ހެލްތް މިނިސްޓްރީގެ ވެންޓިލޭޓަރުތަކާ ގުޅޭ ކޮރަޕްޝަން މައްސަލައިގައި ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ފުރިހަމަ ނުކޮށް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެ، ޕީޖީ ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގެ ޑިއުޓީ ޕްރޮސިކިއުޝަންއާ ގުޅޭ ތިން ބައްދަލު ވުމެއް އޭސީސީއާ އެކު ބޭއްވުނު ނަމަވެސް، އެ މަރުހަލާ ފުރިހަމަ ކޮށްފައި ނުވާ ކަމަށާ ނަމަވެސް އޭސީސީން ތަހުގީގު ކުރީ 'އަވަސް އަރުވާލައިގެން' ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޕީޖީގެ ވާހަކަތަކާ ގުޅިގެން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ފުރިހަމަ ކުރުމަކީ ގާނޫނުން ލާޒިމު ކުރާ ކަމެއް ނޫން ކަމަށާއި އެއީ 'ޕްރެކްޓިސް' އެއް ކަމަށެވެ. އަދި ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގެ ސަބަބުން ތަހުގީގުތައް ލަސްވާ ކަމަށް ވެސް ވިދާޅުވިއެވެ. ޝިއުނާ ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި ކުރިއަށް ދާން ނިންމީ މައުލޫމާތެއް ހޯދުމަށް ޕީޖީ އޮފީހަށް ފޮނުވުމުން ޖަވާބެއް ނުލިބި ދެ ހަފުތާ މަޑު ކުރުމަށް ފަހުގައި ކަމަށެވެ.

ދުބާއީ ކުންފުނިން ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނާ މައްސަލައިގައި އޭސީސީއިން ކުރި ތަހުގީގަށް ފަހު، ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ހިމެނި ވަޑައިގަންނަވާ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުނަމަވެސް، ޖިނާއީ ދައުވާއެއް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލާފައެވެ. ޕީޖީ އޮފީހުން ބުނެފައި ވަނީ، އެ މައްސަލައިގައި އުސޫލުން ބޭރުން ކަންތައްތަކެއް ހިނގާފައި އޮތް ކަން އެނގެން އޮތް ނަމަވެސް، އެއީ ޖިނާއީ ކުށެއް ސާބިތު ކުރެވޭނެ ހެއްކެއް ނޫން ކަމަށެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން ނިންމި ނިންމުމާ ގުޅިގެން ނެރުނު ބަޔާނެއްގައި އޭސީސީއިން ބުނެފައި ވަނީ ދައުވާ ކުރަން ފޮނުވީ އެކަށީގެންވާ ހެކި ހުރެގެން ކަމަށެވެ. އަދި މައްސަލަ މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

އޭސީސީގެ ރައީސް ޝިއުނާ ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ނިންމާލީ އެތައް ބަޔަކާއި މަޝްވަރާކޮށް އެތައް ކަމެއް ދިރާސާ ކުރުމަށް ފަހު ކަމަށެވެ.

އަޅުގަނޑުމެން 150 ގަނޑުގެ ރިޕޯޓެއް އެދުވަހު އެކަނި ތައްޔާރުކުރެވޭނެ ރިޕޯޓެއް ނޫން އެއީ. އަޅުގަނޑުމެން އެދުވަހުވެސް ބައްދަލުވުމުގަ ފާހަގަކުރި ފަދައިން އެ ދުވަހު އަޅުގަނޑުމެން ނެރުނު ރިޕޯޓުގަވެސް ފާހަގަކުރި ފަދައިން 1600 ޑޮކިއުމެންޓާއި 8 މުއައްސަސާއަކާއި މަޝްވަރާކުރެވި އެތައް ބައިވަރު ބެންކު ސްޓޭޓްމެންޓްތަކެއް ދިރާސާކޮށް އީމެއިލްތަކާއި އެކު، މިއީ އަޅުގަނޑުމެންނަކަށް އޯވަރނައިޓްގަ ކުރެވޭނެ މަސައްކަތެއް ނޫން. މިއީ އެތައް މަހެއްގެ ބުރަ މަސައްކަތް. ޝިއުނާ ވިދާޅުވިއެވެ.

އަންގާރަ ދުވަހު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ އެސީސީގެ ފަސް މެމްބަރުން މަގާމުން ވަކި ކުރުމަށް ހުށައަޅާފައިވީ ނަމަވެސް މިހާރު އެމައްސަލަ ހުސަހެޅުން ވަނީ ފަސްކޮށްފައެވެ. މި މައްސަލަ ހުށައެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ.