މަހްރަމަކާ ނުލައި އެއްވެސް އަންހެނަކަށް ގެއިން ބޭރަށް ނިކުތުމަކީ މަނާ ކަމެކެވެ. ގޭގެ ބޭރު އޮޅިގަނޑު ގިރާ ކުރަނީނަމަ، އަންހެނާ ހުންނަން ޖެހޭނީ ބޮލުން ފެށިގެން ފައިތިލަ އާ ހަމައަށް ނިވާކޮށްފައެވެ. މިއީ ތާލިބާނުން ހިފާފައިވާ ޑިސްޓްރިކްޓްތަކުގައި އެމީހުންގެ ފިކުރުގެ އިސްލާމީ ޝަރީއާ ތަންފިޒު ކުރުމަށް ޓެރަރިސްޓް ޖަމާއަތް ތާލިބާނުން ގެތަކަށް ބަހަމުންދާ ލީފްލެޓްތަކުގައި ދީފައިވާ އިރުޝާދުތަކެވެ.

1996ގައި މި ޖަމާއަތުން ވެރިކަން ކުރިއިރުވެސް އަންހެނުންނާ މެދު ދެކެފައި ވަނީ އެއީ، ފިރިހެނުންގެ މުނިއުފަލަށާއި ދާން ފަޅުފިލުވުމަށް ގެންގުޅޭ ޝުއޫރެއް ނެތް އިންސާނެއްގެ ގޮތުގައެވެ.

މީގެ އިތުރުންވެސް ބައެއް އިރުޝާދުތައް ލިޔުމަކާ ނުލައި މި ޓެރަރިސްޓް ޖަމާއަތުން ދެމުން ގެންދެއެވެ. އޭގެ ތެރޭގައި އަންހެނުން ޓީވީ ބަލައިގެން ނުވާނެ ކަމަށާއި މޮބައިލް ފޯނު ބޭނުންކޮށްގެން ނުވާނެ ކަމަށްވެސް އަންގައެވެ. އެއީ ފަހަރެއްގައި ހިލޭ ފިރިހެނަކަށް އެމީހުންގެ ކަޅި އެޅި، ނުވަތަ ހިލޭ ފިރިހެނެއްގެ އަޑު އިވިދާނެ ތީއެވެ. އަދި ބައެއް ހިސާބުތަކުގައި އުމުރުން 15 އަހަރު ފުރިފައިވާ އަންހެން ކުދިން ތާލިބާން ހަނގުރާމަ ވެރިންނާ ދެވުމަށް ލިސްޓް ކުރުވުމަށް ވެސް ބާރު އަޅައެވެ.

ތާލިބާންގެ ކޮންޓްރޯލު އޮންނަ ޑިސްޓްރިކްޓްތަކުގައި ފިރިހެނުންނަށްވެސް ޝަރީއާގެ ނަމުގައި ބައެއް އުސޫލުތައް މި ޖަމާއަތުން ހިންގައެވެ. އޭގެ ތެރޭގައި، ފިރހެނުން ތުނބުޅި ބޭލުމަކީ މަނާ ކަމެކެވެ. އަދި ބޯކޮށާ ތަންތަން ބަންދުކުރުމަށް ވަނީ އަންގާފައެވެ. ނަމަވެސް ރޭޒަރު ވިއްކުމާއި ޖިލެޓް ފަދަ ބާވަތްތަކުގެ އިޝްތިހާރާ މެދު ނިންމާފައިވާ ގޮތެއް ސާފެއް ނުވެއެވެ.

ތާލިބާންގެ މުއްލާއިން މި ހުކުރުގައި ދީފައިވާ ޚުތުބާތަކުގައި އިސްލާމީ ޝަރީއާ ތަންފީޒު ކުރުމާ ބެހޭ ގޮތުންނާއި، އަންހެނުންނާއި ފިރިހެނުން އަމަލުކުރަންވީ އިސްވެ ބަޔާން ކުރެވުނު ކަންކަމުގެ މައްޗަށް އަލި އަޅުވާފައި ވެއެވެ.

މި ޖާހިލު ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކުގައި އޮޕަރޭޓްކުރާ އެފްއެމް ރޭޑިއޯ ސްޓޭޝަންތަކުގައި ޖެހުމަށް މަޖުބޫރުކޮށްފައިވާ ލަވަތަކަކީ ތާލިބާނަށް ސަނާ ކިޔާ ލަވަތަކެވެ. އެފަދަ ލަވަތަކަށް ތާލިބާން ބަހުރުވައިން މިކިޔަނީ "ތާލިބާން ތަރާނީ" އެވެ. އެއްވެސް ބާވަތެއްގެ މިއުޒިކެއް ޖެހުމަކީ ބޮޑު ހަރާމުން ހަރާމް ކަމެކެވެ.

އަފްޣާނިސްތާންގެ ކަނބަލުން ތިބީ މި ޓެރަރިސްޓް ޖަމާއަތުން އަންހެން ކުދިން ސްކޫލަށް ދިނުން މަނާކޮށްފާނެތީ އެކަމާ މެދު ބިރުންނެވެ.