ވެންޓިލޭޓަރު ގެނައުމުގައި ހިންގި ކޮރަޕްޝަނަށް ޒިންމާވާންޖެހޭ މީހުންނަށް އަދަބު ދެވެންދެން ރައްޔިތުންގެ މަޖިލިސް ފާރަވެރިވާންޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުުމަތު ކުރެވޭ މައްސަލާގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިންނަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ނިންމައިފައި ވަނިކޮށް އެމްޑީޕީގެ މެމްބަރުންތަކެއް ވަނީ މިނިސްޓަރު އަމީން ވަކިކުރަން މަޖިލީހަށް މައްސަލަ ވައްދާފައެވެ. ނަމަވެސް އަމީން ވަނީ ރޭގެވަގުތެއްގައި އިސްތިއުފާ ދެއްވައިފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، އޭސީސީގެ ތަހުގީގަށް ބިނާކޮށް ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީ ނިންމި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލައިދޭން އެދިވަޑައިގަންނަވާ ކަމަށާ ދައުލަތަށް ގެއްލުނު ފައިސާ ހޯދެންދެން މަޖިލީހުން ފާރަވެރިވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
" އަޅުގަނޑު އެދެން، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިމައްސަލަ އިތުރަށް ބައްލަވައި ދެއްވުމަށް. މި ވެންޓިލޭޓަރުތައް ގަތުމުގައި ބައިވެރިވި ފަރާތްތައް ކަނޑައެޅިގެން ހޯދި އެފަރާތްތަކަށް ހައްޤު އަދަބު ދެވި، އަދި ދައުލަތަށް ގެއްލުންވި ފައިސާ އަބުރާ ދައުލަތަށް ހޯދުން. އެކަން ނިމެންދެން މި މަޖިލިސް މިމައްސަލާގައި ފާރަވެރިކަމާއިއެކީގައި އޮތުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މިމަޖިލީހުގެ ޤާނޫނީ ވާޖިބެއް" މަޖިލިސް ރައީސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާ ނުކުރަން ޕީޖީ ނިންމުމާ އެކު، އޭސީސީ އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އިރު މިއަދުވަނީ އޭސީސީގެ މެމްބަރުން ވަކިކުރަން ހުށަހަޅާ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރެވިފައެވެ.