އެއީ 1984 އެވެ. މިސިޒް މާރިޔާ ޑޮލޮރެސް ޑޮސް ސަންތޯޝް އަށް އޭނާ ބަނޑުބޮޑު ވެއްޖެކަން އެނގިއްޖެއެވެ. އޭރު ވެސް އޭނާގެ ކުޑަކުޑަ 3 ކުދިން ތިއްބެވެ. 4 ވަނަ ފަހަރަށް މި ބަލިވެ އިނީ އޭނާ އިތުރު ކުއްޖަކު ބޭނުން ވެގެނެއް ނޫނެވެ.
މިކަމާ ކަންބޮޑު ވެގެން އުޅެއުޅެފައި މިސިޒް ޑޮލޮރެސް ގޭކައިރީގައި ހުންނަ ހޮސްޕިޓަލަކަށް ވަދެފައި ޑޮކްޓަރުން ކައިރިން ދަރިވައްޓަން އެހީއަށް އެދުނެވެ. އެހެނަސް ޑޮކްޓަރުން ބުނީ އެއިރު ބަލިވެއިންތާ މާ ގިނަ ދުވަސް ވެފައިވާތީވެ އެ މަރުހަލާގައި ދަރިވެއްޓުން ރައްކާތެރި ނޫންކަމަށެވެ. އަދި ލަފާ ދިނީ ދަރިފުޅު އާދައިގެ ގޮތަށް ވިހެއުމަށެވެ.
ޑޮކްޓަރުންގެ މި ލަފައާ މިސިޒް ޑޮލޮރެސް ހިތްހަމައެއް ނުޖެހުނެވެ. ގެޔަށް ގޮސް ވިސްނަވިސްނާފައި އޭނާ ނިންމީ ޑޮކްޓަރުންގެ އެހީއާއި ނުލައި އމިއްލައަށް ދަރި ވެއްޓުމަށެވެ. މީހުން ބުނާ އެކިބާވަތް ބާވަތުގެ ފަތްޕިލާ ވެއްޔާއި އެހެނިހެން އެއްޗެތި ބޭނުންކުރިއެވެ. އަދި ބައިވަރު ހޫނު ވައިން ވެސް ބުޔެވެ. ބުރަ މަސައްކަތް ވެސް ކުރިއެވެ. އެކަމަކުވެސް ދަރިއެއް ނުވެއްޓުނެވެ. ކޮންމެފަހަރަކު ވެސް ހާލު ބޮޑުވެފައި ހޭއަރަނީ ހޮސްޕިޓަލުގައެވެ.
ގޮތް ހުސްވެގެން އެންމެ ފަހުން ވިހަންދެން މަޑުކޮށްލީއެވެ. 1985 ގައި އޭނާ ވަރަށް ހަރަކާތްތެރި ސިއްހަތު ރަނގަޅު ފިރިހެން ކުއްޖަކު ވިހެއެވެ. ފަހުން އެ ކުއްޖާވީ މަންމައްއަށް ވަރަށް ހެއު ދަރިއަކަށެވެ. މަންމަ ބައިންދަނީ ވެސް ރަނިކަނބަލެއް ހެނެވެ. ބޭނުންހާ ކަމެއް ކޮށްދީގެނެވެ.
އެ ކުއްޖާ ބޮޑުވެގެން މިހާރު ވެފައިވަނީ ދުނިޔޭގެ އެންމެ މަޝްހޫރު އެކަކަށެވެ. އޭނާގެ ނަމަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.