އަބްދުﷲ ކަމާލުއްދީން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ދަފްރަތުން އުނިކޮށް ދެއްވުމަށް އެދި އިލެކްޝަން ކޮމިޝަނަށް ސިޓީ ފޮނުވާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ސިޔާސީ ޕާޓީއެއް އުފައްދަން އަބްދުﷲ ކަމާލުއްދީން ހުށަހެޅި ފޯމް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ވަނީ ބާޠިލް ކޮށްފައެވެ. އީސީން ބުނީ އެ ފޯމު ބާތިލުކުރީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ ކަމަށެވެ.

މިކަމާ ގުޅިގެން އެމްއާރްއެމްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޢަބްދުﷲ ކަމާލުއްދީން އެ ޕާޓީން ވަކިކޮށްދިނުމަށް އެދި 29 ޖޫން 2021 ގައި ވަނީ ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. އަދި އެމްއާރްއެމްގެ ދަފްތަރުން އޭނާގެ ނަން އުނިވެފައި ނެތީ އިދާރީގޮތުން ކުރަންޖެހޭ ކަންކަން ނުކުރެވި އޮތުމުން ކަމަށެވެ.

"މިހާރު ވާނީ އަބްދުﷲ ކަމާލުއްދީންގެ ނަން އުނި ކޮށް ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައި،" އެމްއާރުއެމް އިން ބުންޏެވެ.

ކަމާލުއްދީން މުއައްސިސަކަށް ހުރެ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ނުވަތަ ނެޝަނަލް ސޮލިޑާރިޓީ ޕާޓީގެ ނަމުގައި، އާ ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.