ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭނެ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނީ ވިލިމާލޭގައި ބަގީ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަންނަ މަހުގެ 11 ވާ ބުދަ ދުވަހު 10:00 ގައި އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ ގެ ހަތަރު ވަނަ ފަންގިފިލާގައި އޮންނަ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.

މި މަސައްކަތުގެ ތަފުސީލް މައުލޫމާތު ކަރުދާސް، މައުލޫމާތު ސެޝަންގައި ހަވާލުކުރެވޭނެ ކަމަށާއި ސިޓީ ކައުންސިލުން ދޭ މައޫލޫމާތާ އެއްގޮތަށް ވިލިމާލޭގައި ބަގީގެ ޚިދުމަތްދޭން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ސިޓީ ކައުންސިލުން ހުޅުވާލާފައިވަނީ އަންނަ ސެޕްޓެމްބަރ 12 ދުވަހުގެ ނިޔަލަށެވެ.

ވިލިމާލޭގައި އެންމެ ފުރަތަމަ ބަގީގެ ހިދުމަތް ދޭ ފަށާފައިވަނީ 2014 ވަނަ އަހަރު އެވެ. އޭރު ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ "ނައިންޓީ ނައިން ހޯލްޑިންގްސް" ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާ އެވެ.

އެ ކުންފުނިން ވިލިމާލެއަށް ބަގީގެ ޚިދުމަތް ތަޢާރަފުކޮށްފައިވަނީ "99 އިކޯ ކެބް ސާވިސަސް"ގެ ނަމުގަ އެވެ. ނަމަވެސް އެ ކުންފުނިން އެކަށީގެންވާ ގޮތަކަށް އެ ހިދުމަތް ނުދެވޭތީ ގިނަ ބަޔަކު ޝަކުވާކުރެ އެވެ.