ރާއްޖެ ސިޔާސީ އަނދަވަޅަކަށް ވެއްޓުމުގެ ކުރިން ދިވެހިން އަތުކުރި އޮޅާލައި ގައުމު ސަލާމަތް ކުރުމަށް ނުކުންނަންޖެހޭ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ކުރީގެ ރައިސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތް ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޝަރީފް ވިދާޅުވީ ކޮވިޑް ހާލަތުން އަރައިގަތުމަށް މަސައްކަތްކުރާ ވަގުތެއްގައި ސިޔާސީ ގޮތުން ބާރުވެރިކަން ހޯދުމަށް ގައުމު ބައިބައިކުރުން ރަނގަޅު ނޫން ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ މިހާލަތުގައި ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ ހާލަތުގައި ސިޔާސީ ލީޑަރުންގެ މެދުގައިވާ ކޯޅުން ނެތުމަކީ ކޮންމެހެން ވެސް މުހިއްމު ކަމެއް ކަމަށެވެ.

"ކޮވިޑާއެކު މީހުންގެ ދިރިއުޅުން އެފުށް މިފުށަށް އެދަނީ ޖެހެމުން. ގިނަ ބަޔަކަށް އެ އުޅެނީ ކާނެ އެއްޗެއް ވެސް ނުލިބިގެން،" ޝަރީފް ވިދާޅުވި އެވެ.