ޔޫތް މިނިސްޓްރީ އާއި ޖެންޑަރ މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 2 ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.

އެގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޔަން ކުރައްވާފައިވަނީ މއ. ބޯގަންވިލާ، ޙުސައިން އިސްމާޢީލް އެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ މ. ބާންސާގެ، މުޙައްމަދު ޝިހާބު އެވެ.

ޔޫތް މިނިސްޓްރީއަށް އައްޔަން ކުރެއްވި ޙުސައިން އިސްމާޢީލް އަކީ ބެލްޖިއަމްގެ އިކޮނިމިކްސް ސްޓަޑީ ބިއުރޯ ބަރޖް އިން ޑިޕްލޮމާއިން މާކެޓިންގ އެންޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނިންގ ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މި މަޤާމަށް ޢައްޔަނުކުރެއްވުމާއި ހަމައަށް ޙުސައިން އިސްމާޢީލްއަކީ ލ. ފޮނަދޫ ދާއިރާގެ އެމް.ޑީ.ޕީ ޤައުމީ މަޖިލީހުގެ ރައީސް އެވެ. އަދި ޙުސައިން އިސްމާޢިލަކީ ހީޓް ހެލްތް އެންޑް ފިޓްނަސް ގެ ޗެއަރމަން ވެސް މެއެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސް ޔޫތް އެންޑް ސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރގެ މަޤާމުވެސް ޙުސައިން އިސްމާޢީލް ވަނީ އަދާކުރައްވާފަ އެވެ.

މުޙައްމަދު ޝިހާބަކީ އިންޑިޔާގެ ނިއުދިއްލީގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަލް ޕްލޭނިންގ އެންޑް އެޑްމިނިސްޓްރޭޝަން އިން ޑިޕްލޮމާ އިން އެޑިއުކޭޝަނަލް ޕްލޭނިންގ އެންޑް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މުޙައްމަދު ޝިހާބަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑް މެންބަރުކަމާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ޗައިލްޑް ރައިޓސް އެމްބެސެޑަރުކަން މިހާރުވެސް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އަދި އޭނާ ވަނީ މީގެ ކުރިން ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމު ވެސް ފުރުއްވާފަ އެވެ.

މީގެ އިތުރުން ވެސް މުޙައްމަދު ޝީހާބު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަޤާމާއި، މަޖީދިއްޔާ ސްކޫލްގެ އެސިސްޓަންޓް ޕްރިންސިޕަލްގެ މަޤާމު ވެސް ފުރުއްވާފަ އެވެ.