ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރު ތަކުގެ މައްސަލައިގައި، ދައުވާ ކުރަން ފޮނުވާފައި ނުވާތީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޑެޕިއުޓީ ޗެއާ، ޑރ. ޝާހު މާހިރު އަނބުރާ އޮފީހަށް ނުކުތުމުގެ ހުއްދަ ރައީސް އޮފީހުން ދީފި އެވެ.

ވެންޓިލޭޓަރުތައް ގެންނަން ކުރި މަސައްކަތްތަކުގެ ތެރޭގައި، ކޮރަޕްޝަން ހިމެނޭކަމަށް ބުނެ، ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ހިމެނޭގޮތަށް އެމިނިސްޓްރީގެ އިސް 11 ފަރާތަކަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައެވެ.

އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ، އެ މައްސަލަ ނިމެންދެން ސަސްޕެންޑް ކޮށްފައި ތިއްބެވި ބޭފުޅުންނެވެ. ސަސްޕެންޑްކުރި ބޭފުޅުންގެ ތެރޭގައި ޑރ. ޝާހު ހިމެނި ވަޑައިގަންނަވައެވެ. ނަމަވެސް އޭސީސީން ބުނެފައި ވަނީ ޝާހު ކުރެއްވި މަސައްްކަތްތަކުގައި އޭނާގެ މައްޗަށް ތުހުމަތު ނުކުރެވޭކަމަށާއި އެހެން ކަމުން އޭނާގެ މައްޗަށް ދައުވާކުރަން ނުފޮނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުން މިއަދު ޑރ. ޝާހަށް ފޮނުވި ސިޓީއެއްގައި، އޮފީހަށް ނުނިކުމެ މަޑު ކުރައްވަން ރައީސް އޮފީހުން އެންގި އެންގުން ބާތިލް ކޮށްފައިވާ ކަމަށް ވަނީ ވިދާޅުވިއެވެ. އަދި މިއަދުން ފެށިގެން ޑރ. ޝާހުއަށް އޮފީހަށް ނިކުންނެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.