ޗައިނާއިން މިޔަންމާރއަށް ބެލެސްޓިކް މިސައިލް ވިއްކައިފިއެވެ. މިޔަންމާރުން ދައްކާފައި ވަނީ ޗައިނާގެ އެސްވައި400 ބެލެސްޓިކް މިސައިލް އެވެ. މިޔަންމާރު ވެގެން ދާނީ ޤަތަރު ފިޔަވައި ޗައިނާއިން ބޭރުގައި މި ވައްތަރުގެ މިސައިލް ބޭނުން ކުރާ ދެވަނަ ގައުމަށެވެ. ޗައިނާއިން ޤަތަރަށް މި ބާވަތުގެ މިސައިލް ވިއްކާފައި ވަނީ 2017ގައެވެ.

ޗައިނާ އޭރޯސްޕޭސް ޓެކްނޮލޮޖީ ކޯޕަރޭޝުން އުފައްދާފައިވާ މި ބެލެސްޓިކް މިސައިލަކީ އައު ޖީލުގެ ކުރިއަރާފައިވާ މިސައިލެކެވެ. އެހެން މިސައިލްތަކާ ޚިލާފަށް މިއީ ކޮންމެ ދިމާއެއްގައި ހުރި އަމާޒުފަތްގަނޑަކަށްވެސް ފަސޭހަކަމާއެކު ހަމަލަ ދެވޭ ވައްތަރުގެ މިސައިލެކެވެ.

އެހެން ގައުމުތަކުން އުފައްދާ ފައިވާ މިބާވަތުގެ މި ސައިލަކީ، އޭގެ ބެރެލްއަށް މިސައިލްތައް ލުމަށްފަހު އަމާޒުކުރަން ބޭނުންވާ ދިމާއަށް ކަތިކޮށްލައި ހުރަހަށް ފޮނުވާލާ މިސައިލްތަކެވެ. ޗައިނާގެ އެސް ވައި 400 އަކީ ކަތި ކުރުމަކާ ނުލައި ހުރި ގޮތަށް އަބަދުވެސް އޮލަނބަށް ބަހައްޓައިގެން ފޮނުވާލާ މިސައިލެކެވެ. އަދި މިއީ އުފައްދާއިރު އޭގައި ޖީޕީއެސް ހަރުކޮށް ރޭޑާ ބޭނުންކޮށްގެން އަމާޒުފަތްގަނޑަށް ފޮނުވާ ލެވޭ ވައްތަރުގެ މިސައިލެކެވެ. މިއީ މިގޮތަށް ޑިޒައިން ކޮށްފައިވާ މިފަދަ ހަމައެކަނި މިސައިލެވެ.

ޗައިނާއިން ބުނެފައިވާ ގޮތުން އެސްވައި400 އަކީ ކޮންމެ ފަދަ ސަތަހައެއްގައިވެސް އޭގެ އުޅަނދު ދުއްވިދާނެ އެއްޗެއް ކަމަށެވެ. މީގެ ރާސްތާއަކީ 400 ކިލޯ މީޓަރެވެ.

މިޔަންމާރުން ވަނީ މީގެ ކުރިން އުތުރު ކޮރެއާއިންވެސް ބެލެސްޓިކް މިސައިލް ގަތުމަށް މަސައްކަތް ކޯށްފައެވެ. އުތުރު ކޮރެއާއިން ވިއްކަނީ އެގައުމުން ޑިވެލޮޕްކޮށްފައިވާ ސްކޮޑް މިސައިލްގެ ވައްތަރެކެވެ. ޗައިނާގެ އެސްވައި400 އަކީ އެތައް އަހަރެއް ވަންދެންވެސް ސާވިސް ކުރުމަކާ ނުލައި އޭގެ ކޮންޓެއިނާގައި ރައްކާކޯށްފައި ބެހެއްޓީދާނެ ވައްތަރުގެ މިސައިލެއްކަމަށް ގްލޯބަލް ޑިފެންސުން ރިޕޯޓް ކުރެއެވެ.