އިހުޒަމާނުގައި ރާއްޖެތެރޭގެ ރަށްރަށަށް ވަރަށް ތަދު ދުވަސް ވަރެއް އައެވެ. މި ދުވަސްވަރު ފަޅު ރަށެއް ލިބިފައި އޮތުމަކީ ނަސީބެކެވެ. އެއީ ފަޅު ރަށެއް ލިބުމުން އެ ރަށެއްގައި ދަނޑުވެރިކަންކޮށް ކާބޯތަކެ ހޯދައި އިތުރުވާ އެއްޗެއް ވިއްކައިގެންވެސް ރަނގަޅު އާމްދަނީއެއް ލިބެއެވެ.
މިގޮތުން ށ. އަތޮޅު ކަނބާލިފަރަކީ ބޮޑު، ދަންޑުވެރިކަން ކުރަން ވަރަށް ރަނގަޅު ރަށެކެވެ. ކަނބާލިފަރު އޮންނަނީ ށ. ފިރުނބައިދޫއާއި ޅައިމަގާ ދޭތެރޭގައެވެ. އެހެންކަމުން މި ދެރަށުގެ ރައްޔިތުން ވެސް ކަނބާލިފަރު އެއީ އެރަށެއްގެ ތަނަކަށް ހަދަން ބޭނުންވެއެވެ. މިކަމުގެ ސަބަބުން މި ދެރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަންގެއްލި ހަމަ ނުޖެހުންތައް ވެސް ހިނގައެވެ. މިހާ ކައިރީގައި އޮންނަ ދެރަށެއްގެ ރައްޔިތުންގެ މެދުގައި މިފަދަ ހަމަނުޖެހުމާއި ރުޅިވެރިކަން އޮންނާތީ މި ކަނބާލިފަރުގެ މައްސަލަ ހައްލު ކުރުމަށް އޭރުގެ އަތޮޅުގެ ވާރުވެރިޔާ މަސައްކަތް ފެއްޓެވިއެވެ. ފަހަކަށް އައިސް އަތޮޅުވެރިކަމޭ ކިޔައި އުޅުނަސް ކުރީގައި އަތޮޅު ތަކުގައި ކުރަނީ ވާރު ކަމެވެ. އެ ޒަމާނުގައި ށ. އަތޮޅުގެ ވާރު ވެރިރަށަކީ ޅައިމަގެވެ.
ވާރުވެރިޔާ މި މައްސަލަ ހައްލު ކުރުމަށްޓަކައި ދެ ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް އެންގީ ޖެހިގެން އަންނަ ދުވަހު ކަނބާލިފަރު އެންމެ ކައިރީ ކޮންރަށަކާތޯ ބަލާ މައްސަލަ ހައްލު ކޮށްދޭނެ ކަމަށެވެ. ތިމަންނަ އެދުވަހު ދެރަށަށް ފެންނަ ގޮތަށް ޅައިމަގު ދޮންބީ މަގު އަތިރި މައްޗަށް ދިދަ އެއް ނަގާނަމެވެ. އެ ދިދަ ނެގުމުން ދެރަށުގެ ރައްޔަތުން ދޯނި ތަކުގައި ކަނބާލިފަރަށް ދާން ފުރަން ވީއެވެ. އެންމެ ފުރަތަމަ، ކަނބާލިފަރަށް ދެވޭ ރަށެއްގެ ބަޔަކީ އެރަށާ އެންމެ ކައިރި ރަށް ކަމަށް ނިންމާނީއެވެ.
ދެން އަނެއް ދުވަހު ހެނދުނަށް ދެރަށުގެ ރައްޔަތުން ތައްޔާރުވެ ދޯނިތަކަށް ފަލިތަކާ ކަނބާނެ ރިއްދަނޑި ތަކާ އަރުވައިގެން ދިދަ ނަގާނެ ވަގުތަކަށް އިންތިޒާރުކޮށްގެން ތިއްބެވެ.
ފިރުނބައިދޫ މީހުން ދޯނިތައް ފުރެންދެން އެރުވީ ބޮންބެވެ. ރިއްދަނޑިތަގު (ކަނބަން ގެންގުޅޭ ދަނޑިތަކުގެ) ފުލުގައިވެސް ހަރުކުރީ ބޮންބެވެ. ދެން ދިދަ ނެގުމާއެކު ދެރަށުގެ މީހުން އޮޑިތަކުގައި ފުރައިގެން ކަނބާލިފަރާދިމާއަށް ދަތުރުފެށިއެވެ. ފިރުނބައިދޫމީހުން ފުރައިގެން ކުޑަ ތަންކޮޅަކަށް ދެވުމާއެކު އޮޑިތަކަށް އެރުވި ބޮނބިތައް ދޫކުރަންފަށައިފިއެވެ. ޅައިމަގު މީހުން ބަލައި ލިއިރު ކަމަކުދާކަންނެތެވެ. ފިރުނބައިދޫމީހުންގެ އޮޑިތައް މިއޮތް ކަނބާލިފަރާ ގާތް ކުރީއެވެ. އެހެން ހީވާނެތާއެވެ. އެމީހުންގެ އޮޑިތައް ކައިރީން މި އޮއްފެންނަނީ ހިކިފައިވާ ގާތަކެކެވެ. އަނެއްކާ އެމީހުން ކަނބަންވެސް ފަށައިފިއެވެ. ކަނބަން ގެންގުޅޭ ދަނޑިތައްވެސް ފެންނަނީ ވަރަށް ތިލާގައި ޖައްސާތަނެވެ. ފުލުގައި ބޮނބި ހަރުކޮށްފައި ހުރުމުން ދަނޑިތައް އަޑިއަކަށް ނުދާނެތާއެވެ. ޅައިމަގު މީހުން މާޔޫސްވެގެން އަނބުރާ ރަށުކޮޅަށް އޮޑިތައް އަނބުރާލިއެވެ. ފިރުނބައިދޫ މީހުންގެ މޮޅު ބުއްދީން ކަނބާލިފަރު ހޯދިއެވެ.
ކަނބާލިފަރު ހަގީގަތުގައި ވެސް އެންމެ ކައިރީ ފިރުނބައިދު އާއެވެ. މި ރަށް މިހާރު ވަނީ ރިސޯޓު ހެދުމަށް ދޫކުރެވިފައެވެ.