ޗައިނާއިން އުއިގޫރު މީހުންގެ ހައްގަށް އަރައިގަންމުންދާ މައްސަލަ ކުށްވެރި ކުރަމުން އިނގިރޭސިވިލާތުގެ ޕާލަމެންޓްގެ ކޮމިޓީއަކުން ވަނީ ޗައިނާއަށް އިނގިރޭސިވިލާތުން އިތުރަށް ފިއްތުމަށް ބާރުއަޅުއްވާފައެވެ. ޕާލަމެންޓްގެ މި ކޮމިޓީގެ މެމްބަރުންނަކީ އެކި ޕާޓީތައް ތަމްސީލުކުރާ މެމްބަރުންނެވެ. މި މީހުން ލީޑް ކުރައްވަނީ ކޮންސަރވެޓިވް އެމްޕީ ޓޮމް ޓުންގެންޑާރޓްއެވެ.

ޓުންގެންޑަރޓް ވިދާޅުވިގޮތުގައި ޗައިނާއިން އުއިގޫރު މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަކީ ޑޮކިއުމެންޓް ކުރެވިވާ ދެ ބަސްވުމެއް ނެތް ޖަރީމާތަކެއް ކަމަށެވެ. އެހެންވެ، ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރުން ޗައިނާއަށް ފިއްތުންތައް ކުރިމަތި ކުރަން ވާނެ ކަމަށެވެ. އަދި ފިނި މޫސުމްގައި ބެއިޖިންގގައި އޮލިމްޕިކްސް އޮންނަ އިރުވެސް ޗައިނާއަށް ޗައިނާގެ އަމަލުތަކާ މެދު އިނގިރޭސި ސަރުކާރާއި އިނގިރޭސި ސަރުކާރާ ގުޅިފައިވާ ފަރާތްތަކުން ނުރުހޭކަން ޗައިނާއަށް އެނގެންވާނެ ކަމަށެވެ.

ޔޫކޭގެ ޕާލަމެންޓްގެ ކޮމިޓީން ވަނީ ޝިންޖިއާއިން އުފައްދާ ކަފައާއި އެ ކަފައާ ގުޅުން ހުރި އުފެއްދުންތައް އިނގިރޭސިވިލާތަށް އެތެރެ ނުކުރާން ނިންމުމަށްވެސް ބާރު އަޅާފައެވެ.

ޕާލަމެންޓްގެ މެމްބަރުން ވަނީ ޝިންޖިއާންގައި ޗައިނާއިން ގެންގުޅޭ ސިޔާސަތުތައް ކުށްވެރިކޮށް، 37 ސަފްހާގެ ރިޕޯޓެއްވެސް ނެރެފައެވެ. މި ރިޕޯޓްގެ ނަމަކީ، ނެވަރ އެގެއިން: ދަ ޔޫކޭޒް ރެސްޕޮންސިބިލިޓީ ޓު އެކްޓް އޮން އެޓްރޯޝިޓީޒް އިން ޝިންޖިއާންގ އެންޑް ބިޔޮންޑް އެވެ.