ރާއްޖެ އަށް އެންމެ ފައިދާ ހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މައުމޫން މިއަދު ވިދާޅުވީ ރާއްޖޭގެ ޙާލަތާ އެންމެ ގުޅޭ އަދި ރާއްޖެއަށް އެންމެ ފައިދާ ހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމާފައިވަނީ ވެސް ހަމަ ރިޔާސީ ނިޒާމު. ވީމާ ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއް ނެތް. ވަރަށްސާފު" މައުމޫން ވިދާޅުވިއެވެ.

ރޭ ކުރިއަށްދިޔަ "އާސްކު ސްޕީކާ" ޕްރޮގްރާމްގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ހިންގުން އެންމެ ރަނގަޅު ވާނީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ކަމަށާއި އެގޮތުން އެ ބަދަލު ގެނައުމަށް 2022 ވަނަ އަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުން އެއީ މުހިއްމު ކަމެއް ކަމަށެވެ.