ކޮވިޑް ހާލަތު ގޯސްވުމާ ގުޅިގެން ރ. ދުވާފަރުގައި މިއަދުން ފެށިގެން 24 ގަޑިއިރަށް ކާފިއު ހިންގަން ނިންމައިފިއެވެ.

ދުވާފަރު ކައުންސިލްގެ ނައިބް ރައީސް އިޒްމީލް އަހުމަދު ސޮއިކުރައްވައި ނެރުއްވި އިއުލާނެއްގައި ބުނީ އެ ރަށުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން 24 ގަޑިއިރުގެ ކާފިއުއެއް ހިންގަނީ އެއް ހަފުތާގެ މުއްދަތަށް ކަމަށެވެ.

އަދި އެ މުއްދަތުގެ ތެރޭގައި ރަށުގެ ހުރިހާ ގެއަކުން ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ކާފިއު ހިންގި ނަމަވެސް ވިޔަފާރިކުރުމަށް ކޮންމެ ގެއަކަށް ވެސް ފާހެއް ދޫކުރުމަށް ނިންމާފައިވާއިރު ފާސް ލިބޭ މީހުންނަށް ހެނދުނު 8:00 އާއި މެންދުރު 12:00 އާ ދެމެދު ވިޔަފާރި ކުރުމަށް ނިކުމެވޭނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

ދުވާފަރުގައި ކޮވިޑްގެ އެކްޓިވް 54 ކޭސް އުޅޭ ކަމަށް އެ ރަށު ހެލްތު ސެންޓަރުން ބުނެއެވެ.