އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން މަގާމުން ވަކި ކުރުމަށް އެދި ހުށަހެޅި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އެޖެންޑާ ކޮށްފި އެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެޖެންޑާކޮށްފައިވަނީ މިއަދު ހެނދުނު 11:00 އަށެވެ.

އޭސީސީ އިން ހެލްތުގެ އޮޑިޓް ރިޕޯޓުގެ މައްސަލަ ތަހުގީގު ކޮށް މިނިސްޓަރު އަމީން ހިމެނޭ ގޮތަށް 11 ބޭފުޅަކަށް ދައުވާ ކޮށްދޭން ޕީޖީ އޮފީހަށް ފޮނުވީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދި ކަމަށްބުނެ ދައުވާ ކޮށްދޭށެވެ.

ނަމަވެސް، މި މައްސަލާގައި އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން ޕީޖީ ވަނީ މައްސަލއިގައި ދައުވާ ނުކުރަން ނިންމާފައެވެ.

އެހެނަސް، ޕީޖީ އޮފީހަށް އެ މައްސަލަ ފޮނުވީ ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުރުމުން ކަމަށް ބުނެ އޭސީސީން ވަނީ ދިފާއުގައި ބަޔާނެއް ނެރެފައެވެ.

ރޭގެ ވަގުތެއްގައި އަމީން އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.