އެމެރިކާގައި ގާނޫނާ ޚިލާފަށް ޗައިނާގެ އެޖެންޓުންނަށް ވެގެން އުޅުނު ނުވަ މީހަކަށް ދައުވާ ކޮށްފިއެވެ. މިމީހުންގެ ތެރޭގައި ހިމެނެނީ ޗައިނާ މީހުންނާއި ޗައިނާ ދަރިކޮޅުގެ މީހުންނެވެ.

މިމީހުންނަށް އެމެރިކާއިން ކުރާ ތުހުމުމަތަކީ، ޗައިނާ ސަރުކާރުގެ އެންގުމަށް އެމެރިކާގައި ބަޔަކަށް ފާރަވެރިވުމާއި ތުރާކުރުމާއި ފަސްފަހަތުން ބޯކޮޅު ބަލައި ހެދުމާއި، ޗައިނާއަށް އެނބުރި ދިއުމަށް ބަޔަކަށް މަޖުބޫރު ކުރުމެވެ.

ޗައިނާއިން ބޭރުގައި ދިރިއުޅޭ މީހުން ޗައިނާއަށް އަނބުރައި ގެންދިއުމަށް ބެއިޖިންގއިން ހިންގާ އޮޕަރޭޝަނަކީ، އޮޕަރޭޝަން ފޮކސް ހަންޓެވެ. ތުހުމަތު ކުރެވުނު އެންމެންނަކީވެސް އޮޕަރޭޝަން ފޮކްސް ހަންޓްގައި އުޅުނު މީހުންނެވެ.

ބޭރުގެ ސަރުކާރަކަށް ފައިދާ ހޯދައި ދިނުމަށް އެމެރިކާގައި މަސައްކަތް ކުރާނަމަ، ފާރާ ގާނުނުގެ ދަށުން އެބަޔަކު ރަޖިސްޓްރީވެ، އެމީހުންނަށް ލިބޭ މާލީ މަންފާ ސަރުކާރަށް ރިޕޯޓް ކުރަން ޖެހެއެވެ.

އެމެރިކާގެ ބަންޑާރަ ނާއިބު ބުނެފައިވަނީ ރަޖިސްޓްރީ ނުވެ ބޭރުގެ ސަރުކާރަކަށް ފައިދާ ހޯދައިދޭން މަސައްކަތް ކުރާ ކޮންމެ ބައެއްގެ ފަސްފަހަތުން ގޮސް އެބަޔަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ދައުވާ ކޮށްފައިވާ ނުވަ މީހުންގެ ތެރޭން ހަތަރު މީހުންނަކީ ޗައިނާގެ ރައްޔިތުންނެވެ. ދެން ތިބި މީހުންނަކީ ޗައިނާ ދަރިކޮޅުގެ އެމެރިކާގެ ރައްޔިތުންނެވެ. މިއިން އެކަކަކީ އެމެރިކާއަށް ޖާސޫސްކޮށް ދިނުމުގައި އުޅޭ މީހެއްކަމުން މިމީހާގެ ވަނަވަރު ވަނީ ސިއްރުކޮށްފައެވެ. އަދި މިމީހުން ޗައިނާއަށް ގެންދަން ލަވަމުން ދިޔަ ދެމަފިރިންގެ ނަންވެސް ވަނީ ސިއްރުކޮށްފައެވެ.

އެމެރިކާއިން ބުނާ ގޮތުގައި މި ދެމަފިރިން ޗައިނާއަށް އަނބުރައި ގެންދިއުމަށް ޗައިނާއިން 2012 އާއި 2014ގައިވެސް މަސައްކަތް ކޮށްފައި ވެއެވެ. އަދި މިމީހުންނަކީ ޗައިނާގައި ކޮރަޕްޝަންގެ މައްސަލައެއްގައި އަދާލަތަށް ބޭނުންވެފައިވާ ބަޔެއްކަމަށް ދައްކައިގެން އިންޓަރޕޯލްގެ ރެޑް ނޯޓިސްއެއްވެސް ބެއިޖިންގ އިން ނެރެ އަމާޒަކަށް ހަހދާފައިވާ ބަޔެކެވެ. އެވަރުންވެސް މި ދެމަފިރިން ވަނީ ޗައިނާ އަތު ނުޖެހިފައެވެ.

މި ދެމަފިރިން ޗައިނާއަށް މުހިންމު ވަނީ ކޮންސަބަބަކާ ލައިގެން ކަމެއް ސާފެއް ނުވާކަމަށް މި ރިޕޯޓް ގެނަސްދިން ވޮއިސް އޮފް އެމެރިކާއިން ބުނެއެވެ.