް ދާން މޫދަށް އެރުނު ވަގުތު މޫދުން ރަށުގެ އެއްގަމަށް އަރައިގެން ދިޔަ އަންހެނަކު ފެނުނެވެ. އެއީ ކޭލަކުނުން މީގެ ކުރިން ފެނުނު މީހެއްނޫނެވެ. އަދި ދަނޑުވެރިކަމުގެ މަސައްކަތުގައި އެރަށަށް އައިސް އުޅުނު އަންހެނެއް ނޫންކަން ވެސް އެރަށުގައި އުޅުނު މީހުނަށް އެނގުނުވެ. މި އަންހެންމީހާ ގޮނޑުދޮށުން އެއްގަމަށް އެރުމާއެކު ގެއްލިއްޖެއެވެ.
ދެން މިކުއްޖާ ހޯދަން އުޅުނު މީހުންނާއި އޭނާގެ އާއިލާ ކުއްޖާ އިން ގަލާ ހަމައަށް ދިޔައިރު އޭނާ އިނީ ފައިން ލޮނުގޮނޑާ ކުޅެލަ ކުޅެލައެވެ. އަދި އޭނާގެ ގައިގައި ނަގާފައި އޮތް ކަސްތަކާއި ފާރުތައްވެސް ވަނީ އެއްކޮށް ފިލާފައެވެ.
ކުއްޖާ ގޮވައިގެން އޭނާގެ އާއިލާ ރަށަށް އައިފަހުން ޚަބަރު ލިބުނު ގޮތުގައި މި ކުއްޖާ ގެއްލިގެން މި އުޅުނު ތިން ދުވަހު އޭނާ ގޮވައިގެން އޭނާގެ މަންމަ ހދ. އަތޮޅުގެ މޮޅު، ބޭސް ވެރިއަކު އިންނަ ރަށަކަށް ގޮސް ބޭސް ކުރި ކަމަށް މި ބޭސް ވެރިޔާ ބުނެއެވެ. ކުއްޖާ ގެއްލިގެން ފެނުނު ގޮތުގެ ވާހަކަ އަޑު އިވުމުން މި ބޭސްވެރިޔާ ކުއްޖާއަށް ބޭސް ކުރުމުން އޭނާގެ މަންމަ ދިން ފައިސާ ނަގާ ބަލާލިއިރު ހުރީ މިރިހި ފަތް ކަމުގައި ވެއެވެ. އަދި މިކުއްޖާ ފެނުނު ފަހުން އެއްރެއަކު އޭނާގެ މަންމަ ނިދާފައި އޮއްވާ ހުވަފެނެއްގައި އަންހެނަކު އައިސް ބުނެއެވެ. އަހަރެން އޭނާ ގެންދިޔައީ ކަލޭމެން އޭނާއަށް އަޅާ ނުލީމައެވެ. އޭނާގެ އުނަގަނޑުގައި ރޮދިފަށެއް އޮތްނަމަވެސް އަހަރެން އޭނާ ނުގެންދިޔައީމުހެވެ.
މި ގެއްލުނު ކުއްޖާ މިހާރުވެސް ދުނިޔޭގައި ގަދަވެ ސަލާމަތުން ހެޔޮ ހާލުގައި އެބަހުއްޓެވެ. މިހާރު ފަންސާހުގެ އަހަރުތައް ގުނަމުންދާ މި މީހާ ގެއްލިފައި ފެނުނުފަހުން ބިޗުލެއް ކަށި ޖެހިޔަސް އެ ބިޗުލެއް މަރުވާ ކަމަށް ވެއެވެ. އަދި މަކުނެއް ހެފިޔަސް އެމަކުނެއްވެސް މަރުވެއޭ ބުނެއެވެ.