ޒަމާނުއްސުރެ ދިވެހިން ވަރަށް ކުލަގަދަކޮށް އަޟުޙާ ޢީދު ފާހަގަ ކުރެއެވެ. އެކި ހިސާބުތަކުގައި ތަފާތު ކުޅިވަރުތަކާއި ޢިޖުތިމާޢީ ޙަރަކާތްތައް ކުރިއަށް ގެންދެއެވެ. ބައެއް ރަށްރަށުގައި ޢީދު އައުމުގެ ކުރިން ޢީދަށް ތައްޔާރުވުމަށް ގިނަ ކަންތައްތަކެއް ކުރެއެވެ. މިގޮތުން ތ. އަތޮޅު ކިނބިދޫގައި ބޮޑު ޢީދަށް ތައްޔާރު ކުރާ ޢީދު ކުނބުސް މިއީ ފާހަގަ ކޮށްލެވޭ ޢިޖުތިމަޢީ ހަރަކާތެކެވެ.

ޢީދު އައުމުގެ ތިންދުވަސް ކުރިން ކިނބިދޫމީހުން ތައްޔާރުކުރުމަށް ފަށާ މި ބޮޑު ކުނބުސް ހެދުމުގައި އެރަށުގެ ރައްޔަތުން ބައިވެރިވެއެވެ. އަންހެނުން ނާއި ފިރިހެނުން ކުދި ބޮޑު އެންމެހައި ރައްޔިތުން އެއްބައިވެގެން ތައްޔާރުކުރާ މި ކުނބުސް އަކީ ފޮނި ކާއެއްޗެކެވެ.

މިއަހަރުގެ ޢީދު ކުނބުސް ތައްޔާރުކުރުމަށް ކިނބިދޫ މީހުން ފެށީ މި ޙައްޖުމަހުގެ ހަތްވަނަ ދުވަހުއެވެ.

ކުނބުސް ތައްޔާރު ކުރަނީ ގަބުޅި ހުންޏާއި ދޯބުރާލި ހަކުރާއި ގޮދަން ފުށާއި ދިޔާ ހަކުރު އަޅައިގެނެވެ. މިއީ ދިވެހިން ހުނިހަކުރު ހިލާ ގޮތަށް ތާހުގައި ހިލައިގެން ހަދާ ފޮނި ކާއެއްޗެއްކަމަށް ކިނބިދޫ ކައުންސިލުގެ ރައީސް އަލީ ޙުސެއިން ބުނުއްވިއެވެ.

މިއަހަރުގެ ކުނބުސް ހެދުމަށް 600 ގަބުޅީގެ ހުނި އެޅިއެވެ. މިއަހަރު ކިނބިދޫ މީހުން ފިހުނު ޢީދު ކުނބުސްގެ ދިގުމިނަކީ 8 ފޫޓެވެ. އަދި ފުޅާ މިނުގައި 3 ފޫޓު ހުއްޓެވެ. މިދިއަހަރު ކުނބުސް މިއަށްވުރެވެސް ބޮޑުކަމަށް ކިނބިދޫއިން ވާހަކަދެއްކި މީހަކު ބުނުއްވިއެވެ.

މި ކުބުހަށް ގަބުޅި އާއި ހަކުރު އެޅުމަށްފަހު ތާސްތަކުގައި ހިލަނީއެވެ. ވަލުން ދަރުހޮވައިގެން ދަރު އުނދުނުގައި މިއަހަރު ކުބުސް ހިލީ 10 ތާހުގައެވެ.

ކުބުސް ހިލުމަށްފަހު ކެޔޮފަތުގައި ޖަހައިގެން ފިހަނީއެވެ. ކުބުސް ފިހުމަށްޓަކައި ބޮޑު ވަޅުގަނޑެއް ކޮނެ، އެ ވަޅުގަނޑުތެރޭގައި ބޮނބިއަންދާ އަނގުރު ހަދައެވެ. އެއަށްފަހު ތައްޔާރު ކުރި ކުބުސް ކެޔޮފަތަށްލާ އެ ވަޅުގަނޑުގައި ފިހެއެވެ. ކުރީ ޒަމާނުގައި ކެޔޮފަތުގައި ފިހާ މި ކުބުސް މިހާރު ފިހަނީ އެލްމެނިޔަމް ފޮއިލް ގައެވެ.

މިއަހަރު ކުބުސް ފިހަން ފެށީ ރޭގަނޑު 11 ޖަހާކަންހާއިރު ކަމަށް ކައުންސިލުގު ރައީސް ބުނުެއްވިއެވެ. އަދި ޑިއުޓީ ބަހައިގެން ކުބުސް ފިހުމަށް މީހުން ތިއްބެއެވެ. ފަތިހު އަންހެންވެރިން އައިސް މި ކުބުސް ފިހެވިއްޖެތޯ ބަލާފައި ނުފިހެވޭނަމަ، އަނެއްކާވެސް މައްޗާއި ދަށަށް އަނގުރު އަޅައި އިތުރަށް އަންދައެވެ.

ކުބުސް ހިލުމުގެ މަސައްކަތުގައި

ކުރީގައި ކިނބިދޫމީހުން ކުބުސް ފިހުމަށްފަހު ޢީދު ނަމާދުން ފައިބައިގެން އައިސް ބޮޑު ޖަމާޢަތުގައި މި ކުބުސް ކެއުން އޮވެއެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ބޮޑު ޖަމާޢަތް ހަދައިގެން މިކަން ކުރެވެން ނެތުމުން ޢީދު ނަމާދުން ފައިބައިގެން އަންނަ އިރު ފޮއިލަށް ނޫނީ ކޮތަޅަށްލާ ބަންދުކޮށްގެން ބަހާލާގޮތަށް ހަމަޖެެހިފައިވާ ކަމަށް ރައީސް ބުނުއްވިއެވެ.

ކުބުސް ހިލުމަަށް ބޭނުވާ ގަބުޅި ގާނަނީ

ކިނބިދޫގައި ތައްޔާރުކުރާ ޢީދު ކުބުހަކީ ވަރަށް ކުރީ ޒަމާނުންވެސް އެރަށުގެ ޢީދުޙަރަކާތެކެވެ. އާދަކައިދައިގައި ހިމެނޭ އިޖުތިމާޢީ ޙަރަކާތެކެވެ.

ދިވެހިރަޢްޖޭގެ އެކި ރަށްރަށުގައި ޢީދު ފާހަގަ ކުރުމަށް މިފަދަ އިޖުތިމާޢީ އެއްބައިވަންތަކަކަމުގެ ޙަރަކާތްތައް ކުރިއަށް ގެންދެއެވެ. އާދަކަދާއި ޘަގާފަތް ދަމަހައްޓައެވެ.

ކުބުސް ހިލުމަަށް ބޭނުވާ ގަބުޅި ގާނަނީ

އަޅުގަނޑުމެން ހުރިހާދިވެހިންގެވެސް އުންމީދަކީ، އާދަކަދައިގައި ހިމެނޭ މިފަދަ ޢިޖުތިމާޢީ ޙަރަކާތްތައް ބޭއްވޭނެ ފަދަ ދުވަހެއް މިންވަރު ކުރެއްވުމެވެ. މީސްތަކުން އެއްބައިވެ އެއްބައިވަންތަކަމުގެ ޙަރަކާތްތައް ހިންގޭނެ ދުވަހެއް މިންވަރުކުރެއްވުމެވެ.