ރޫސީވިލާތާއި އިރުމަތީ ޔޫރަޕުން ރާއްޖެއަށް އިތުރު އެއާރލައިންތަކުގެ ދަތުރުތައްފެށުމުގެ މަޝްވަރާތަކުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުޞޫމް ބައިވެރިވެވަޑައިގަންނަވައިފިއެވެ.

އެގޮތުން ރޫސީވިލާތުގައި ގާއިމުކޮށްފައިވާ ޓުއަރއޮޕަރޭޓިންގ ދިވެހި ކުންފުންޏެއްކަމުގައިވާ ރިޒޯރޓުލައިފް ހޮލިޑޭސްއާއި ރެޑުވިންގްސް އެއާރލައިން އާއި ގުޅިގެން މޮސްކޯއާއި ރާއްޖެއާއި ދެމެދު ސީދާފުލައިޓުތައް ފެށުމުގެ ގޮތުން ޖުލައި 21 ގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި މިނިސްޓަރ މަޢުޞޫމު ބައިވެރިވެވަޑައިގެން ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި މައުލޫމަތު އެ އެއާރލައިން އޮޕްރޭޓުކުރާ ޒިއާޓުއާރސް އަދި މޮސްކޯގެ ޒުކޮވުސްކީ އިންޓަރނޭޝަނަލް އެއަރޕޯރޓުގެ ސީއީއޯ މރ. ތޯމަސް ވައިސްވިލާއާ ހިއްސާކޮށްދެއްވިއެވެ.

އެ ބައްދަލުވުމަށްފަހު ޒިއާޓުއަރސް އާއި ރިޒޯރޓުލައިފް ހޮލިޑޭސް އާއި ދެމެދު އެކަމާއި ގުޅޭގޮތުން އެމްއޯޔޫ އެއްގައި ސޮއެކުރުން އޮތެވެ. ރިސޯރޓުލައިފުގެ ފަރާތުން އެމްއޯޔޫގައި ސޮއެކުރެއްވީ ސީއީއޯ މުޙައްމަދު ޝާޒު ވަލީދް އެވެ. ޒިއާޓުއާރސްގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ ސީއީއޯ އެވެ. އެމްއޯޔޫގައި ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރަޝީޔާ މާރކެޓުގެ މުހިންމުކަމާއި، ރަޝިޔާގެ ފަތުރުވެރިންނަށް ރާއްޖެއިން އުފަލާއިއެކު މަރުހަބާ ކިޔަމުން ގެންދާނެކަން މިނސްޓަރ މަޢުޞޫމް ފާހަގަކުރައްވާ، ދިވެހިރާއްޖެ މަގުބޫލު މަންޒިލަކަށް ހެދުމަށް ރަޝިޔާގެ ޓްރެވަލް ޓްރޭޑް ޕާރްޓްނަރސް ކުރައްވާ މުހިންމު މަސައްކަތްތަކަށް ޝުކުރު އަދާ ކުރެއްވިއެވެ.

މީގެ އިތުރުން ޖުލައި 22 ވަނަދުވަހު ރިޒޯރޓުލައިފް އާއި ނޯރޑުވިންޑްސް އެއާލައިންއާއި އެކުބޭއްވި މަޝްވަރާތަކުގައިވެސް މިނިސްޓަރ މަޢުޞޫމް ބައިވެރިވެ ވަޑައިގެން ރާއްޖެއަށް ދަތުރުފެށުމަށް އެއާރލައިންތަކަށް ހުރިފުރުސަތުތަކަށް އަލިއަޅުވާ ލެއްވިއެވެ. ވަކިން ޚާއްސަކޮށް ގޭން އިންޓަރނޭޝަނަލް އެއަރޕޯރޓަށް ދަތުރުތައްފެށުމަކީ ސަރުކާރުން ވަރަށްބޮޑަށް އެދޭކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

މި މަޝްވަރާތަކުގައި ވިލާ ހޮޓެލްސްގެ ސީއީއޯ އިބްރާޙިމް ސިޔާދު ޤާސިމް އާއި، ވިލާ ހޮޓެލެސްގެ ބިޒިނިސް ޑިވޮލްޕްމަންޓް ޑިރެކްޓަރ މުރާދު ހަސަން ވެސް ބައިވަރިވެވަޑައިގެންނެވިއެވެ.

ރިޒޯރޓުލައިފް ހޮލިޑޭސްގެ ދައުވަތަކަށް މިނިސްޓަރ މަޢުޞޫމް ކުރައްވާ މިދަތުރުގައި ޓޫރިޒަމް މިނިސްޓްރީގެ އެގުޒެކެޓިވް ޑިރެކްޓަރ ތޮއްޔިބު ޝަހީމްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ދަތުރުގައި މޮސްކޯގައި ހުންނަ ރިޒޯރޓުލައިފް ހޮލިޑޭސްގެ އޮފީހަށް މިނިސްޓަރ ޒިޔާރަތްކުރައްވާ އެއޮފީސް ބައްލަވާލައްވާ، ސީއީއޯ ވަލީދު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވަމަށް ކުރައްވާ މިންނެތް މަސައްކަތް ފާހަގަކުރައްވާ، ވަލީދުއަށާއި ވަލީދުގެ ޓީމަށް ޝުކުރު އަދާކުރެއްވިއެވެ.

ރޫސީވިލާތާއި އިރުމަތީ ޔޫރަޕުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ދަނީ އިތުރުވަމުންނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %23.8 އަކީ ރޫސީވިލާތުގެ ފަތުރުވެރިންނެވެ.