ޝެންހާއީގެ ފަރަންސޭސި އަވަށުގައި 1921ގައި ޗައިނާ ކޮމިއުނިސްޓް ޕާޓީ ވުޖޫދަށް ގެނައި ބައްދަލުވުމުގައި އެއްވެސް އަންހެނަކު ބައިވެރިވެފައެއް ނުވެއެވެ. ޖެހިގެން އައި، 100 އަހަރުގެ ތެރޭގައި އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ޗައިނާ ތަރައްގީތަކެއް ހޯދައި އަންހެނުންގެ ތައުލީމާއި ބާރުވެރި ކުރުމުގައި މުހިންމު ކާމިޔާބީތަކެއް ހޯދިއިރުވެސް ދައުލަތުގެ މަތީ މަގާމުތަކުގައި އަންހެނުންނަށް ކުރިއެރުންތަކެއް ދީފައެއް ނުވެއެވެ. އެހެންވެ، މިއަދު ސީޕީސީން 100 އަހަރު ފާހަގަ ކުރާއިރު، ސިޔާސީ މަތި ފަޑީގައި އަދިވެސް ތިބީ ފިރހެނުންނެވެ. އެހެންވެ، އަންހެނުންގެ ހައްގުގައި ފެންނާން ހުރި މަންޒަރުތައް ނިކަން ބަނައެވެ.

· ޗައިނާ ކޮމިއުނިސްޓް ޕާޓީ (ސީޕީސީ)ގެ 92 މިލިއަން މެމްބަރުންގެ ތެރޭން އަންހެނުންގެ އަދަދަކީ، 28 މިލިއަންއެވެ. ގާތްގަނޑަށް 30 އިންސައްތައެވެ.

· ޗައިނާގެ ގާނޫނުހަދާ މަޖިލިސް، ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގައި ސިޔާސީ މަޝްވަރާ ދިނުމުގެ އެންމެ އިސް ގުނަންކަމަށްވާ، ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ފަސްބައި ކުޅަ އެއްބަޔަކީ އަންހެނުންނެވެ.

· 1949ގައި ސީޕީސީ ވެރިކަމަށް އައިފަހުން ޗައިނާގެ އެންމެ ސިޔާސީ ގުނަން ކަމަށްވާ، ޕޮލިޓް ބިއުރޯ ސްޓޭންޑިންގ ކޮމިޓީގެ އެއްވެސް މަގާމަކަށް އަންހެނަކު އައްޔަން ކޮށްފައެއް ނުވެއެވެ.

· ޗައިނާ ޕޮލިޓްބިއުރޯގެ 25 މެމްބަރުންގެ ތެރޭގައި ހިމެނެނީ އެންމެ އަންހެން މެންބަރެކެވެ. ޕޮލިޓްބިއުރޯއަކީ ސްޓޭންޑިންގ ކޮމިޓީއަށް ލަފާ ދޭ ގުނަން އެވެ.

ޗައިނާގެ ސަރަހައްދީ ސަރުކާރުތަކުގައިވެސް އަންހެނުންނަށް އިސްކަމެއް ދެވިފައެއް ނުވެއެވެ.

· ސަރަހައްދީ ފެންވަރުގައި އާއި މުނިސިޕަލް ލީޑަރޝިޕްގައިވެސް 10 އިން ސައްތައަކީ، އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑިތަކެވެ. ބައެއް ފަހަރަށް މި ދިހަ އެއް އިންސައްތަ ފުރުމަށްވެސް އަންހެން މެމްބަރުން ނުލިބެއެވެ.

· ސަރަހައްދުތަކުގައި އަންހެނުން މަތީ މަގާމުތަކުގައި އުޅޭ ނިސްބަތް އުޅެނީ، 9.33 އިންސައްތައިގައެވެ. ސިޓީ ފެންވަރުގައި އުޅޭނީ 5.29 އިންސައްތައިގައެވެ.

އަންހެނުންނަށް ޗައިނާގެ ސިޔާސީ ނިޒާމުގައި މަތީ މަގާމުތައް ނުފުރެނީ، ސަގަފީ އަދި، ނިޒާމީ މައްސަލަތަކާ ހެދިއެވެ.

· އަންހެނުން އިސް މަގާމުތަކަށް އައުމުގެ ކުރިން، ސަރަހައްދީ މަގާމުތަކަށް އަންނަން ވަގުތު ނަގައެވެ. އަދި އެމީހުން ސަރަހައްދުގެ މަތީ މަގާމުތަކަށް އަންނަ އިރު ތިބެނީ އުމުރު ހަމަވެފައެވެ. އެހެންވެ، އިތުރު މަތީ މަގާމަށް ދިއުމަށް އެމީހުންގެ އުމުރުގައި ތަނެއް ނޯވެއެވެ.

· ޗައިނާގައި ސިވިލް ސާވިސްއާއި ސަރުކާރު ކުންފުނިތަކުގައި ފިރިހެނުންނަށް ވުރެން ފަސް އަހަރު އަވަހަށް އަންހެނުން ރިޓަޔަރ ކުރަން ޖެހެއެވެ.

· މިއަށް ބަލާއިރު ފެންނަނީ، މުޅި ނިޒާމުވެސް ފިރިހެނުންނަށް ފަހިވާގޮތަށް ބައްޓަން ކޮށްފައި ވަނިކޮށެވެ.

· އަންހެނުންނަށް ބައެއް ދައުރުތަކާއި ވަޒީފާތައް ޚާއްސަ ކޮށްފައި ހުރެއެވެ. އެގޮތުން އިޖުތިމާއީ ދާއިރާއާއި ޕްރޮޕެގެންޑާގެ ދާއިރާއާއި އަންހެނުންނަށް ވަޒީފާތައް ޚާއްސަ ކުރެވިފައި ވެއެވެ.

· އަންހެނުންނަށް ގެވެހިދައުރުތައް ޚާއްސަ ކުރެވިފައި ވެއެވެ. އެހެންވެ، އާންމު ވިސްނުމަކީ ގެއިން ބޭރުގައި އަންހެނުންނަށް މާބޮޑު ދައުރެއް ނެތް ކަމަށެވެ.