ބ.ތުޅާދޫގައި އަލަށް ހަދާ 100ހައުސިންގ ޔުނިޓް ދޫކުރާ އުސޫލާއި، އަދި އެރަށު 100ހައުސިންގ ޔުނިޓް ދެ ކެޓަގަރީއަށް ބަހާނި އަދަދާއިމެދު އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ މިކަމަކީ ކަންކަން ލާމަރުޒީކޮށް، ނިންމުންތަކުގައި އާއްމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ފެށި މަސައްކަތެއްކަމަށެވެ.

ބ.ތުޅާދޫގައި ސަރުކާރުން އިމާރާތްކުރުމަށް ހަަމޖެހިފައިވަނީ 100 ހައުސިންގ ޔުނިޓެވެ. މި ގެތަކަކީ 1400އަކަފޫޓުގެ ބަންޑާރަ ބިމުގައި ހަދާ 900އަކަފޫޓުގެ ގެތަކެކެވެ. ކޮންމެ ގެއެއްގައި 3 ކޮޓަރިއާއި 3 ފާޚާނައާއި ބަދިގެއާއި ސިޓިންގ ރޫމް ހިމެނެއެވެ.

ގެތައް ދޫކުރުމަށް ނިންމާފައިވަނީ 2 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ބ.ތުޅާދޫ ރައްޔިތުންނާއި ބ.ތުޅާދުއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެނިހެން ރަށްތަކުގެ މީހުންނަށް ޚާއްސަ ކެޓަގަރީއެވެ.

ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާނީ، ޚިޔާލު ހޯދުމުގެ މަރުޙަލާ ނިންމައި ހައުސިޓް ޔުނިޓް ދޫކުރާނެ ދާއިމީ އުސޫލު އެކުލަވާލެވުމުން ކަމަށް ތުޅާދޫ ކައުންސިލުން މައުލޫމާތުދެއެވެ.

އަތޮޅުތަކުގައި ހައުސިންގ ޔުނިޓް ދޫކުރާ އުސޫލާއި އެކި ކެޓަގަރީތަކަށް ފްލެޓްތަކުގެ އަދަދު ކަނޑައެޅުމަށް އާއްމުންގެ ޚިޔާލަށް ހުޅުވާލި މިއީ ފުރަތަމަ ފަހަރެވެ.