ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ މިރޭ އަމީން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

"އަޅުގަނޑު މަގާމުން ދުރުކުރުމަށް ވާންކުރާ ކުރުމަކީ ކޮންމެހެން އަޅުގަނޑަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ނުދެކެމެވެ. އަދި މި ހާލަތާއި ގުޅިގެން މަނިކުފާނާއި ކުރެވުނު މަޝްވަރާއިން ހާލަތު އަޅުގަނޑަށް ވަޒަން ކުރެވުނެވެ. އެހެން ކަމުން މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލުކުރޭތީ، މިއަދުން ފެށިގެން މިނިސްޓަރު އޮފް ހެލްތްގެ މަގާމުން އިސްތިއުފާ ދިފީމެވެ،"

އަމީންގެ ސިޓީގައި ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށާ ރާއްޖޭގެ ސިއްހީ ނިޒާމު ރަނގަޅު ކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތައްވެސް ތައުރީފު ކުރައްވާފައެވެ.

އަމީން އިސްތިއުފާ ދީފައިވަނީ ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައިވަނިކޮށެވެ. އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ވެސް ވަނީ އަމީން ގެ އިތުބާރު އޮތް ކަމަށް ނިންމާފައިވަނިކޮށެވެ.

ނަމަވެސް އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައަޅާ، އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީގެ 24 މެންބަރަކު ސޮއިކޮށްފައިވެއެވެ.

އަމީންގެ މައްޗަށް ދައުވާ ނުކުރަން ނިންމި ނިންމުން ސާފުކޮށް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރުތައް ގަންނަން ހަވާލު ކުރުމުގައި އިދާރީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް ގަބޫލުކުރެވުނަސް، ދައުވާ ނުކުރަން ނިންމީ، އެކަމުގައި އޭސީސީން ފޮނުވާފައިވާ ރިޕޯޓާއި ލިޔެކިއުންތަކުގެ އަލީގައި، އެ ދައުވާތައް ކޯޓުގައި ސާބިތުކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާތީކަމަށްވެސް ޝަމީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.

އަމީންގެ އިތުރުން މީގެ ކުރިން ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރުވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މީގެ އިތުރުން ބޮޑެތި ތުހުމަތު ތަކާއިއެކު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވަނީ މަޤާމުން ވަކިކޮށްފައެވެ. އަލީ ވަހީދު މަޤާމުން ވަކިކުރީ އިސްތިއުފާ ދެއްވަން ރައީސް އެންގެވުމުން އެކަން ނުކުރެއްވުމުން ނެވެ.